"ގާނޫނު ތަންފީޒު ކުރުމުގައި ވެސް އޯގާތެރިކަން އިސްކުރެވެން އޮތް ހާލަތުތަކުގައި އޯގާތެރިކަން އިސްކުރުމަކުން ގާނޫނީ ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ އެވެ،"
ގާނޫނު ތަންފީޒު ކުރުމުގައި ވެސް އޯގާތެރިކަން އިސްކުރެވެން އޮތް ހާލަތުތަކުގައި އޯގާތެރިކަން އިސްކުރުމަކުން ގާނޫނީ ނުރަނގަޅު ނަތީޖާ އެއް ނުނިކުންނާނެ ކަމަށް ޕްްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ ރ. ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން އެކުވެގެން ވި ބޮޑު ހިޔާނާތުގެ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނު މައްސަލާގައި ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް / ނަސޭހަތުގެ އެއްބަސްވުމެއް ހެދި މައްސަލައާ ގުޅިގެން އެކަން ކުރި ސަބަބު ސާފުކޮށް ދެއްވާ ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.
އެ މައްސަލާގައި ޕީޖީން އަމަލުކުރި ގޮތާމެދު ސުވާލު އުފައްދާ ބައެއް މީހުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޝަމީމް ވަނީ ވަރަށް ތަފްސީލުކޮށް އެ ނިންމުން ނިންމި ސަބަބުތައް ސާފުކޮށް ދެއްވާފައެވެ. ނަސޭހަތުގެ އެއްބަސްވުމެއް ހެދޭނީ އެ މީހަކު ކުރި ކަމަށް އިއުތިރާފުވާ ކުށަކީ އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދު ކުރުމުގެ އަދަބު ހިމެނޭ ކުށަކަށް ވެގެނެއް ނޫންކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ ގާނޫނުލްއުގޫބާތުގައި އަދަބު ބަޔާންކޮށްފައި އޮންނަނީ އަދަބަށް ވަކި ރޭންޖެއް ކަނޑައަޅައިފައި ކަމަށެވެ. އަބަދުވެސް އަދަބު ފެށޭނީ "އަސާސީ އަދަބު" ކަމަށް ގާނޫނުލްއުގޫބާތުގައި އޮތް ތާވަލުގައި އޮންނަ ހިސާބުން ކަމަށާ އެއަށް ފަހު އެމީހަކު ކުށްކުރި ގޮތަށާއި ކުށުގެ ވަށައިގެންވާ ކަންކަމަށް ބަލައިގެން އަދަބުގެ ދަރަޖަ މަތިވާ ގޮތްތަކަކާއި ދަށްވާ ގޮތްތަކެއް އެ ތާވަލުގައި ކަނޑައަޅާފައިވާ ކަމަށެވެ.
"އެހެން ކަމުން ނަސޭހަތުގެ އެއްބަސްވުމުގެ ބޭނުމަށް އަދަބުގެ މިންވަރަކީ އެއް އަހަރު ކަމަށް ބެލުމުގައި އަދަބުގެ ރޭންޖުން ދަށަށް ގޮސް އެންމެ ދަށްވެގެން އެއް އަހަރަށް ވުރެ ކުޑަ އަދަބެއް ހިމެނޭ ކުށްތައް ނަސޭހަތްދެވޭ ބާވަތުގެ ކުށުގެ ގޮތުގައި ހިމެނުމަށް ގާނޫނުން ހުއްދަ ކުރެއެވެ،"
ޝަމީމް ވިދާޅުވި ގޮތުގައި ނަސޭހަތުގެ އެއްބަސްވުން ހެދުމާ ގުޅޭ ގޮތުން ދައުވާ ކުރުމުގެ ބަދަލުގައި އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިކަން ދެނެގަތުމުގައި ބަލާނެ މިންގަނޑުތައް ކިޔައިދޭ ދެ ލިސްޓެއް ގާނޫނުގައި އޮވެއެވެ. ނަމަވެސް ދައުވާ ކުރުމުގެ ބަދަލުގައި އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިކަން ބަލާކަށް / ވަޒަން ކުރާކަށް ގާނޫނަކުން ޕްރޮސެކިއުޓަރު ޖެނެރަލަކަށް ލާޒިމެއް ނުކުރެ އެވެ.
"އާންމު މަސްލަހަތަށް ފައިދާ ބޮޑީ ދައުވާ ނުކުރުން ކަމަށް ލިސްޓުގައި އޮތް ކަންކަމުން އެނގުނަސް ވެސް އެފަދަ މައްސަލައެއް ގައި ދައުވާ ކުރާކަށް ވެސް ހުރަހެއް ނެތެވެ. ވީމާ އެލިސްޓަކީ ހަމައެކަނި އިރުޝާދެކެވެ،"
މި ދެލިސްޓުން އެއް ލިސްޓަކީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓް ކަމަށާ އަނެއް ލިސްޓަކީ އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ ދައުވާ ކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ދުވާފަރު ކައުންސިލްގެ މައްސަލައި ގައި އާންމު މަސްލަހަތަށް ފައިދާ ހުރީ ދައުވާ ކުރުން ކަމަށް ބަލާނެ ލިސްޓުގައި އޮތް ކަންތައްތަކަށް ބަލައިގެން ކިޔައިފިނަމަ އެ ލިސްޓުގައި ހުރި ތިން ކަމެއް ފުރިހަމަވުމަކީ އެކަށީގެންވާ ކަމެއް ކަމަށާ އެއީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިނގި ކަމަކަށްވުމާއި މުޖްތަމައުގައި ޒިންމާދާރު މަގާމެއްގައި ތިބި ބަޔަކު ކުރި ކަމަކަށްވުމާއި ކުށްކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރީ ނަސޭހަތް ދިނުން ކަމަށް ބަލާ ލިސްޓުގައި ހުރި ކަންކަމަށް ބަލާއިރު ކުށުގެ އަދަބުގެ ކުޑަބޮޑު މިނަށް ބަލައި ދެކޮޅަށްވެސް ބަހުސް ކުރެވެން އެބައޮތް ކަމަށެވެ. ކުށުގެ ސަބަބުން ލިބުނު ގެއްލުމެއް ހަގީގަތުގައި ނެތް ކަމަށާ ކުށްކުރި މީހުންގެ ކުށުގެ ރެކޯޑެއް ނެތްއިރު އެމީހުންގެ މައްޗަށް އެހެން ޖިނާއީ ދައުވާ އެއް ހުށަހެޅި ހިނގަމުން ވެސް ނުދާ ކަން ޝަމިމް ފާހަގަ ކުރެއްވި އެވެ.
"ކުށްކުރި މީހުންގެ އުމުރަށް ބަލާއިރު މާ ހަގެއް ނޫނެވެ. ކުށްކުރި ހަމަ ކޮންމެ މީހަކު ޒިންމާދާރު ކަމާއެކު އާއިލާއެއް ބަލަހައްޓަމުންދެއެވެ. ތެދެކެވެ. ފައިސާ ގެންގުޅުނީ ގަވާއިދާ ހިލާފަށެވެ. ނަމަވެސް ގެއްލުނު ހުރިހާ ފައިސާ އެއް ވަނީ އަނބުރާ ދައްކާފައެވެ. ދައުލަތަށް މަދުވި ފައިސާއެއް އޮތް ކަމަކަށް ތަހުގީގަކުން ނުދައްކައެވެ. މިގޮތަށް ބެލުމުން، ނަސޭހަތް ދިނުމަށް ބަލާ ލިސްޓުގައި އޮތް އަށް ކަންތަކުގެ ތެރެއިން ހަތް ކަންތައް މި މައްސަލައިގައި ކުށްކުރި މީހުންގައި ފުރިހަމަވެއެވެ،"
ޝަމީމް ވިދާޅުވީ ޕީޖީގެ ހައިސިއްޔަތުން އޭނާގެ ކުރިމަތީގައި އޮތީ މި ދެ ލިސްޓުން އަޅައި ބަލައިގެން ނަތީޖާ އެއް ނެރުމެވެ. ދައުވާކުރަން ބާރުއަޅާ ލިސްޓުން ފުރިހަމަ ވީ ލިސްޓުގައި އޮތް 13 ކަންތަކުގެ ތެރެއިން އެންމެ ތިން ކަންތައް ކަމަށާ ނަސޭހަތް ދިނުމަށް ބާރުއަޅާ ލިސްޓުގައި ހުރި ހުރިހާ ކަމެއް ފުރިހަމަވާ ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން ގާނޫނު މިހާރު އޮތް ގޮތުން މި މައްސަލަ އަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ހުއްދަ ލިބޭ އެކަމަށް ގާނޫނު ތަސައްވުރު ކޮށްފައި އޮތް ޝަރުތު ހަމަވާ މައްސަލައެއް ކަމަަށް ވިދާޅުވި އެވެ.
"ގާނޫނު ތަންފީޒު ކުރުމުގައި ވެސް އޯގާތެރިކަން އިސްކުރެވެން އޮތް ހާލަތުތަކުގައި އޯގާތެރިކަން އިސްކުރުމަކުން ގާނޫނީ ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ އެވެ،"
ޝަމީމް އަދި ވިދާޅުވި ގޮތުގައި މި މައްސަލައި ގައި ނަސޭހަތުގެ އެއްބަސްވުމުގެ ނަތީޖާ އަކަށްވީ މި މައްސަލައިގައި ހިމެނޭ މީހުން މި މައްސަލައިގައި ކުށް ކުރެވިފައިވާ ކަމަށް އިއުތިރާފުވުމުންނެވެ. އަދި ދައުލަތުން ގެއްލުނު ހުރިހާ ފައިސާ އެއް ވަނީ އަނބުރާ ދައްކާފައި ކަމަށާ އެއްބަސްވުމުގެ މުއްދަތުގައި އެމީހުން އިތުރު ކުށެއް ނުކުރަން އޮތީ އެއްބަސްވެފައި ކަމަށެވެ. އަދި އިތުރު ކުށެއް ކޮށްފިނަމަ ނަސޭހަތް ދެވުނު މައްސަލަ އާއި އަލަށް ކުރި ކުށުގެ ދައުވާ ވެސް ކޯޓުގައި އުފުލާނެ ކަމަށާ އެ ހިސާބުން، ގާނޫނުން ލިބޭ އެއްވެސް ލުޔެއް ނުލިބޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.