ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން "މަތިމައްޗަށް ގޯސް ހައްދަވަމުން" ގެންދަވާ ކަމަށެވެ. އަދި ރައީސް ސޯލިހް މަގާމުން ދުރަށް ވަޑައިގަތުމަށް ސާފު ބަހުން ގޮވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންދަަވަނީ "މަތިމައްޗަށް ގޯސް ހައްދަވަމުން" ކަމަށް ވިދާޅުވެ އެމަނިކުފާނު "މިހާރުން މިހާރަށް ގެއަށް ކަނޑާލަން" ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު / ސަރުކާރު ހިއްސާވާ ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިސޯޓް ރަށް -- ޕެެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައި ވާހަކަ ދައްކަަވަމުންނެވެ. ގާސިމްގެ ޓީވީ ޗެނަލުން ވަގުތުން ދުރަށް ފޮނުވި ކައުންސިލް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ގާސިމްގެ ފާޑުވިދާޅުވުން ސަރުކާރާއި ރައީސް ސޯލިހަށް އަމާޒު ކުރެއްވީ ކ. ވާވެއްދިފަޅު / ވާރެއްދޫ ފަރު ވިއްކުން އޭސީސީން ހުއްޓުވި މައްސަލާގައި ފާޑު ވިދާޅުވަމުންނެވެ.
ގާސިމްގެ ވިޔަފާރި ކުންފުނި ވިލާ އަށް ލިބިފައި އޮތް އެ ފަޅު 20 މިލިއަން ޑޮލަރު -- 308 މިލިއަން ރުފިޔާ އަށް ވިއްކާލުމުގެ މުއާމަލާތް ހިނގަނިކޮށް އޭސީސީން ވަނީ ކުއްލި ގޮތަކަށް އެ މުއާމަލާތް ހުއްޓުވާފައެވެ. އެއީ ސަރުކާރުގެ ނުފޫޒުގައި ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވާ ގާސިމް ވަނީ އެކަން ކުރެއްވީ އެމަނިކުފާނުގެ ކެމްޕެއިންގައި ހަރަދު ކުރާނެ ފައިސާ އެއް ލިބިދާނެތޯ ސުވާލު ކުރައްވާފައެވެ.
ގާސިމް ވިދާޅުވީ މިނިވަން މުއައްސަސާތައް މިއަދު އޮތް ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާނެ ކަމަށެވެ. މުސްތަގިއްލު ކޮމިޝަނެއް އެބައޮތްތޯވެސް ސުވާލު ކުރެއްވި އެވެ. ދެން ވިދާޅުވީ އެމަނިކުފާނުގެ ވިޔަފާރިއަށް އަތްބާނާ ވިޔަފާރި ހަލާކު ކުރަން ކުރާ މަސައްކަތުން އެމަނިކުފާނު ނުހުއްޓުވޭނެ ކަމަށެވެ. ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން "މަތިމައްޗަށް ގޯސް ހައްދަވަމުން" ގެންދަވާ ކަމަށެވެ.
އަދި ރައީސް ސޯލިހް މަގާމުން ދުރަށް ވަޑައިގަތުމަށް ސާފު ބަހުން ގޮވާލެއްވި އެވެ.
"މިހާރު ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނަނީ. މިހާރު ކަނޑާލަންވީ ގެއަށް،"
ގާސިމް ވިދާޅުވީ އަދާވާތްތެރި ވިޔަސް / ދުޝްމަނު ވިޔަސް އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް މިފަދަ އަނިޔާއެއް، ގެއްލުމެއް ނުދެއްވާނެ ކަމަށެވެ.
"ހަމަ ގައިމުވެސް މަގޭ ވެރިކަމެއްގައި މަގޭ ހުރި ދުޝްމަނު މީހަކަށް ވެސް މަ އެކަހަލަ އުނދަގުލެއް ނުކުރާނަން. ހުވާ ކަށަވަރު. އަދި މަގޭ ދުޝްމަނެއް ނުވެސް ހުންނާނެ،"
ގާސިމްގެ ވާހަކަފުޅުގައި ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރުގެ ކޯލިޝަންގައިތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރައްވާ ކަަމަށް ވިދާޅުވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވާ ވިދާޅުވީ ސަރުކާރުން ކުރާހާ ވެސް ކަމަކީ ޖޭޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކައިގެން އެމްޑީޕީއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
އެއީ ކުރީގެ ސަރުކާރުތަކުން ވެސް ކަންކުރި ގޮތް ކަމަށާ ކުރީ ސަރުކާރުތަކާއި މިސަރުކާރާއި އޮތް ތަފާތަކީ ކޯލިޝަން ނެތް ކަމަށް ރަސްމީކޮށް އިއުލާނު ކޮށްފައި ނެތުން ކަަަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ނަޒަރުގައި ރަސްމީކޮށް އެހެން ވިދާޅުނުވިޔަސް ކޯލިޝަން ނެތް ކަމަށް ވިދާޅުވި އެވެ.
ގާސިމް ވަނީ ރައީސް ސޯލިހަށް ރައްޔިތުން ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބަކީ ކައިރީގައި ތިބި މީހުންގެ ވަޒީފާ ހިމާޔަތް ކުރަންތޯ ވިދާޅުވެ އެކަން ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.
"ދެވަނަ ދައުރެއް މީހަކަށް ދޭން ޖެހެނީ އެ މީހަކު ކުރާ ކަންތައްތައް، އެ މީހަކު ވެފައިވާ ވައުދުތައް އެމީހަކު ފުއްދާފަވާނަމަ. މިއީ ނޫންތޯ ބަލަންޖެހޭ ކަމަކީ. ދެން ވަށައިގެން ތިބި މީހުންގެ ވަޒީފާ ހޯދަން ވެގެން ދިވެހި ރައްޔިތުން އެބަ ޖެހޭތޯ ސެކްރިފައިޒް ވާން. ނޯ! ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންްގެ މަޖިލީސް ހުއްޓުވާފައި އޮތް މައްސަލާގައިވެސް ގާސިމް މިއަދު ވާހަކަ ދެއްކެވި އެވެ. މަޖިލީސް ހުއްޓުވާފައި އޮތީ ރައީސް ނަޝީދުގެ މަގާމު ދެމެހެއްޓުމަށް ކަމަށް ތުހުމަތުކޮށް މަޖިލީސް ހުއްޓުވިޔަސް އިތުބާރު ނެތް ބޭފުޅެއްގެ އިތުުބާރު އޮތް ކަމަށް ނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާތީ ރައްޔިތުންގެ އިތުބާރު ރައީސް ސޯލިހަށް އެބައޮތްތޯ ގާސިމް ސުވާލު ކުރެއްވި އެވެ.
ގާސިމް ވިދާޅުވީ މަޖިލީސް ޑެޑްލޮކަށް ދިޔައީ އެމްޑީޕީން އަމަލުކުރި ގޮތުން ކަމަށެވެ. މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެކުއެކީ ކުރިއަށް ގެންދެެވޭނެ ހާލަތެއް ނެތް ކަމަށާ އެ ހާލަތުގައި މަޖިލީސް މަރުތަޅު އެޅޭނެކަން އެމްޑީޕީ އާއި އެ ޕާޓީގެ ރައީސަށް ނޭންގެނީތޯ ވެސް ގާސިމް އެއްސެވި އެވެ.
"ކޮބައިތޯ ދައުލަތުގެ ވެރިޔާ ކުރެއްވި ކަމަކީ. ކޮބައިތޯ ސަރުކާރުގެ ވެރިޔާ ކުރެއްވި ކަމަކީ،"
"ރައީސުލްޖުމްހުރިއްޔާ ޖެހޭނެ އެ ޒިންމާ [މަޖިލީސް ހުއްޓުވުމުގެ ޒިންމާ] އުފުލަން. އެނގިއްޖެ! ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީން އެކަން ކުރީ. އެހެން ނުކުރެވޭނެ. އެއީ ރަނގަޅު މިސާލެއް ނޫން ދައްކަން،"