ގާސިމް ފާޑުވިދާޅުވެފައި ވަނިކޮށް ނަޝީދުއާ ގުޅުން ރަނގަޅު ކަމަށް ޖޭޕީން ބުނެފި

އިލްހާމް މިއަދު މަސައްކަތް ކުރެއްވީ ގާސިމްގެ ވާހަކަތައް ބަދަލު ކުރައްވާ މައްސަލަ ފިނިކުރެއްވޭތޯ ކަމަށް ބެލެވެއެވެ.

ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީގެ ކޮންގްރެސް ޖަލްސާގައި: ނަޝީދާއި ގާސިމުގެ ގުޅުމެއް މިހާރު ނެތް

ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވީ އެމަނިކުފާނު މެދުވެރިވެ އަލުން ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް، ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވަނިކޮށް ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ގުޅުންް ގޯސް ނޫން ކަމަށް ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވި ގޮތުގައި ގާސިމް ފާޅުކުރެއްވީ ވަކި ކަމަކާއިމެދު އޮތް ކަންބޮޑުވުމެކެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީއާ ނަޝީދާއި އޮތް ގުޅުން ގޯހެއް ނޫނެވެ. އަދި ދެ ޕާޓީން ފެށި މަޝްވަރާތައް އަދިވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ނަޝީދާއި އަޅުގަނޑުމެންނާއި ގުޅުން ކެނޑިގެން ނުދޭ. ރައީސް ނަޝީދާއި އަޅުގަނޑުމެން [ޖުމްހޫރީ ޕާޓީން] ދައްކާ ވާހަކަތައް ދާނީ އަދިވެސް ކުރިއަށް،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް މިހެން ވިދާޅުވި ނަމަވެސް ކޯލިޝަން ހެދުމުގެ ނަމުގައި ޖުމްހޫރީ ޕާޓީއާ ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަނީ މިހާރު ހުއްޓިފައެވެ. ނަޝީދުގެ ވަފާތެރި މެންބަރުން މިހާރު ވަނީ "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރު އިންތިހާބުގައި ވާދަ ކުރަން ވެސް ވަނީ ނިންމާފައެވެ.

ޖުމްހޫރީ ޕާޓީން ވެސް ވަނީ ގާސިމް ނެރުމަށް ނިންމާފައެވެ. ނަމަވެސް އިލްހާމް މިއަދު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާ ރައީސް ނަޝީދާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެ ޕާޓީ އޮތީ ތައްޔާރަށެވެ.

"ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައިވެސް މި ޕާޓީ [ޖުމްހޫރީ ޕާޓީ] ތައްޔާރުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު ގަބޫލުކުރަނީ އެ ގޮތަށޭ ވިސްނުން ހުރީ،"

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ގާސިމް، ނަޝީދު އަދި އިލްހާމް

އިލްހާމް މިހެން ވިދާޅުވިޔަސް މި މަހުގެ ދެވަނަ ދުވަހު އެމަނިކުފާނުގެ ޓީވީ ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތުހުމަތުތައް ވެސް ކުރައްވާފައެވެ. ވިދާޅުވީ ނަޝީދު އުޅުއްވީ އެމަނިކުފާނު މެދުވެރިވެ އަލުން ވެރިކަމަށް ވަޑައިގަތުމަށެވެ.

"އަޅުގަނޑަށް އެނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑަށް އެނގޭ ވަރަށް ފުރިހަމައަށް އެބޭފުޅާ. އެބޭފުޅާއަށް ކަމަކު ނުދާނެ އެ ބޭފުޅާ ނޫން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަށް ކެތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ނަޝީދުގެ ފަރާތްޕުޅުން ތަފްސީލީ ކަރުދާހެއް ހުށައެޅުއްވި ކަމަށާ ނަމަވެސް އޭގައި ހުރި ކަންކަމުން ނަޝީދުގެ ބޭނުންފުޅަކީ ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނަކީ މަގު ކޮށައިދޭ މީހަކަށް ހެއްދެވުން ކަމަށް ވިސްނިވަޑައިގެންނެވި ކަމަށްވެސް ގާސިމް އެ ދުވަހު ވިދާޅުވި އެވެ.

"އެ ހުށައެޅި ކަރުދާހަށް ބެލީމަ އަޅުގަނޑަށް ފެންނަަނީ އަޅުގަނޑު މީ އެމަނިކުފާނު ވެރިކަަމަށް ގެންނަން މަގުކޮށައިދީ ހަދަން ހުރި މީހެއް ކަަމަށް. ނޫނީ އެހެން ގޮތަަކަށް ދަންނަވަންޏާ އަޅުގަނޑު މި ވަނީ ސްޓެޕިން ސްޓޯނަކަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ފާހަގަ ކުރެއްވި މައިގަނޑު ނުކުތާތައް

  •  ޖޭޕީއާ ފިކުރެއްގެ ދިރުމުގެ މަޝްވަރާ ކޮޅެއްގައި ނުޖެހިއްޖެ ނިމިފައި
  •  ނަޝީދު އުޅުއްވީ ވެރިކަމަށް އަންނަން ގާސިމްގެ ބޭނުން ހިފަން
  •  އެހެން މީހަކަށް ވެރިކަން ދީގެން ނަޝީދަށް ނުހުންނެވޭނެ
  •  އެމްޑީޕީ ހަލާކުކޮށްލި މީހާގެ ޓެގް އެޅެން ބޭނުމެއް ނުވޭ
  •  މީހަކު ޖަހާހާ ބެރަކަށް ގުނބޯ ހެދިގެން ނުނަށާނެ
  •  އެމްޑީޕީއަކީ ނަޝީދުގެ ހިތްވަރެއް ހުރުގެން އުފެއްދި ޕާޓީއެއް ނޫން

ގާސިމް ވަނީ އެމްޑީޕީއަކީ ނަޝީދު އުފެއްދެވި ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ ވެސް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ އެމްޑީޕީ އުފައްދަން އެންމެ ފުރަތަމަ ސޮއި ކުރެއްވީ އެމަނިކުފާނު ކަމަށެވެ. އަދި އެމްޑީޕީ ވަރުގަދަ ކޮށް ބޮޑު ކުރުމަށްވެސް މާލީ ގޮތުން އެހީތެރިވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން ޑީއާރުޕީގެެ ނާއިބު ލީޑަރަކަށް ހުންނަވައިގެން އެމްޑީޕީއަށް ހަރަދު ކުރެއްވި ކަމަށާ އެކަން ކުރެއްވީ ވާދަވެރި މާހައުލެއް އުފެއްދެވުމަށް ކަމަށެވެ.

"މި އެމްޑީޕީ ހަދަން އެންމެ ފުރަތަމަ ސޮއިކުރި މީހަކީވެސް އަޅުގަނޑޭ އިނގޭތޯ. އެއީ ރައީސް ނަޝީދުގެ ހިތްވަރެއް ހުރެގެން ރައީސް ނަޝީދު ކުރެއްވި ކަމެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެ ވާހަކަތަކާއި ގުޅިގެން އެމަނިކުފާނަށް ކުރީން ވަރަށް ތައުރީފު ކުރި ނަޝީދުގެ ވަފާތެރި މެންބަރުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެހެން ކަމުން އިލްހާމް މިއަދު މަސައްކަތް ކުރެއްވީ ގާސިމްގެ ވާހަކަތައް ބަދަލު ކުރައްވާ މައްސަލަ ފިނިކުރެއްވޭތޯ ކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.