މަޖިލީހުގައި ބޮޑު ތަޅު ؛ ނަޝީދާއި އީވާ ވަކި ކުރެވޭނެތަ؟

އިތުބާރު ނެތް މައްސަލަތައް ފުނި ޖެހެނީ އެވެ. މަޖިލީހުގެ ދާއިމީ ކޮމެޓީތައް އޮތީ އުވިފައެވެ. ކޮމެޓީތައް އެކުލަވާލެވިގެން ނޫނީ އިތުބާރު ނެތް މައްސަލަތައް ކުރިއަށް ގެންދެވޭކަށް ނެތެވެ. މަޖިލީސް އޮތީ ކުރިއަށް ދެވޭނެ ގޮތެއް ނެތި ބޮޑު ތަޅެއް އެޅުވިފައެވެ.

ރައްޔިތުންގެ މަޖިލީސް އޮތީ ކުރިއަށް ދެވޭނެ ގޮތެއް ނެތި ޑެޑްލޮކެއްގައި: މެޖޯރިޓީ މެންބަރުންގެ ނަޒަރުގައި މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީސް ހިސާރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރަައީސްގެ މަގާމުން ވަކިކުރަން އެމަނިކުފާނު ރައީސްކަން ކުރައްވާ އެމްޑީޕީން ހުށައަޅަނީ އެވެ. ތާރީހީ ދުވަހަކެވެ. އެހައި ބޮޑު ވެސް ކަމެކެވެ. މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ތާއީދެވެ. މައްސަލަ އެ ވައްދަނީ މަގާމުން ދުރު ކުރުމަށް ޔަގީން ކޮށްގެނެވެ. ޖުމްލަ 54 މެންބަރުންގެ ސޮޔާއެކު އެވެ. އެހެންވީމަ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރެވޭނެ ކަން ޔަގީނެވެ. އެކަމަކު އެކަމަށް ގާނޫނީ ހުރަސް ތަކެއް ދިމާވެ އެވެ. އެ ހުރަސްތަކާއެކު މިހާރު ވެސް މަޖިލީސް އޮތީ ފާޑަކަށް ބޮޑު ތަޅުލެވި ކުރިއަށް ދެވޭނެ ގޮތެއް ނެތިފަ އެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅާއިރު ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އޮތީ މަޖިލީހަށް ވައްދާފަ އެވެ. އެކަމަނާއަށް ނޯޓިސް ފޮނުވައި މައްސަލަ އެޖެންޑާ ކުރާނެ ތާރީހު ވެސް ވަނީ ކަނޑައަޅާފައެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އެކުއެކީ މަގާމުން ބޭރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ގާނޫނީ ހުރަސްތައް ގިނަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށައެޅިއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވާނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ނަމަ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ.

އަނެއްކޮޅުން އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވުމާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ބަދަލު ގެންނަން ވަނީ ޖެހިފައެވެ. އެކަމަށް ގޮތެއްް ނުހޯދި ހުރިހާ ކޮމެޓީތަކެއް ވަނީ "އުވިފަ" އެވެ. މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމުގައި ޕާޓީތަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. 

މަޖިލީހުގެ ރިޔާސަތު ބަދަލު ކުުރުމުގެ އިތުރުން ދެ ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހުގައި އެބަ އޮތެވެ. އެއީ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް މައްސަލަ އެވެ. ރިފްއަތުގެ މައްސަލަ ފިޔަވާ ދެން އިތުރު މައްސަލައަކަށް ގޮތް ނުނިމަވާ ވަނިކޮށް ކޮމެޓީތައް އުވުނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: މަގާމުން ވަކިކުރަން ދަނީ ތައްޔާރު ވަމުން

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އިތުބާރު ނެތް މައްސަލަ އެއް ކުރިއަށް ގެންދިއުމަށް މައްސަލައިގެ ބަހުސް ތަޅުމުގައި ކުރިއަށް ގެންދާނެ ގޮތެއް އާންމު ކޮމެޓީން ކަނޑައަޅަން ޖެހެ އެވެ. އެކަމަކު މިހާރު އާންމު ކޮމެޓީއެއް ނެތެވެ. އެހެންވީމަ އިތުބާރު ނެތް މައްސަލަތައް ކުރިއަށް ގެންދެވޭނެ ހާލަތެއް މިހާރަކު ނެތެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވި ގޮތުގައި މަޖިލީސް އޮތީ ފާޑަކަށް ތަޅު އެޅުވިފަ އެވެ. މިހާރު އޮތް ހާލަތުގައި އިތުބާރު ނެތް މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވެން އޮތީ އެ މައްސަލަތަކަށް ހައްލު ހޯދައިގެންނެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތް މައްސަލައެއް ހުށައެޅިފައި އޮތަސް އެ ދެ ބޭފުޅުންނަށް ރިޔާސަތުގައި އިންނެވުމުގައި ހުރަހެއް ނެތެވެ. މަޖިލީހުގެ ގަވައިދުގައި އޮތީ އިތުބާރު ނެތް މައްސަލައިގެ ގަރާރު މަޖިލީހަށް އިއްވާ ހިސާބުން ފެށިގެން ދެން ރިޔާސަތުގައި ނުއިންނެވޭނެ ވާހަކަ އެކެވެ. އެހެންވީމަ ވޯޓް ނަގާ ދުވަހާއި ހަމައަށް އެ ދެ ބޭފުޅުންނަށް މަގާމުގެ މަސްއޫލިއްުޔަތު އަދާ ކުރެއްވޭނެ އެވެ. ރިޔާސަތުގައި އިންނެވުމަށް ހުރަހެއް ނެތެވެ.

ހުރަސް އޮތީ އެ ހިސާބަށް ދިއުމަށެވެ. ރައީސް ނަޝީދާއި އީވާ އަބްދުﷲ މަގާމުން ދުރު ކުރުމުގެ މައްސަލަ އެޖެންޑާ ކުރެވޭނީ އާންމު ކޮމެޓީން އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައިގެންނެވެ. އެ ބޭފުޅުންނަށް ޖަވާބުދާރީވެ ވަޑައިގަތުމަށާއި މެންބަރުންނަށް ބަހުސް ކުރުމަށް ވަގުތު ކަނޑައިގެންނެވެ. އެކަން ކުރެވެން އާންމު ކޮމެޓީއަކަށް ނެތެވެ. އެއީ މަޖިލީހުގެ ދާއިމީ ހުރިހާ ކޮމެޓީތަކެއް އުވިފައި އޮތުމެވެ.

"އެހެންވީމަ މަޖިލީސް ފާޑަކަށް ޑެޑްލޮކެއް ގައި މި އޮތީ،" ކުރީން އެޓާނީ ޖެނެރަލްގެ ނައިބަކަށް ވެސް ހުންނެވި އުޝާމް ވިދާޅުވި އެވެ.

މެންބަރު އުޝާމްއާ މެންބަރު އާޒިމް: މަޖިލީހުގައި މިހާރު އޮތީ ސީރިއަސް ހާލަތެއް ކަމަށް ވިދާޅުވި

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ މެންބަރު އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގައި ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. މިހާރު އާދެވިފައި ތިބި ހިސާބުން ވަރަށް ބޮޑު ހުސް ކަމެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އެހެންވެ ކޮންމެވެސް ހައްލެއްގެ ތެރެއިން ދާއިމީ ކޮމެޓީތައް އެކުލަވާލެވެން ޖެހެ އެވެ. އެކަމަކު އެކަން ކުރެވޭނީ ސުލްހަވެރި ހައްލެއްގެ ތެރެއިން ކަމަށް އާޒިމް ދެކެވަޑައިގަންނަވަ އެވެ. ބާރު އޮތީތީ ބާރު ބޭނުން ކޮށްގެން އެކަން ނުކުރެވޭނެ އެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތައް އަލުން އެކުލަވާލެވި ދާނެ އެވެ. ނަމަވެސް އެ މައްސަލަ ނިންމޭން އޮތީ މަޖިލީހުގެ ތަޅުމަށް މައްސަލަ ގެނެސް ގެނެއެވެ. އެންމެންނަށް އެއްބަސް ނުވެވޭ ގޮތަކަށް ކޮމެޓީތައް އެކުލަވާލައިފިނަމަ މަޖިލީހުގެ ތަޅުމުގައި ދާއިމީ ކޮމެޓީތަކުގެ މައްސަލަ ނިންމޭނެ ގޮތެއް ނެތެވެ. އެ ނޫން ކޮންމެ ހާލަތެއްގައި މަޖިލީހުގެ ނިޒާމު ގެއްލޭނެ އެވެ. އެމްޑީޕީ ނުރުހޭ ގޮތަކަށް ވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެވެ. ސުލްހައިގައި މައްސަލަ ނިންމަން އިދިކޮޅު ޕާޓީތަކުގެ ރުހުން ވެސް ބޭނުންވެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި ތިއްބެވީ ސަރުކާރުން / އެމްޑީޕީން ބޭނުން ހާ ގޮތަކަށް އެކަން ކޮށްދެއްވާނެ ދެ ބޭފުޅުންނެއް ނޫނެވެ. އެހެންވީމަ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން ދާއިމީ ކޮމެޓީތައް އެކުލަވާލި ނަމަވެސް ތަޅުމުން މައްސަލަ ނިންމަން ފަސޭހައެއް ނުވާނެ އެވެ.

ދެން އޮތީ މަޖިލީހުގެ ރިޔާސަތުން އެ ދެ ބޭފުޅުން ދުރު ކުރުމެވެ. އެކަން ކުރެވެން އޮތީ ދާއިމީ ކޮމެޓީތައް އެކުލަވާލައިގެންނެވެ.

"އެހެންވީމަ ވަރަށް ބޮޑު ހުސް ކަމެއްގެ ތެރެއަށް ދިއުމުގެ ފުުރުސަތު އެބައޮތް މި ހާލަތުގައި،" މަޖިލީހުގައި ތިންވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

އޭޖީގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމުމާއެކު އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަނީ: މި ދައުރުގައި ދެން ފެންނާނެ ކަމަށް ލަފާ ވަނީ މުޅީން މި މަންޒަރު

އާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުން ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ދެ މައްސަލަ ކުރިއަށް ގެންދާނަމަ ރިޔާސަތުގައި އިންނާނެ ބޭފުޅަކާމެދު ސުވާލު އުފެދެ އެވެ.

މި ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުން ލިބިދޭ އެންމެ ދުވަސްވީ މެންބަރުންނަށް އެ ފުރުސަތު ދެވިދާނެ ކަމަށް އާޒިމް ދެކެވަޑައިގަންނަވަ އެވެ. މިހާރު އޮތް ގޮތުން އެ ފުރުސަތު އޮތީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށެވެ. މި ދެ ބޭފުޅުން ނިސްބަތް ވަނީ ދެ ޕާޓީއަކަށެވެ. ޝަރީފަކީ އެމްޑީޕީ މެންބަރެކެވެ. އަފީފު ހުންނެވީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓުންގެ ފަޅީގައެވެ.

އެހެން ވެއްޖެނަމަ އެކަން ވެސް ވާނީ ބޮޑު އަރައިރުމަކަށެވެ. ޝަރީފް އަމަލު ކުރާ ގޮތް އިދިކޮޅު ޕާޓީތަކަށް ކަމަކު ނުދާނެ އެވެ. ވަރަށް ގިނަ އިން ރިޔާސަތުގައި އިންނަވާ އަފީފު މިހާރު އަމަލު ކުރައްވާ ގޮތާމެދު އެމްޑީޕީގެ ނުރުހުން ވަރަށް ބޮޑެވެ.

"އަޅުގަނޑުގެ ނަަަޒަރުގައި މިއީ ފަސޭހަ ކަމެއް ނޫން. މިކަމަށް ބޭނުންވާނީ ސިޔާސީ ހައްލެއް. ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން އެއީ ވަރަށް އުނދަގޫ ކަމެއް. ބެލެވެނީ ހުސް ކަމެއްގައި އޮވެ މަޖިލީސް ރިސެސްއަށް ދާނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: 54 މެންބަރުންގެ ތިއްބެވީ ނަޝީދު ބޭރު ކުރަން

އެ މައްސަލާގައި އާޒިމްގެ ވާހަކަތަކަށް އުޝާމް ވެސް ތާއީދު ކުރައްވައެވެ. އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީސް މިހާރު އޮތް ހާލަތަށް ދިއުމުގައި ސަބަބުތައް ގިނަ އެވެ. މަޖިލީހުގެ އިދާރާގެ މައްސަލަ ތަަކެއް ވެއެވެ. މަޖިލީހުގެ ރިޔާސަތުން އަމަލު ކުރާ ގޮތާއި އެމްޑީޕީގެ މައްސަލަ ތަކެއްވެސް އެބަ ހުއްޓެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި ކުޑަ ވެސް ދުލެއް ދޭން އެމްޑީޕީން ބޭނުމެއް ނުވެ އެވެ. އެ ޕާޓީގެ މެޖޯރިޓީ އޮތުމުން ހުރިހާ ކޮމެޓީތަކެެއްގެ ކޮންޓްރޯލް / މުގައްރިރު ކަން އެ ޕާޓީން ބޭނުން ވެއެވެ. ސަރުކާރުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރާ މިންވަރު ބަލާ ކޮމެޓީތަކުގައި ވެސް ތިބެން އެމްޑީޕީން ބޭނުން ވަނީ އެ ޕާޓީގެ މެންބަރުންނެވެ.

"އަޅުގަނޑުވެސް ގަބޫލު ކުރަން ގިނައީ އެމްްޑީޕީގެ މެންބަރުންވީމަ ކޮމެޓީތަކުގައި އެ ޕާޓީގެެ ތަމްސީލް ވުން ބޮޑުވާނެ ކަން. ނަަމަވެސް އެއީ ހުރިހާ ކޮމެޓީތަކެއްގެ މުގައްރިރުކަމާއި ފުލް ކޮންޓްރޯލް ހޯދުމެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު މައްސަލަ އެއް އެމްޑީޕީން އެއްވެސް ކަމެއްގައި ކުޑަވެސް މިންވަރަކަށް ދޫދޭން ބޭނުން ނުވުން،" 

އެމްޑީޕީގައި ވިސްނުމަކީ މޮޅަށް ނިންމާލާނެ

މި މައްސަލާގައި "މި" ނޫހާ ވާހަކަ ދެއްކި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވި ގޮތުގައި މަޖިލީސް ބޮޑު ތަޅުގައި އޮންނަން ފުުރުސަތެއް ނުދޭނެ އެވެ. ނަޝީދާއި އީވާ ވެސް ވަކި ކުރާނެ އެވެ. ދާއިމީ ކޮމެޓީތަކުގެ މައްސަލަ ވެސް ހަމަ ޖައްސާނެ އެވެ.

އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އެބަ އޮތެވެ. މޮޅަށް އެކަން ނިންމާނެ އެވެ. 

އެއް މެންބަރަކު ވިދާޅުވި ގޮތުގައި މައްސަލައިގެ ހައްލަކަށް ދާނީ މަޖިލީހުގެ ރިޔާސަތުގައި ޝަރީފް ބައިންދަވައިގެނެވެ. މަޖިިލީސް ކުރިއަށް ގެންދަން ހުރަސް އަޅުއްވާ ހުރިހާ މެންބަރުން ނެރުއްވާނެ އެވެ. އެއީ މުޅި އިދިކޮޅު އެކަށް ތަޅުމުން ބޭރު ކުރަން ޖެހުނަސް ހެޔޮ ކަމުގައި ބަލައިގެންނެވެ.

އެހެން މެންބަރަކު ވިދާޅުވި ގޮތުގައި ދެން އެމްޑީޕީ ތަފާތު ވާނެ އެވެ. ނަޝީދު ހެއްދެވިހާ ގޮތެއް ބަލަން ތިބުން މާޒީވީ އެވެ. ކެތްތެރިކަން ކޮޅުންލީ އެވެ. 

"ޖަލްސާތައް ކުރިއަށް ގެންދަން އެބަ ޖެހޭ. އަޅުގަނޑުމެންގެ 56 މެންބަރުން ތިބެ މަދު ބައެއްގެ ބޭނުމަށް މަޖިލީސް މިހެން ހިސޯރެއް ނުކުރެވޭނެ. ހަގީގަތުގައި މަޖިލީހުގައި އެޅިފައި ވަނީ ބޮޑު ތަޅެއް ނޫން. މި އޮތީ މަޖިލީސް ހިސާރު ކޮށްފައި. އެކަމަށް ނިމުން ގެންނާނެ. އެ ވިސްނުން އެބަ އޮތް. މޮޅުކޮށް ނިންމާލާނެ،" ދެކުނުގެ ދާއިރާއެއް ތަމްސީލު ކުރައްވާ މެންބަރަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން: ކޮމެޓީތައް އެކުލަވާލާ ނަޝީދާއި އީވާ ވަކިކޮށް މަޖިލިސް ހަމައަކަށް އަޅުވާނެ ކަމަށް ބުނޭ

އުޝާމްގެ ވިސްނުންފުޅުގައި މައްސަލައަށް އޮތް ހައްލަކީ މަޝްވަރާ އެވެ. މަޖިލީސް ނުހުއްޓި ކުރިއަށް ދާން ޖެހޭ ކަމަށް ގަބޫލުކޮށް ޕާޓީތަކުން އެއްބަސްވެ ހައްލެއް ހޯދުމެވެ. އެމްޑީޕީން ވެސް ދޫދޭން ޖެހެ އެވެ. އިދިކޮޅު ޕާޓީތަކުން ވެސް ބައެއް ވިސްނުންތައް ދޫކޮށްލާން ޖެހެ އެވެ. މަޖިލީހުގެ ރިޔާސަތުން ވެސް އުސޫލުގެ ތެރެއިން އަމަލު ކުރަން ޖެހެ އެވެ. އިދާރީ މަަސައްކަތްތަކަށް ފަހި ފުރުސަތެއް ދޭން ޖެހެ އެވެ. އެ ނޫން ހާލަތެއްގައި މިހާރު އޮތް ބޮޑު ތަޅު ނެއްޓޭނެ ގޮތެއް ނެތެވެ.

އެހެން ނޫނީ ދެން ފެންނާނީ އިއްޔެ މަޖިލީހުން ފެނުނު މަންޒަރުތަކެވެ. އެބަޔަކު ނުރުހޭ ގޮތަކަށް ކަންކަން ދާން ފެށުމުން ކޮޅަށް ތެދުވެ އަޑުގަދަ ކޮށް ނިޒާމު ގެއްލުވާލާނީ އެވެ. ދެން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި މަޖިލީސްގެ ޖަލްސާ ނިންމާލާނީ އެވެ. އެހެން ވެއްޖެނަމަ ދައުލަތުގެ އެއްބާރު "ތަޅު" ލެވުނީ އެވެ. މަސްއޫލިއްޔަތު އަދާ ނުކުރެވި ހުއްޓުމަކަށް އައީ އެވެ.

ސިޔާސީ އޮއިވަރު ހުރި ގޮތުން ބެލެވެނީ ދައުރު ނިމޭނީ މި ހަލަބޮލި ކަމުގައެވެ. މަޖިލީހުގައި "ބޮޑު ތަޅު" އެޅުވި ކުރިއަށް ދެވޭނެ ގޮތެއް ނުފެނި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.