"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސްއަށް 14 ދުވަސް ހަމަވާ ދުވަހު މުރައިދޫގެއިން ނިކުންނާނަން. އަޅުގަނޑު މުރައިދޫގޭގައި ހުރުން އެއީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރާ ހިތްވާ ކަމެއް ނޫން"
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅު -- މުރައިދޫގެއިން ވަރަށް އަވަހަށް ނިކުންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެމަނިކުފާނު ވަނީ މަގާމުގައި ހުންނެވުމަށް މަަސައްކަތް ކުރައްވާ ކަމަށާ މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިމްތިޔާޒުތައް ގެއްލިދާނެތީ އުޅުއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ނަޝީދު މިއަދު ވިދާޅުވީ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ލިބިވަޑަައިގެންފައިވާ ކަމަށާ ނޯޓިސްގެ މުއްދަތު ހަމަވުމާއެކު މަޖިލީހުގެ ރަައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިމްތިޔާޒްތައް ދޫކޮށްލައްވާނެެ ކަމަށެވެ.
އެގޮތުން މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސްއަށް 14 ދުވަސް ހަމަވާ ދުވަހު މުރައިދޫގެއިން ނިކުންނާނަން. އަޅުގަނޑު މުރައިދޫގޭގައި ހުރުން އެއީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރާ ހިތްވާ ކަމެއް ނޫން. ހަމަ ކުޑަކޮށްވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،"
އެމަނިކުފާނު ވަނީ މުރައިދޫގެއަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ހުންނަން ބޭނުންފުޅުވާ ތަނެއް ނޫން ކަމުގައި ވިދާޅުވެ އެ ގެކޮޅު ހުންނަގޮތް ސިފަވެސް ކޮށް ދެއްވާފައެވެ. ވިދާޅުވީ މުރައިދޫގެ ހުންނަ ގޮތް އާންމުންނަށް ފެނިފައި ނެތަސް އެއީ ވަރަށް އަނދިރި އަދި ހުރިހާ ދިމާއަކުން ބެދިފައިވާ ގެއެއް ކަމަށެވެ. އެމަނިކުފާނަކީ މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތް މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ގަލޮޅު ކެނެރީގައި ދިރިއުޅުއްވަން ވަރަށް ބޭނުންވާ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ވަރުގަދަ ސެކިއުރިޓީއެއް ދައުލަތުން ދެ އެވެ. ހާއްސަކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާއެއް ދިން ފަހުން އެ ސެކިއުރިޓީ ވަނީ އިތުރު ކުރައްވާފައެވެ. ސެކިއުރިޓީއާ ގުޅޭގޮތުން ނަޝީދު ދެއްވީ ފިނި ޖަވާބެކެވެ.
".. ދެން އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ. ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފައި އޮންނާނީ ދެއްތޯ. މިހާރުވެސް ކިރިޔާ އަޅުގަނޑު މިހުރީ،" އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ހަނދާން އައު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.