ކިތަންމެ މަލާމާތެއް ކުރިޔަސް ނަޒީހާގެ ޅިޔަނަށް [ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް] ދެވަނަ ދައުރު ހޯދާދޭށޭ ކިޔާފައި އޭނާގެ ފައިބުޑަށް ވެއްޓިގަނެގެން ފްލެޓާ ގޯތި ހޯދާކަށް ނުދާނަން،"
މާލެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޫކުރަން ނިންމި ގޯތި ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓްގައި ހިމެނޭ "ދަ ޑިމޮކްރެޓްސް" އަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާއި އެ ޕާޓީގެ އިސް ބޭފުޅުންްނަށް އަމާޒުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ކޮއްކޮ ނަޒީހާ އަހްމަދު ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވެ މެންބަރު ހަސަން ލަތީފާއި މެންބަރު އިމްތިޔާޒް ފަހްމީ ހޫނު ރައްދެއް ދެއްވައިފި އެވެ.
ގޯތި ލިސްޓް ނެރުނުއިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނަން ވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ މެންބަރުން ހިމެނެއެވެ. މެންބަރު ހަސަން ލަތީފާއި އިބްރާހިމް ރަޝީދު (ބޮންޑެ) އާއި މެންބަރު އިމްތިޔާޒް ފަހްމީ އާއި މުހައްމަދު ރަޝީދު (ބޯދިގޭ) އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ އަނބިކަނބަލުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެ މެންބަރުންނަށް ފާޑުވިދާޅުވެ ނަޒީހާ ކުރެއްވި ޓްވީޓްގައި ހިމަނާފައިވާ ފޮޓޯގައި އެ މެންބަރުން ފޮޓޯތަކާއެކު ލިޔެފައި ވަނީ "ގޯއްޗެއް ނުދޭނެޔޭ މި މީހުން ބުނެގެން ކިތަންމެ ބަޔަކު ފޯމް ނުލާ އެބަތިބި" ކަމަށެވެ.
ނަޒީހާގެ އެ ޓްވީޓަށް ހަސަން ލަތީފް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. ހަސަން ވަނީ ނަޒީހާގެ އެ ވާހަކަތައް ދޮގުކޮށް އެފަދަ ވާހަކައެއް ދުވަހަކު ވެސް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ގޯއްޗާއި ފްލެޓް ހޯދަން ރައީސް ސޯލިހުގެ ފައިބުޑަށް ވެއްޓޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ނަޒީހާ. ނޯންނާނެ ފޯމު ނުލާން ބުނެފައެއް. މުޅީން ވެސް ބުނެފައި ހުންނާނީ އަދި ބާރުއަޅާފައި ވެސް ހުންނާނީ ވީހާވެސް ގިނަ މީހުން ފޯމު ހުށަހަޅަން. ކިތަންމެ މަލާމާތެއް ކުރިޔަސް ނަޒީހާގެ ޅިޔަނަށް [ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް] ދެވަނަ ދައުރު ހޯދާދޭށޭ ކިޔާފައި އޭނާގެ ފައިބުޑަށް ވެއްޓިގަނެގެން ފްލެޓާ ގޯތި ހޯދާކަށް ނުދާނަން،" ހަސަން ވިދާޅުވި އެވެ.
އަދި ވިދާޅުވީ ނަޒީހާއަކީ މުދާވެރިކަން އޮތް ބޭފުޅަކަށް ވިޔަސް އެ ޒާތުން އެހެން މީހުންނަށް މަލާމަތް ކުރުމަކީ ވަރަށް ހުތުރު އެހާމެ ނުބައި ސިފަ އެއް ކަމަށެވެ. އަދި ރިސޯޓްތަކާއި މާލޭގައި އެތަށް ހާސް އަކަފޫޓެއްގެ ބިމާއި ގެދޮރުގެ އިތުރުން އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރި އޮތަސް ނަޒީހާމެންނަށް ނުފުދުނު ކަމަށެވެ.
މިހާރު ވެސް ލިބިފައި އޮތް ތަނަވަސް ކަމުން ނުފުދި ނަޒީހާގެ ޅިޔަންބެ -- ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބޮޑު މަގާމެއް ހޯއްދަވާ ބައި ލައްކަ ރުފިޔާގެ މުސާރަ ނަންގަވާ ކަމަށެވެ.
މެންބަރު އިމްތިޔާޒު ވެސް ވަނީ ނަޒީހާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިމްތިޔާޒް ވިދާޅުވި ގޮތުގައި ނަޒީފާއާ އާއިލާއަކީ މުޅި ރާއްޖެ ދިރުވާލައިގެން ތިބި ބައެެކެވެ. އަދި މިހާރު ކުރަމުން ދަނީ އާއިލާގެ ވެރިކަމެއް ކަމަށް ވިދާޅުވެ މިފްކޯގެ އިސް މަގާމެއް ހޯއްދަވާ ބޮޑު މުސާރަ ނަންގަވާއިރު އެ މަގާމު އާދައިގެ ރައްޔިތަަކަށް ނުދިނީ ކީއްވެގެންތޯ ސުވާލު ކޮށްފައިވެއެވެ.
"ތިމާ މީހުން މުޅި ރާއްޖެ ދިރުވާލައިގެން ތި ތިބެނީ. ނުވިތާކަށް ތިޔަ ކުރާ އާއިލީ ވެރިކަމުގައި އެހެން އާދައިގެ މީހަކަށް ނުދީ މިފްކޯގެ މުސާރަ ވެސް ޖަހައިގަނެގެން ތި އިނީ،" އިމްތިޔާޒް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު (އައިކޮ) ވެސް ވަނީ ނަޒީހާއަށް ރައްދު ދެއްވާފައެވެ. ފާތިހު ވަނީ ފޯމް ނުލާން ބުނީ ކާކު ކައިރީގައިތޯ ނަޒީހާއާ ސުވާލު ކޮށްފައެވެ. އަދި ގޯއްޗަކީ ރައީސް ސޯލިހާއި މެޑަމް ފަޒްނާ އަހްމަދުގެ ހެޔޮފުޅު ކަމުން ދެއްވާ އެއްޗެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
"އިބޫ [ރައީސް ސޯލިހް] އާއި ފަޒްނާ [ފަސްޓް ލޭޑީ ފަޒްނާ އަހްމަދު] ގެ ތަރިކަ މުދަލުން ހެޔޮފުޅު ކަމުން ދޭ އެއްޗެހި އުތަ،"
ފާތިހު ވަނީ މިއީ މައިންބަފައިން ނެޔް ދުވަހަކުން ލިބޭން އޮތް 300 އެއްހާ އަކަފޫޓްގެ ބިން ދޫކޮށްލައިގެން ގޯތި ލިސްޓަކަށް ނަން އެރުމަކީ ލަގިރި ޖަހާ ވަރު ކަމެއްތޯ ވެސް ސުވާލު ކޮށްފައިވެއެވެ.
"ނަސީބު މީން މީހެއްގެ އަތުން ބޮޑު ލާރިއެއްވެސް ދުވަހެއްގެ ކޮޅުން ވެެސް ހޯދިފައި ނެތް ކަން،" ނަޒީހާއާ އާއިލާއަށް ނިސްބަތް ކޮށް ފާތިހު ވިދާޅުވި އެވެ.
ފާތިހު ވެސް ވަނީ މާލޭގައި ވިހި، ތިރީސް ހާސް އަކަފޫޓުން ގުނާފަ ބިން ހުރި ބޮޑެތި މިލިއަނަރުން އެ ވަރުންވެސް ނުފުދިގެން މަހަކު ބައި ލައްކަ ރުފިޔާ ލިބޭ ވަޒީފާތައް ސަރުކާރުގެ ކުންފުނިތަކުން ނަގަމުންދާއިރު އެހެން މީހުންނަށް ނިސްބަތްކޮށް އެފަދަ ވާހަކަ ދެއްކުން ހުތުރު ކަމަށް ވިދާޅުވެފައެވެ.
އޭނާގެ އެ ޓްވީޓަށް ނަޒީހާ ވަނީ ޖަވާބު ވެސް ދެއްވާފައެވެ. ވިދާޅުވީ ފުރަތަމަ ވިދާޅުވީ މަހަކު ބައިލައްކަ ރުފިޔާގެ މުސާރައެއް ނުލިބޭ ކަމަށެވެ. އެފަދަ ދޮގު ނުހެދުމަށް އެދިފައިވެއެވެ. އަދި އިރާދަފުޅުން މާލޭގައި ބިން އެބަހުރި ކަމަށާ އެހެން މީހުންނަށް ގޯތި ލިބިމުން ވަރަށް އުފާ ކުރާ ކަމަށެވެ.
"އައިކޮއަށް ވެސް މަރުހަބާ. އިބޫ [ރައީސް ސޯލިހް] އާއި ފަޒޫ [ފަސްޓް ލޭޑީ ފަޒްނާ އަހްމަދު] ގެ ތަރިކަ މުދަލެކޭ ނުބުނަން. އެކަމަކު ހަތަރު ރައީސުން އަރާ ފޭބިއިރު އައިކޮއަށް ބިން ކޮޅެއް ދިނީ އިބޫ،" ނަޒީހާ ވިދާޅުވި އެވެ.
ނަޒީހާއަކީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުންނެވެ.
އަދިވެސް ރައީސް އިބޫ އަކަށް ނުވާނޭ ގޮވާ! ދެން ބުނޭ އެއީ ލިސްޓެކޭ! އެލިސްޓްވެސް ހެދުނީ އަދި ހަދަން އެގުނީ ވެސް ރައީސް އިބޫ އަށެވެ.