ކޮންސްޓްރަކްޝަން ވިޔަފާރީގައި ނަންހުރި ޖައުސާ ކުންފުންޏާ އެއް ކުޑައެއްގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓުން އެ އިމާރާތްތަކުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ.
ޖާހު އިންވެސްޓްމެންޓްސް އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑެންސް" އެޕާޓްމެންޓުތައް ނިންމަން 30 ދުވަހުގެ ނޯޓިސް އެއް ދީފިއެވެ.
އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރު ހަވާލުކުރި އެ މަޝްރޫއު ނުނިމި، ދިގުލައިގެންދާ މައްސަލަ ބެލުމަށް ފަހު، އެ މަސައްކަތް ނިންމުމަށާއި، ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
"މި ގޮތަށް ނޯޓިސް ދިނުމުގެ ކުރިން އެކި ފަހަރުމަތިން މަސައްކަތް ނިންމުމަށް ގިނަ ފުރުސަތުތަކެއް މި ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމެންޓަށް ވަނީ ދެވިފައިކަން ފާހަގަކުރަމެވެ" އާބަންކޯގެ ބަޔާނުގައި ވެއެވެ.
ކޮންސްޓްރަކްޝަން ވިޔަފާރީގައި ނަންހުރި ޖައުސާ ކުންފުންޏާ އެއް ކުޑައެއްގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓުން އެ އިމާރާތްތަކުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ނަމަވެސް 2021 ވަނަ އަހަރު ނިމުނު އިރު މަސައްކަތް އެއްކޮށްހެން ހުރީ ހުއްޓިފަ އެވެ. އެ ކުންފުނިން ބުނަމުން އައީ އެ މަސައްކަތް ހުއްޓުނީ ކުރިން އަންނާނެ ކަމަށް ބެލެވިފައި ނުވާ، މާލީ، އަދި އިންސާނީ ވަސީލަތްތަކުގެ ދަތިކަން މެދުވެރިވުމުން ކަމަށެވެ.
އެއަށްފަހު، މިއަހަރުގެ ފެބްރުއަރީ މަހު އެ ކުންފުނިން ވަނީ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ބުނެ، ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިހާރު އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރަށް ހުރިހާ މަސައްކަތެއް ނިންމުމަށް ކަމަށެވެ. އަދި، އެ މަސައްކަތް ނިންމުމަށް އަވްހިރު ގްލޯބަލް ކުންފުންޏާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސް ވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ގާޑެންސް ފްލެޓުތަކުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ އެކި ފަހަރު މަތިން ހަރުތާލުކޮށް، މަސައްކަތް ހުއްޓާލާފައެވެ. ކޮވިޑުގެ ދުވަސްވަރު އެ މަސައްކަތުގައި އުޅުނު ގިނަ ލޭބަރުން އަނބުރާ ގައުމަށް ވެސް ދިޔައެވެ. އޭގެ ފަހުންވެސް، މުސާރައާއި، ވިސާގެ މައްސަލަ ފަދަ ކަންކަމުގައި އިހުތިޖާޖު ހިނގާފައިވެއެވެ.
އޭގެ އިތުރުން އެ މަސައްކަތް ލަސް ވެގެން، އެ ފްލެޓުތަކަށް ފައިސާ ދައްކާފައި ތިބި މީހުން ވެސް ދޭތެރެއަކުން މުޒާހަރާ ކުރެއެވެ.
ޖާހުއަށް ފްލެޓުތައް ނިންމުމަށް ނޯޓިސް ދީފައިވާއިރު، އެ މަޝްރޫއާއެކު ފެށި ކޭޕާކުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި، އެ ފްލެޓު ތަކުގެ މައްސަލަ ފުލުހުންނާއި، އާބަންކޯއިން ވެސް ދަނީ ބަލަމުންނެވެ.