އިދިކޮޅު ފަރާތްތަކުން އޭރުވެސް ބުނީ ޖޭއެސްސީ އިސްލާހު ކުރާނީ ސަރުކާރުން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ފަހު ދައުރުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނު އަސާސީއަށާއި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ދެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ބަންޑާރަ ނާއިބު ރިފްއަތު ދެންމެ ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނު އަސާސީއަށާއި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ދެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ރިފްއަތު ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެންބަރުންގެ އަދަދަކީ ހަތެއް ކަމުގައި ކަނޑައެޅުމެވެ. އަދި މިހާރު ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުމެވެ.
"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަން ކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ހިޔާލާއި މަަޝްވަރާގެ އަލީގައި،" ބަންޑާރަ ނާއިބު ވިދާޅުވި އެވެ.
ބަންޑާރަ ނާއިބު ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދުކަން ފާހަގަ ކުރައްވާފައެވެ. އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރު 2019 ގައި ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާތަނަށް ކަމާގުޅޭ ނުވަ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި ކަމަށާ މިއަދުގެ ދެ ބިލާއެކު އިސްލާހީ މަސައްކަތް ފުރިހަމަ ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ރިވިއުކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރަން މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ. ނަމަވެސް އެ ވައުދު ފުއްދުން ދައުރުގެ އެންމެ ފަހު ކަމަކަށް ބޭއްވީ އެވެ. އިދިކޮޅު ފަރާތްތަކުން އޭރުވެސް ބުނީ ޖޭއެސްސީ އިސްލާހު ކުރާނީ ސަރުކާރުން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ފަހު ދައުރުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށެވެ. މިހާރު އޮތްގޮތުން މި ދައުރުގައި އެ މަސައްކަތް ނިންމާލެވޭނީ ކިރިޔަ ކިރިޔާ އެވެ.
ޖުޑީޝަރީ މިނިވަން ކަމުގައި ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ ނުފޫޒު ޖުޑީޝަރީގައި ވަރަށް ބޮޑު ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ. އާންމުންގެ ގިނަ ބަަޔަކު ވެސް ދެކެނީ އެގޮތަށެވެ.