ކޮމެޓީތައް އެކުލަވާލާފައި ނުވާތީ މަސައްކަތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު މެމްބަރުންގެ އެތައް އިއުތިރާޒެއް ކުރުމުން ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ހުއްޓާލަން ނަޝީދު އެންމެ ފަހުން ވަނީ ނިންމަވާފަ އެވެ.
ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އިމްތިޔާޒާ ބެހޭ މައްސަލައެއް ހުށަހެޅުމުން މިއަދުގެ ޖަލްސާ ވެސް ހޫނުވެ، ޒުވާބަކަށް ބަދަލުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުގެ 12 މެމްބަރުން ސޮއިކޮށް ހުށަހަޅާފައިވާ މި މައްސަލައިގެ ބަހުސް ފެށީ އިއްޔެ އެވެ. މިއަދު އޮތީ ބާކީ އޮތް ވަގުތުގައި މެމްބަރުން ބަހުސްކުރުމެވެ. އެކަމަކު ހުސެންގެ ފަރާތުން އިމްތިޔާޒާ ބެހޭ މައްސަލައެއް މަޖިލީހުގެ ތަޅުމަށާއި އިމްތިޔާޒާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައި ވާތީ އެންމެ ފުރަތަމަ ފުރުސަތު ދީފައި ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށެވެ.
ހުސެންގެ ހުށަހެޅި މައްސަލައިގައި ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ރިފްއަތު ލިޔުމުން މަޖިލީހަށް ފޮނުވި ޖަވާބުގައި މަޖިލީހުގެ ބާރުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ. އަދި ވަޒީރުންގެ އިހުތިސޯސްގެ ތެރޭގައި ހިނގާ ކަންކަމާ ސުވާލުކުރުމަކީ މަޖިލީހަށް ލިބޭ ބާރަކަށްވާއިރު، މެމްބަރުން ޖަވާބު ބޭނުންވާ ކޮންމެ ކަމެއްގައި ތެދުބަހުން ޖަވާބު ނުދީ ޖަދަލު ނުކުރެއްވޭނެ ކަމަށެވެ.
ރިފްއަތު ލިޔުމުން ހުށަހެޅި ޖަވާބުގައި، މަޖިލީހަށް ބަންޑާރަ ނައިބުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުނުކުރެވޭނެ މޭރުމަކުން ލިޔުއްވާފައިވާތީ، އެއީ މަޖިލީހަށް ކުރި މަލާމާތެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. ލިޔުމުން ހުށަހެޅި ޖަވާބުގައި މުޅި މަޖިލީހުގެ އިމްތިޔާޒާއި ގަދަރަށް އުނިކަން އަންނާނެ ގޮތަށް އަމަލުކޮށްފައިވާތީ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވަން ހުށަހަޅާފައިވެ އެވެ.
މި މައްސަލައަށް ބަހުސްކުރުމާމެދު މެމްބަރުންގެ މެދުގައި ނެގި ވޯޓުން ފާސްވީ ބަހުސް ނުކުރުމަށެވެ. ބަހުސްކުރަން ފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވިއިރު 48 މެމްބަރުން ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.
ވޯޓަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަނެއްކާވެސް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރަން ފުރުސަތު ދޭން ނިންމަވާފަ އެވެ. އެކަމަށް ދެކޮޅު ހައްދަވައި އިދިކޮޅު މެމްބަރުން ވިދާޅުވަމުން ދިޔައީ އިމްތިޔާޒާ ބެހޭ މައްސަލައެއް އޮއްވައި އެހެން މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"ބަންޑާރަ ނައިބާ ގުޅޭ އިމްތިޔާޒްގެ މައްސަލައެއް ކޮމެޓީއަށް އެބައޮތް ހުށަހެޅިފަ. ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތަޅުމަށް އެބައޮތް ހުށަހެޅިފަ. އަޅުގަނޑުމެންގެ ކޮމެޓީތައް ބައްދަލުވެ ނުހިނގާ. މި ނުކުތާތައް އެނގިވަޑައިގެން ތިއްބަވާ އިއްޒަތްތެރި މެމްބަރުންނަށް މިއަދު އަޅުގަނޑު މަޖިލީހުގެ ތަޅުމުގައި [ބަހުސްކުރަން] މި އަރުވަނީ،" ނަޝީދު ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ ނުކުތާ ނަންގަވައި ބަހުސް ކުރިއަށްގެންދަން ދެކޮޅު ހެއްދެވި އެވެ. އާޒިމް ވިދާޅުވެފައި ވަނީ އިމްތިޔާޒާ ބެހޭ މައްސަލައެއް ހުށަހަޅައިފިނަމަ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އިމްތިޔާޒްގެ މައްސަލައަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ފަރެސްމާތޮޑާ ދާއިރާ މެމްބަރު، އޭނައަކީ ސްކިލްޑް ޕާލިމެންޓޭރިއަންއެއް ކަމުން މިކަން ކުރައްވާފަ މިއޮތީ މިގޮތަށް. ދެން ތިބޭފުޅުން އަޅުގަނޑަށް އެހެން ގޮތަކަށް މިކަން މަގު ދައްކަވައިފިނަމަ އެ މަގަކުން އަޅުގަނޑު ހިނގާނަން،" ނަޝީދު ވިދާޅުވި އެވެ.
ކޮމެޓީތައް އެކުލަވާލާފައި ނުވާތީ މަސައްކަތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު މެމްބަރުންގެ އެތައް އިއުތިރާޒެއް ކުރުމުން ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ހުއްޓާލަން ނަޝީދު އެންމެ ފަހުން ވަނީ ނިންމަވާފަ އެވެ.
އިއްޔެގެ ޖަލްސާގައި ވެސް މެމްބަރުން ދިޔައީ ރިފްއަތު މަޖިލީހަށް ހާޒިރުވުމުން އެކަމާ ސުވާލުކޮށް ޒުވާބުކޮށްފަ އެވެ. މިއަދު ވެސް މެމްބަރުން އަރާރުންވަމުން ދިޔައީ ރިފްއަތު މަޖިލީހުގެ އިދާރާގައި އިންނަވަނިކޮށެވެ.