"ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ފަސް އަހަރުގެ ތެރޭގައި ތިން ބިލިއަން ރުފިޔާ ހޭދަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 ސްމޯލް ބިޒްނަސް ލީޑަރުން އުފައްދާނަން. ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން،"
ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމުގެ ފަސް އަހަރުގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަން ދެއްވާނެ މުހިންމު ކަންކަން ހިއްސާ ކުރައްވާފައެވެ. އެ ގޮތުން ސަގާފީ، ދީނީ، ތައުލީމް، އިގްތިސާދު، ސިއްހަތު، ޓޫރިޒަމް، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ދާއިރާތަކުން ކުރައްވާނެ މުހިންމު ކަންކަން ފާހަގަ ކުރެއްވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހީންގެ ފުއްދުންތެރިކަން އިތުރު ކުރައްވާނެ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރީން އުފައްދަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 100 މިިލިއަނަރުން އުފެއްދުން ކަމަށެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ފަސް އަހަރުގެ ތެރޭގައި ތިން ބިލިއަން ރުފިޔާ ހޭދަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 ސްމޯލް ބިޒްނަސް ލީޑަރުން އުފައްދާނަން. ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ޗާގޮސްގެ މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާތީ ކަނޑުން ގެއްލުނު ބައި ހޯދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު މަސައްކަތް ފައްޓަވާނެ ކަަމަށް ގާސިމް ވިދާޅުވި އެވެ. އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށާ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
އެ ނޫންވެސް ވަރަށް ގިނަ ވައުދުތައް އެމަނިކުފާނު ވަނީ ވެވަޑައިގެންފައެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަން ދެއްވާނެ ކަންކަމުގެ ތެރޭގައި އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުން ތަކަށް ހައްލެއް ހޯދުން ހިމަނުއްވާނެ އެވެ.
އަދި ސިއްހީ ދާއިރާއިން ރާއްޖެ މަތީ ހަރުފަތަކަށް ގެންގޮސް ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ނިޒާމު ވަރަށް ބޮޑަށް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ދައުލަތުގެ މަގާމުތަކުގައި އަންހެނުންގެ ހިއްސާ ބޮޑު ކުުރުމާއި އަސްކަރިއްޔާ ހަރުދަނާ ކުރުމަށް ކުރައްވާނެ މުހިންމު ކަންކަންވެސް ގާސިމް ވަނީ ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން ޓޫރިޒަމްގެ ދާއިރާގެ މުވައްޒިފުންނަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ސްކީމެއް ފެށުމާއި ހެލްތް ޓޫރިޒަމާއި އިސްލާމިކް ޓޫރިޒަމް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް އާއި ލޯކަލް ޓޫރިޒަމް ފުޅާ ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެމަނިކުފާނަށް ފުރުސަތު ދެއްވައިފިނަމަ ރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ އަމާނަތްތެރި ކޮރަޕްޝަންގެ އަމަލުތަކުން ސަލާމަތް ވެފައިވާ ސަރުކާރެއް ހިންގަވާނެ ކަމަށެވެ.