އަބްދުﷲ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންފި

އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީގެ މެންބާޝިޕް ފޯމް ފުރުއްވާ ރައީސް ސޯލިހްގެ އަތްޕުޅަށް ވަނީ އަރުވާފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ގުޅިވަޑައިގަތުން

ޑީއާރުޕީގެ ކުރީގެ ލީޑަރު / ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ގުޅިވަޑައިގެންފި އެވެ.

ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވީ ސޯލްޓް އިމާރާތުގަައި އެމްޑީޕީގެ ކެމްޕެއިން އޮފީސް ހިންގާ ބައިގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީގެ މެންބާޝިޕް ފޯމް ފުރުއްވާ ރައީސް ސޯލިހްގެ އަތްޕުޅަށް ވަނީ އަރުވާފައެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާއަކީ ކުރީން ވެސް އެމްޑީޕީގެ މެންބަރެއް ކަމަށެވެ. ޕާޓީއާ ދުރުގައި ހުންނަން ޖެހިވަޑައިގަތީ ސަބަބުތަކެއް އޮވެގެން ކަން ފާހަގަ ކުރައްވާ ވިދާޅުވީ އެނބުރި ވަޑައިގެންނެވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ރައީސަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ގުޅިވަޑައިގަތުމުން އެމްޑީޕީގެ ޕީޖީ މެންބަރުންގެ އަދަދު އަނެއްކާ ވެސް 54 އަށް އެރީ އެވެ. ކުރީން އެ އަދަދު އޮތުމަށް ފަހު ނަންބަރު ދަށްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވަކިވެވަޑައިގަތުމުންނެވެ. އޭގެ ކުރީން މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި އެމްޑީޕީގެ އިތުުރު 12 މެންބަރަކު ޕާޓީން ވަކިވެވަޑައިގެންފައިވެއެވެ. އެ މެންބަރުން ޕާޓީން ވަކިވެވަޑައިގެންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރެއްވުމުންނެވެ.

އެހެން ކަމުން މި ދައުރުގައި އެމްޑީޕީގެ 15 މެންބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެ މެންބަރުން މިހާރު ދަނީ "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީއެއް އުފެއްދުމަށް މަަސައްކަތް ކުރަމުންނެވެ. އަންނަ މަހުގެ ދެވަނަ ދުވަހު އެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޖާބިރުގެ ކުރީން މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ އެމްޑީޕީ ނިމިއްޖެ ކަމަށާ ދެން އެ ޕާޓީގެ ޗެއާޕާސަން ކަން ކުރައްވާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ޖާބިރަށް ދެއްވާފައިވަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ އޮތް މަޖިލީހުގެ ޖަލްސާގައި އީވާ ވިދާޅުވީ ނަޝީދު ވަކިވެވަޑަައިގަތުމާއެކު ފެށުނީ އެމްޑީޕީގެ ނިމުން ކަަމަށެވެ. އެއީ ބަދަލު ނުކުރެވޭނެ ހަގީގަތް ކަމުގައި ވިދާޅުވެ އަންނަ އަހަރު މި ދުވަހުގައި އެމްޑީޕީ އޮންނާނެ ގޮތް ސިފަކޮށްދެއްވި އެވެ. އީވާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާމަކަށް ދެން ހުންނަވާނީ ޖާބިރެވެ. ޑީއާރުޕީ ބައްލަވައިގެން ޖާބިރު އެމްޑީޕީ ބައްލަވައިގަންނަވާނެ ދުވަސް އޮތީ ދުރަކު ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެން އިނގޭ އަނެއް ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން. މިއީ އެމްޑީޕީގެ ނިންމުން. އިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ލަފާ ކުރެވެނީ އަންނަ އަހަރު މިދުވަސްކޮޅު ބަލާލާއިރު އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައިހެން،"

އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ކަމަށް ވިދާޅުވެ އީވާ މިސާލު އެ ޖެއްސެވީ ރާއްޖޭގައި ދެވަނަ އަށް އުފެދުނު ޑީއާރުޕީ ކުޑަވެ ޖާބިރު ލީޑަރުކަން ކުރައްވަނިކޮށް އެ ޕާޓީ އުވިގެން ދިޔަ ގޮތަށް އެމްޑީޕީއަށް ކަންކަން ދިމާވާނެ ކަމަށް ސިފަ ކުރެއްވުމުގެ ގޮތުންނެވެ.

ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީއަކީ 2012 ވަނަ އަހަރާއި ހަމަަށް ވަރުގަދަ ސިޔާސީ ޕާޓީއެކެވެ. ނަމަވެސް މައުމޫނާއި އެމަނިކުފާނުގެ ވަފާތެރީން ނިކުންނަވާ ޕީޕީއެމް އުފެއްދެވުމުން އެ ޕާޓީގެ ވިދުން ކެނޑުނެވެ. މިވަގުތު އެމްޑީޕީގައި ތިއްބެވި އަހްމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން ވިސާމް އަލީ އާއި މެންބަރު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒް އަދި މިނިސްޓަރު އަބްދުﷲ ޝާހިދު މެން ފަދަ ބޭފުޅުން ޑީއާރުޕީ ވަރުގަދަ ކުރެވޭތޯ ކުރެއްވި މަސައްކަތް ކާމިޔާބުނުވެ ޕާޓީ ދޫކޮށްލައްވާ އެމްޑީޕީއަށް ވަޑައިގަތީ އެވެ. އެ ފަހުން އެ ޕާޓީ ހިންގެވީ ކާނަލް މުހައްމަދު ނަޝީދެވެ. ފަހުން ޖާބިރު ވަނީ ޕާޓީ ބައްލަވައިގެންފައެވެ. ނަމަވެސް 3،000 މެންބަރުން ހަމަނުކުރެވި އެންމެ ފަހުން ޕާޓީ އުވުނީ އެވެ.

ޖާބިރު ފަހުން މަސައްކަތް ކުރެއްވީ "ގްރީން ޕާޓީ" ގެނަމުގައި ޕާޓީއެއް އުފައްދަވާށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.