ތެލުގެ އަގަށް ގެނައި މި ބަދަލާއެކު އެސްޓީއޯއިން ބުނީ އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރަނީ ހެޔޮ އަގުގައި ތެޔޮ ފޯރުކޮށް ދޭން ކަމަށެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މި ރެއިން ފެށިގެން ހެޔޮ ކޮށްފި އެެވެ.
އެ ކުންފުނިން ތެލުގެ އަގަށް ގެނައި މި ބަދަލާއެކު ދެން ޑީސަލް ލީޓަރެއް ވިއްކާނީ 16.32ރ. އަށެވެ. މިހާތަނަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 16.77ރ. އަށެވެ. މި ރެއިން ފެށިގެން ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.97 ރ. އަށެވެ. ޕެޓްރޯލް މިހާތަނަށް ވިއްކަމުން އައީ 16.55 ރ. އަށެވެ.
ކޮވިޑާއި ރަޝިޔާއި - ޔުކުރޭނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށާއި ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އައިސް ވޭތުވެ ދިޔަ ހަތް އަހަރު ތެރޭ ތެލުގެ އަގުތައް ނޫފުލޭ މިންވަރަށް އަގު އުފުލުނު ކަމަށް އިޝާރާތްކޮށް އެސްޓީއޯއިން ބުނީ ރާއްޖޭގެ ބާޒާރަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށް ދޭން އެސްޓީއޯ މަސައްކަތް ކުރާއިރު ދުނިޔޭގެ ބާޒާރުގައި އަގަށް އައި ބަދަލުގެ ސަބަބުން ތެޔޮ ފޯރު ކޮށް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް އެ ކުންފުންޏަށް ކުރިމަތިވި ކަމަށެވެ.
މިދިއަ ހަމަސް ދުވަހުގެ ތެރޭގައި އެތައް ފަހަރެއްގެ މަތީން ތެލުގެ އަގު ދުނިގޭ ބާޒާރުގައި އުފުލުނު އިރު އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައީ ދެ ފަހަރު ކަމަށާއި އެގޮތަށް އަގުތައް ބަދަލު ކުރުމުގައި ވެސް އެސްޓީއޯއަށް ތެޔޮ ގަންނަ އަގު ބޮޑުވި ނިސްބަތުން ތެލުގެ އަގުތައް ބޮޑު ކޮށްފައި ނުވާނެ ކަމަށް ވެސް މިރޭ އެސްޓީއޯއިން ބުންޏެވެ.