މިޔަރު ހަމަލާ ދިނީ ޗައިނާ ޓޫރިސްޓަކަށެވެ. މި ހަމަލާގައި އޭނާގެ އަތުން ބައެއް އޮތީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފަ އެވެ.
ފޮރިން މިނިސްޓްރީ ކައިރީ އެންމެ ކާރޫބާރޫ ބޮޑުވި ގަޑީގައި އެންމެންގެ ސަމާލުކަން ހުއްޓުނީ ބައެއްގެ ހަޅޭކުގެ އަޑަށެވެ. އެ ތަނުން އެކަކު އަންހެނަކު އުފުލާލައިގެން ހުރެ ހަޅޭލަވަމުން ދިޔައީ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށެވެ.އޭރު އަންހެން މީހާގެ އޮތީ ލެއިން ރަތްވެފަ އެވެ. ކައިރީގައި ތިބި އެންމެހެން ތިބީ ހާސްވެ އިންތިހާ ކަންބޮޑުވެފައެވެ. މިއީ މިއަދު މެންދުރު އެނބޫދޫ ކައިރީގައި ފީނަން އުޅުނު ޓޫރިސްޓުން ތަކެވެ. އެމީހުން ފީނަން އުޅެނިކޮށް އެތަނުން އެކަށް މިޔަރެއް ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ގެސްޓްހައުސް ހުރި ކ. މާފުށީގައި ޗުއްޓީ ހޭދަކުރަން އައިސް ތިބި ޗައިނާ ޓޫރިސްޓަކަށް މިއަދު ދިމާވި މި ހާދިސާގައި މިޔަރުގެ ހަމަލާ އަމާޒުވީ އަންހެން ޓޫރިސްޓަކަށެވެ. އެ ސަރަހައްދުގައި އެވަގުތު ހުރި "މި" ނޫހުގެ ނޫސްވެރިންނަށް ވަނީ އެ އަންހެން މީހާ އަށް މިޔަރުކޮށްލާފަ އޮތް ވަރު ފެނިފަ އެވެ. އޭނާގެ އަތުގެ ބައިސެޕް ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ މީދާ މަސްގަނޑު އޮތީ ގާތްގަނޑަކަށް ނޮޅާލާފަ އެވެ.
އެ އަންހެން މީހާ އަށް މިޔަރު ހަމަލާދިނީ އިތުރު ހަތަރު މީހުންނާއެކު އެނބޫދޫ ފަޅުކައިރީގައި ސްނޯކްލް ކުރަން އުޅެނިކޮށެވެ. ހަމަލާ ދިނުމާއެކު އެމީހާ މާލެ ގެނެސްފައިވަނީ އެ މީހުން ސްނޯކްލޯ ކުރަން ގެންދިޔަ "މާފުށި" ލޯންޗެއްގަ އެވެ.
މި ލޯންޗުގައި އޭނާ ގޮވައިގެން އައީ ބަންގްލަދޭޝަންގެ މީހެއްގެ އިތުރުން ޗައިނާ ހަތަރު މީހުންނެވެ. ހަބަރު ހުސްވެފައި އޮތް އަންހެން މީހާ އުފުލާލައިގެން ބަނދަރު މަތީގައި ދުވީ އެ ފިރިހެން މީހާ އެވެ. ހޮސްޕިޓަލަށް ގެންގޮސް ދޭށޭ ގޮވަން ފެށުމުން އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު އެމީހުންނަށް އެހީތެރިވިތަން ފެނިގެން ދިޔަ އެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދަން ފުރަތަމަ އެރުވީ ޕިކަޕަށެވެ. ޓްރެފިކް ތޮއްޖެހިފައިވާ ބީއެމްއެލް އާއި ފޮރިން މިނިސްޓްރީއާ ދެމެދުގައި އެޕިކަޕު ކުރިއަށް ނުދެވިގެން އުޅެނިކޮށް އެ ސަރަހައްދުން ދިޔަ އެމްބިއުލާންސަކުން ވަނީ އެމީހާ ނަގައިގެން އަވަސްފަރުވާއާއެކު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މި އެމްބިއުލާންސްއަކީ އެމީހުން މި ހާދިސާ ހިނގުމާއެކު ގުޅި އެމްބިއުލާންސެކެވެ. އައިޖީއެމްއެޗުގެ މި އެމްބިއުލާންސުގައި މި ޓޫރިސްޓު ގެންދިޔައީ އޭޑީކޭ އަވަސް ފަރުވާދޭ ބަޔަށެވެ.
މިއަރަކީ މީގެ 12 ވަރަކަށް އަހަރުކުރިން ފެށިގެން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ނަމަވެސް މިޔަރުގެ ހަމަލާތަކުގައި އަނިޔާވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުން މީގެ ހަމަލާއެއް އަމާޒުވީ ށ. ފޯކައިދޫ މަސްވެރިއަކަށެވެ.
15 ދުވަސް ކުރިން : ފޯކައިދޫ މީހެއްގެ ގައިގައި މިޔަރު ހިފައިފި
18 ދުވަސް ކުރިން : އަނެއްކާވެސް މިޔަރު ހިފައި މީހަކު ޒަހަމްކޮށްލައިފި
22 ދުވަސް ކުރިން : ތިނަދޫ ދޯންޏަކުން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި
ރާއްޖޭގައި މިޔަރަކީ ހިމާޔަތް ކޮށްފައިވާ ބާވަތެކެވެ. އެހެން ކަމުން މިޔަރުގެ އާބާދީ އާދަޔާހިލާފަށް ރާއްޖޭގައި ވަނީ ގިނަވެފައެވެ. މިޔަރުގެ ހަމަލާ އަމާޒުވުން އިތުރުވުމާއި މަސްވެރީން ބާނާ މަސް ނެގުމުގެ ކުރީން މިޔަރު ކާލުމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.