އިދިކޮޅުން ބުނަނީ ކޮމިޓީ އެކުލަވައިލަން އެއްބަސް ނުވަނީ އެމްޑީޕީންނޭ

މަޖިލީހުގެ ދައުރުގައި ބާކީ އޮތީ އެންމެ ހަތް ޖަލްސާ އެވެ. އިދިކޮޅުން ބުނަނީ މަޖިލިސް ހުއްޓުވާފައި އޮތީ އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާށެވެ.

މަޖިލީހުގެ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގައި ވަކި ގޮތެއް ނިންމިފައި ނުވަނީ އެމްޑީޕީން އެކަމުގައި އެއްބަސްވުމަކަށް އައިސްފައި ނުވާތީ ކަމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

އެމްޑީޕީ އާއި އެމްޑީއޭ ފިޔަވައި، މަޖިލީހުގައި ހިމެނޭ އެހެން ހުރިހާ ޕާޓީތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ވަގުތު މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމަށް އެންމެ ފުރަތަމަ ތަޅުމަށް ހުށަހެޅުނު އިރު ހުރިހާ ކޮމިޓީއެއްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި އޮތް ކަމަށެވެ. ނަމަވެސް އެދުވަހު އެ މައްސަލަ ވޯޓަށް އަހާފައި ނުވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުން އެދިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ ކޮންމެ ކޮމިޓީ އަކުން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހިމެނޭ ނިސްބަތަށް ސްލޮޓު ދިނުމަކީ އެއްބަސްވެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނިސްބަތް ހަމަކުރަން ޖެހޭނީ ޖުމްލަކޮށް ހުރިހާ ކޮމިޓީއެއްގެ ސްލޮޓުތައް އެކުގައެވެ.

"ކޮންމެ ކޮމިޓީއަކަށް 64 ޕަސެންޓު ދެންޏާ އެއީ އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމެއް ނޫން" އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރުގައި ބާކީ އޮތީ އެންމެ ހަތް ޖަލްސާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މަޖިލިސް ހުއްޓުވާފައި އޮތީ އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި، މަޖިލީހުގައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަޑީގައި ހުންނަވައިގެން ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަކީ ސަރުކާރު ޖަވާބު ދާރީ ކުރުވުމުގެ މަގު ބަންދުވާ ކަމެއް ކަމަށެވެ. އަދި އެ ކަން އެގޮތަށް ކުރީ ޗާގޯސް އިމުގެ މައްސަލައިގައި ސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި އޮއްވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މީގައި ގޯހެއް ހަދައިފިކަން ސާބިތުވާ ހިސާބަށް ދިޔައީމައި، އަޅުގަނޑު ގަބޫލުކުރާ ގޮތުން އެމްޑީޕީގެ އިސްނެންގެވުމެއްގެ ދަށުން ފުރަތަމަ ނާއިބު ރައީސް ދެން ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެކުއެކީގައި ހުށަހެޅީ" އޭނާ ވިދާޅުވިއެވެ.

ރިސެސްގެ ކުރިން މައްސަލަ ނިންމޭކަށް ނެތް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މިހާރު އޮތް ގޮތުން މަޖިލީހުގެ މަސައްކަތް އިތުރަށް ކުރިއަށް ދާން އޮތީ އެމްޑީޕީން ހުށަހަޅާފައި އޮތް އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް ނަގައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެ ގޮތް މަޖިލީހުގެ ގުރޫޕުގައި ރައީސް މުހައްމަދު ނަޝީދު ވެސް ހުށަހަޅުއްވާފައި އޮތް ކަމަށެވެ.

އެހެން ނަމަވެސް، އޭނާ ވިދާޅުވީ މަޖިލީހުގެ ދައުރު ނިމެން ކުޑަތަން ވެފައި ވުމުން ދެން އެ މައްސަލަ ކުރިއަށް ގެންދެވޭނެހާ މުއްދަތު ނުލިބޭނެ ކަމަށެވެ. 

"އެކަމަކު މިހާރު ނެތެއް ނޫންތޯ.. މަޖިލީހުގައި [ބާކީ] މިއޮތް މުއްދަތުން ކޮބާތޯ 14 ދުވަހުގެ މުއްދަތު؟ މިއިން އެއްވެސް ކަމެއް ކުރެވޭކަށް ނެތެއް ނޫންތޯ؟" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސާއި، ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެ ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތުގައި އިތުރަށް އިންނެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި، ކޮމިޓީތައް އަލުން އެކުލަވާލުމުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވާތީ، އެ ދެ މައްސަލަ ވެސް މަޖިލީހުގައި ކުރިއަކަށް ނުދެއެވެ. އެއާއެކު، މަޖިލީހުގައި އިތުރު މަސައްކަތެއް ކުރުމުގެ ފުރުސަތު ނެތް ކަމަށް ބުނެ، އެމްޑީޕީގެ މެންބަރުން އަންނީ މަޖިލީހުގެ ޖަލްސާތައް އިހުތިޖާޖުކޮށް ހުއްޓުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.