ދެ ސިޓީއެއް އެމްޑީޕީން ފޮނުވާފައިވެއެވެ. އެއް ސިޓީގައި އެދިވަޑައިގެންފައިވަނީ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްދެއްވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްދޭން އެދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އަމީން އާންމު، ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުވައިފި އެވެ. މީގެ ކުރީން ވެސް އެ ޕާޓީން ވަނީ އީވާގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބުނެ މައްސަލަ އެޖެންޑާ ކޮށްދޭން އެދިފައެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބުނާ ގޮތުން މަޖިލީހުގެ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އީވާގެ މައްސަލަ އެޖެންޑާ ކުރުމެވެ. އެކަން ނުކޮށް މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
އީވާގެ މައްސަލައިގެ ނޯޓިސް ވެސް ވަނީ ދީފައެވެ. 14 ދުވަހުގެ ނޯޓިސް ހަމަވެ އިއްޔެ އަށް ކުރީން އޮތީ އެޖެންޑާ ވެސް ކޮށްފައެވެ. ނަމަވެސް ކޮމެޓީތައް އުވި އިތުބާރު ނެތް މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވެ އެ މައްސަލަ އެޖެންޑާއިން ނެގީ އެވެ.
އަދި މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކުރި އެ މައްސަލަ ހިމަނާފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރު / މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވަނީ އަމީން އާންމަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެދިވަޑައިގެންފައި ވަނީ އީވާގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްދެއްވުމަށެވެ. އެކަމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އަދި ޖޫން ހަވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްސަލަ އެ ދުވަހުގެ ޖަލްސާ ހިނގަމުން ދަނިކޮށް ކުއްލިއަކަށް މަޖިލީހުގެ ގަވާއިދާ ހިލާފަށް މެދުކަނޑާލުމަށް ފަހު އެ މައްސަލަ އިތުރަށް އެޖެންޑާ ކޮށްފައި ނުވާތީ އެ މައްސަލަ ވެސް އެޖެންޑާ ކޮށް ދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން އާންމު ކޮމެޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުުރުމަށް ކޮމެޓީ ބައްދަލްވުން ބޭއްވޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން ހަމަޖައްސަވައި ދެއްވުމަށް އެދިވެސް އަސްލަމް ވަނީ އިތުރު ސިޓީއެއް ފޮނުއްވާފައެވެ.