މި މަހުގެ 22 ވަނަ ދުވަހަކީ އީދު ބަންދުގެ ކުރިން ޖަލްސާއެއް ބޭއްވޭނެ ފަހު ދުވަހެވެ. އެ ބަންދު ނިމޭއިރު، މަޖިލިސް އޮންނާނީ ރިސެސްގަ އެވެ. އެއަށް ފަހު މަޖިލިސް ހުޅުވޭނީ ރިޔާސީ އިންތިހާބަށް މަދު ހަފުތާކޮޅަކަށް ވެފައި އޮއްވައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރައްވާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާން ފެށުމުން އެއަށް އެންމެ ފުރަތަމަ ވެސް ދެއްވި ރައްދަކީ ތިޔަ ކަމެއް ކުރާކަށް ނުކެރޭނެއޭ އެވެ. މިއަދު މިއޮތީ އެތަން ފެނިފައެވެ.
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަޒުބާތުގައި، އެމްޑީޕީން އިސްވެ އޮވެ، މަޖިލީހުގެ 54 މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާއި، މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަޑުޖެހުން މިއީ އެކުއެކީހެން ހިނގި ދެ ކަމެވެ.
އެ މައްސަލަ ހުށަހެޅި ދުވަހާ، އަދި އޭގެ ކުރީ ދުވަހު ނަޝީދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ އާދަޔާ ހިލާފަށް، ހަރުކަށި ކޮށެވެ. މަޖިލިސް ގެންދެވި ގޮތުން، އެމްޑީޕީގެ މެންބަރުންނަށް ޖެހުނީ އަބަދު އިހުތިޖާޖުގައި ތިބޭށެވެ. ނިޒާމީ ނުކުތާއަކަށް ފަހު، ނުކުތާއެއް ނަގައި، ނަޝީދަށް ފާޑުވިދާޅުވާށެވެ.
އެ ދެ ދުވަހުގެ ހޫނުގައި މަޖިލީހަށް ރައީސް ނަޝީދުގެ މައްސަލަ ވެއްދި ހިސާބުން އެމްޑީޕީ ބެދުނީ ބޮޑު އަރަތެއްގެ މެދުގަ އެވެ. އާންމު ކޮމިޓީން ނިިންމަންޖެހޭ ކަންކަން ނުނިމި، މައްސަލަތައް ނުހިނގި އެވެ. ރައީސާއި، ނައިބު ރައީސްގެ މައްސަލަ ބަލާ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތަކާ މެދު ސުވާލު އުފެދި، އެންމެ ފަހުން މަޖިލީހުގެ މަސައްކަތް ހުއްޓި، "މަރުތަޅު" އެޅުވުނު އިރު، މެޖޯރިޓީއެއް އޮތް ނަމަވެސް، އެކަމާ، އެމްޑީޕީއަށް ކުރެވޭނެ މާ ބޮޑު ކަމެއް މިހާރު ނެތެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓުމުގެ ފެށުމަކީ، މެޖޯރިޓީ ޕާޓީ، އެމްޑީޕީން 13 މެންބަރަކު ވަކިވުމާއެކު، މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބޮޑު ބަދަލެވެ. އެއާއެކު، މަޖިލީހުގެ ހުރިހާ ކޮމިޓީތައް އަލުން އެކުލަވައިލުމަށް އެމްޑީޕީން އެދުނެވެ. އޭގެ ކުރިން، އެމްޑީޕީން ވަކިވި މެންބަރުން ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން ދަނިކޮށް، މަޖިލީހުގެ އާންމު ކޮމިޓީ ހިމެނޭހެން ހަތަރު ކޮމިޓީއެއްގެ މުގައްރިރުން ވަކި ކުރަން ހުށަހެޅި އެވެ.
މަޖިލީހުގެ ރައީސް އާއި، ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ ކުރިއަށް ގެންދިއުމަށް އާންމު ކޮމިޓީން މައްސަލައިގެ ބަހުސަށް ވަގުތު ކަނޑައަޅަން ޖެހެ އެވެ. ނަމަވެސް، އެ ޒިންމާ މިހާރު އުފުލަން ޖެހެނީ މުގައްރިރަކު ނެތް، އަލުން އެކުލަވާލުމުގެ މަގުމަތީގައިވާ އާންމު ކޮމިޓީއަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަަދު އަސްލަމާއި، މަޖިލީހުގެ އެސްޖީއާ ދެމެދު މި މައްސަަލައިގައި ބަދަލު ކުރަމުންދާ ސިޓީތަކުގެ ސިލްސިލާއިން މިހާތަނަށް ހާމަވެފައިވާ މައުލޫމާތަށް ބަލާއިރު، އެނގެނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ޖަލްސާގައި ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުން މަޑު ކުރުވީ އަސްލަމް ކަމެވެ، އޭނާ ވިދާޅުވާ ގޮތުގައި އެހެން ކަން ކުރެއްވީ ބައެއް ކޮމިޓީތަކުގެ މެޖޯރިޓީ ގެއްލޭތީ އެވެ.
އަސްލަމް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ކޮމިޓީ ތަކުގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ، މައިނޯރިޓީ ޕާޓީތަކުން، ފަހަރަކު ކަމެއް ހުށަހަޅާތީ އެވެ. އެ ދުވަހު ވެސް، އާންމު ކޮމިޓީގެ ސްލޮޓެއް ހުރިހާ ޕާޓީތަކަށް ދޭން މިނިވަން މެންބަރުންގެ ފަރާތުން ހުށަހެޅި އެވެ.
"މިއަދާ ހަމައަށް އެއްވެސް ބޭފުޅެއް ދެއްކެވި ވާހަކައެއް ނޫން އާންމު ކޮމިޓީގައި ހުރިހާ ޕާޓީތަކުގެ ބޭފުޅުން ބޭތިއްބުމަކީ،" އޭނާ ވިދާޅުވި އެވެ.
މަންޒަރު ވަރަށް ސާފެވެ. "ދަ ޑިމޮކްރެޓްސް" ރަސްމީކޮށް، ރަޖިސްޓަރީވެ ނުނިމޭތީ މިނިވަނުންގެ ގޮތުގައި ތިބި ޑިމޮކްރެޓުންގެ މެންބަަރުން ކޮމިޓީތަކަށް އެ ލޭބަލްގައި ދާން ބޭނުން ނުވަނީ އެވެ. ކައިރި މުސްތަގުބަލެއްގައި މަޖިލީހުގެ މައިނޯރިޓީ ލީޑް ކުރާނެ ޕާޓީ އުފެދުމުން، ޕާޓީގެ ސްލޮޓުގައި ނޫން ގޮތަކަށް ދާން ބޭނުން ނުވަނީ އެވެ.
އެއީ އެކަން ހިނގާނެ ވެސް ގޮތެވެ. ކޮމިޓީ އެކުލަވައިލުވުމުގައި މައިނޯރިޓީގެ އާނ ބަސް ބޭނުން ވާނެތީ، އެއީ އެ މީހުންނަށް ހިފަހައްޓައިގެން ތިބެވިދާނެ ކަމެކެވެ. އަދި، އިލެކްޝަނަށާއި، ސަރުކާރަށް އެ ޕާޓީގެ ރެޖިސްޓްރޭޝަން އަވަސް ކުރަން ދެވޭ ޕްރެޝަރަކަށް ވެސް ވާނެއެވެ.
މަޖިލީހުގެ ގަވާއިދުގައި އޮތް ގޮތަކީ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތުގައި އިންނަވަން ޖެހޭނީ ރައީސެވެ. ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތުގައި އިންނަވަން ޖެހޭނީ ނާއިބު ރައީސެވެ. މި ތަފްސީލު ވަކިން ބަޔާން ވެފައި އޮތުމުން، ގަވައިދުގެ ރޫހަކީ، އާންމު މެންބަރުން އެފަދަ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓުން ކަން އެނގެއެވެ.
ޑިމޮކްރެޓްސްއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި އޮއްވާ، ރައީސް ނަޝީދަކަށް ރިޔާސަތަަކަށް ނޭރޭނެ އެވެ.
"އިތުބާރު ނެތްކަމަށް ވެއްދީމާ، އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ރިޔާސަތުގައި ނުއިނދެވޭނެ" މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިއްޔެ ވިދާޅުވި މި ވާހަކައަކީ އެ ބޭފުޅުންގެ ސްޓޭންޑުގެ ހުލާސާ އެކެވެ.
އަނެއްކޮޅުން އެމްޑީޕީ ފަޅިން ބުނަމުން ދަނީ މަޖިލީހުގެ ގަވާއިދުގައި ޑެޑްލޮކަކަށް ދާނެ ގޮތެއް ނެތޭ އެވެ.
"ގަވައިދުގެ ކޮން މާއްދާއެއްގަ އޮތީ އިތުބާރު ނެތްކަމަށް ވެއްދުމާއެކު ރިޔާސަތުގައި ނީނދެވޭނޭ؟ އަޅުގަނޑުމެންނަށް ނުފެންނަ މާއްދާއެއް އިންތިއަށް ފެންނަންޏާ ދައްކާލަބަލަ ތިމާއްދާ! އަންނިގެ [14 ދުވަހުގެ] ނޯޓިސް ހަމަވަންދެން އިނދެވޭނެ." ސަރުކާރު މެންބަރަކު ވިދާޅުވިއެވެ.
އެއީ ތެދެކެވެ. މަޖިލީހުގެ ގަވާއިދުގައި އެފަދަ މާއްދާއެއް ނެތެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ބޭއްވެވި ޕްރެސްގައި މަޖިލީހުގައި ދެން އޮންނަ ޖަލްސާއެއްގައި ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓުމާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ. މަޖިލީހުގެ ގަވާއިދުގައި އެގޮތަށް އެކަން ނުކުރެވޭނެ ކަަމަށް ވަރަށް ސާފުކޮށް ބަޔާންވެފައި އޮންނާނެ ކަމަށް ވިދާޅުވީ ސަބަބެއް ނެތިއެއް ނޫނެވެ.
މަޖިލީހުގައި މިވަގުތު ހުންނެވި އެންމެ ސީނިއާ އެއް މެންބަރު އެހެން އެ ވިދާޅުވަނީ، 17 ވަނަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުން، އަމިއްލަ ފުޅަށް ރިޔާސަތުން ވަކިވެ ވަޑައިގަތް ހިސާބުން ގާއިމު ކުރެވުނު އުސޫލު / ޕްރިސެޑެންޓުގެ މައްޗަށެވެ.
އޭނާގެ ފަހުން، 18 ވަނަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި، ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކުވެސް ރިޔާސަތު ބެލެހެއްޓެވި އެވެ. ނަމަވެސް، އެއީ މަޖިލީހުގެ ހަޔާތުގައި އެންމެ ރީތި ސަފުހާ ތަކެއް ނޫނެވެ. އަދި މިސާލު ނަގަން ރަނގަޅު ދުވަސްތަކެއް ވެސް ނޫނެވެ.
މިހާރު މިއޮތް ހާލަތަކީ މަޖިލީހަށް އާ ހާލަތެކެވެ. އެހެންކަމުން، މަޖިލީހުގައި މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަށް ބަލާއިރު، ނަޝީދު ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަކީ ރީތި ގޮތެއް ނޫނެވެ. ވަކިން ހާއްސަކޮށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ބެލެހެއްޓުމަކީ ހެޔޮ ގޮތަކަށް ނުވާނެ އެވެ.
މި މަހުގެ 22 ވަނަ ދުވަހަކީ އީދު ބަންދުގެ ކުރިން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ފަހު ދުވަހެވެ. އެ ބަންދު ނިމޭއިރު، މަޖިލިސް އޮންނާނީ ރިސެސްގަ އެވެ. އެއަށް ފަހު މަޖިލިސް ހުޅުވޭނީ ރިޔާސީ އިންތިހާބަށް މަދު ހަފުތާކޮޅަކަށް ވެފައި އޮއްވައެވެ. އެހެން ކަމުން، މި މައްސަލަ އިންތިހާބުގެ ކުރިން ނިންމުމަށް އެމްޑީޕީ އަށް ވަގުތު އޮތީ ވަރަށް ކުޑަތަންވެފައެވެ.
ސިޔާސީ ކޯޅުމާ ދުރުގައި ހުންނަވަން ޖެހޭ، މަޖިލީހުގެ އަމީން އާންމުގެ ބޮލުގައި ކަންކަން ނާޅުވާ، ކޯޓަށް ނުގޮސް މަޖިލީހުގައި އޮތް ޑެޑްލޮކު ފިލުވައިލުމަށް އެމްޑީޕީއަށް ކުރެވެން އޮތް ކަމަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިޔުމެވެ. އޭރުން، ނައިބު ރައީސްގެ މައްސަލައަށް އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވުނީ އެވެ. އަދި މައްސަލައިގެ އެންމެ އޮޅުންބޮޅުން ބޮޑު، ބައި ހައްލުވީ އެވެ.
ރިޔާސީ އިންތިހާބުގެ ކުރިން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނަމަ އެންމެ ފަސޭހަ މަގަކީ އެއީ އެވެ. އެހެން ނޫންނަމަ، އެންމެ ބޮޑު އިންތިހާބާ ކުރިމަތިލާއިރު، ދައުލަތުގެ ދެވަނައަށް އެންމެ ބޮޑު ބާރު އޮންނާނީ ހިރި ނުލެވި، ޕެރަލައިޒް ވެފައެވެ.