ހިޔާ ފްލެޓްތަކާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންފި

އަޅުގަނޑުގެ ވެރިކަމެއްގައި ތި ހުޅުމާލޭގައި ތި ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ،"

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައި ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަނީ ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި

އެމަނިކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އަދުލަށް މެނުއީ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަަމަށެވެ. ނަމަވެއް އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ އެއްބަޔަކަށް ހުޅުމާލެއިން ބިން ވިއްކަނީ ބޮޑު އަގުގައި ކަމަށެވެ. އަދި އަނެއް ބަޔަކަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެއް ބަޔަކަށް ގޯތި ބަހާފައި އެހެން މީހުންނަށް ފްލެޓް ކުއްޔަށް ދިނުން އެއީ އިންސާފެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއް ބަޔަކަށް ވިއްކަނީ، ހެޓް ކިޔާފައި. އަނެއް ބަޔަކަށް ދޭންވީ ހިލޭ. ބަލަ ކޮބާ އިންސާފު. ކޮބާ އިހުސާންތެރިކަން. އަޅުގަނޑުގެ ވެރިކަމެއްގައި ތި ހުޅުމާލޭގައި ތި ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުންދާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި ވެސް މާފުކޮށްދެއްވާނެ ކަމަށެވެ. އެއީ ބުނެލާ ބަހެއް ނޫން ކަަމަށް ވިދާޅުވެ އެ ވައުދު ފުއްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ގާސިމް ވަނީ އިންސާފުން ކަންކަން ނުކުރެވޭނަމަ ވެރިކަމުގައި ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވެސް ވިދާޅުވެފައެވެ.

"އިންސާފު ގާއިމު ނުކުރެވޭ ކަމަށް ވަންޏާ ވެރިކަމުގައި ނުހުންނާށޭ މި ދަންނަވަނީ. ގެއަށް ކަނޑާލާށޭ،" ގާސިމްގެ ރިސޯޓްރަށް ޕެރަޑައިސްގައި އޮތް ކައުންސިލް ބައްދަލްވުން ނިންމަވާލައްވަމުން ގާސިމް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ޓަވަރެއް

ހިޔާ މަޝްރޫއުގެ ދަށުން 16 ޓަވަރު ހަދާފައިވެއެވެ. އެއީ ހަތްހާހެއްހާ ފްލެޓެވެ. މިއީ ރާއްޖޭގައި ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

ހިޔާ އިން 6720 ފްލެޓް ވަނީ އާންމުންނަށް ދީފައެވެ. އެތަންތަނުގައި މިހާރު ދަނީ މީހުން ދިރިއުޅެމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުން ހަމަޖެއްސީ މަހަކު 5،500 އަށް ހަމަޖެއްސުމަށެވެ. ނަމަވެސް މި ސަރުކާރުން ބުނީ އެ އަގަށް ފްލެޓްތައް ކުއްޔަށް ނުދެވޭނެ އެވެ. އެހެން ކަމުން ސަރުކާރުން ހަމަޖެއްސީ މަހު ކުއްޔަށް 8،500 ރުފިޔާ ހަމަޖައްސާފައެވެ. އެއީ މަހު ކުއްޔަށް 7،500 ރުފިޔާއާއި މެއިންޓަނަސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ. ދާދި ފަހަކާ ޖެހެންދެން ކުލި އޮތީ އެ އަދަދުގައެވެ.

ނަމަވެސް މިހާރު ސަރުކާރުން ވަނީ މަހު ކުލި 5،300 އަށް ހަމަޖައްސާފައެވެ. މި ބަދަލާއެކު ކުރިން 25 އަހަރަށް ބަހާލައިގެން ދައްކަން ހަމަޖެހިފައިވާ ކުލި އިތުރު ހަތް އަހަރަށް ދެމިގެންދާނެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ދަނީ ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓްގެ ވައުދަކީ ހިޔާގެ ކުލި 4،000 އަށް ކުޑަކުރުމެވެ.

ހިޔާގެ ކުއްޔާ ގުޅޭ ވައުދުތައް ކެންްޑިޑޭޓުން ވެވަޑައިގަންނަވާއިރު ހިޔާގައި ދިރިއުޅޭ މީހުންގެ ތެރެއިް މިހާރުވެސް 65 ޕަސެންޓް މީހުން ކުލި ގަވާއިދުން ނުދައްކައެެވެ. މިދިޔަ މުއްދަތުގައި އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުން އެބަ ތިއްބެވެ. ނަމަވެސް އެކަމާއި ގުޅިގެން އެޅޭނެ / އަޅާ ފިޔަވަޅެއްވެސް ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.