އެހެން މެމްބަރުންނަށް ރިފްއަތާ ސުވާލު ކުރެއްވޭނީ މައްސަލަ ހުށަހެޅިގެން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ދެން ވެސް މެމްބަރުން ގޮވަމުން ދިޔައީ ކުރީ ދުވަހު ވަޑައިނުގެންނެވި ސަބަބު އަދުވެސް ސާފުނުވާ ކަމަށެވެ.
ޗާގޯސް މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ގުޅިގެން މަޖިލީހަށް ވައްދާފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން މިއަދު މަޖިލީހަށް ހާޒިރުވީ ކީއްވެގެންތޯ ސުވާލުކުރައްވާ އިދިކޮޅު މެމްބަރުން މަޖިލީހުގައި ބޮޑު ޒުވާބެއް ފަށައިފި އެވެ.
ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އެންމެ ފުރަތަމަ ރިފްއަތު ޖަވާބުދާރީ ވެފައި ވަނީ ލިޔުމުންނެވެ. އެކަމަކު ފަހުން ވަނީ އަނގަބަހުން ޖަވާބުދާރީވާން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފަ އެވެ. މިއަދަށް އެ މައްސަލަ ތާވަލުކުރުމުން ރިފްއަތު ވަނީ މަޖިލީހަށް ހާޒިރުވެފަ އެވެ.
އިދިކޮޅު މެމްބަރުން ގޮވަމުން ދިޔައީ ގާނޫނޫއަސާސީގެ 101 ވަނަ މާއްދާގެ (ށ) އާ ރިފްއަތު ހިލާފުވެފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް އާދޭހާއެކު މިދަންނަވަނީ އެޓާނީ ޖެނެރަލް ކުރީ ދުވަހު ވަޑައިނުގެން، މިއަދު ވަޑައިގެން އެ އިންނެވީ ކީއްވެގެންތޯ އޭ! އެކަން އަޅުގަނޑުމެން އެބަ ޖެހެއެއްނޫންތޯއޭ އިންކްއަރީއެއް ހަދާ ތަހުގީގު ކުރަން. އެއީ ވަރަށް ބޮޑު ސުވާލެއް!" ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތަކުރާރުކޮށް ކުރައްވަމުން ގެންދެވީ މި ސުވާލެވެ.
މިއަދުގެ ޖަލްސާގައި މައްސަލަ ހުށަހެޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ނަޝީދު އެންގެވި އެވެ. އެކަމަކު މައްސަލަ ހުށަނޭޅި ދެ ފަހަރު މަޖިލީސް މެދުކަނޑާލަން ވެސް ޖެހުނެވެ. މެމްބަރުން އެތައް ނިޒާމީ ނުކުތާއެއް ނަންގަވައި މައްސަލަ ހުށަހެޅުމަށް ދިޔައީ ހުރަސް އަޅަމުންނެވެ.
ދޭތެރެ ދޭތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ހަދާފައިވާ "ޗޯރު އިބުރޭ" ކިޔާ ލަވައެއް ވެސް މަޖިލީސް ތަޅުމުގައި ޖަހަމުން ދިޔަ އެވެ. ލަވަ ނުޖެހުމަށް ނަޝީދު ދެފަހަރަކު މެމްބަރުންނަށް އެންގެވި އެވެ.
ޖަލްސާ ހޫނުވެ މައްސަލަ ހުށަހެޅުމަށް ހުރަސް އެޅޭތީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވެފައި ވަނީ ކުރީ ދުވަހު ބަންޑާރަ ނައިބު ވަޑައިނުގެންނެވުމުން އިދިކޮޅު މެމްބަރު މައްސަލަ ޖައްސާފައިވާ ކަމަށެވެ. މިއަދު އޭޖީ ވަޑައިގެންފައިވާ ކަމަށާއި އެކަމަކު އިދިކޮޅު މެމްބަރުން ނުރުހޭތީ އަނބުރާ ބަންޑާރާ ނައިބު ވަޑައިގަންނަވަންވީތޯ ނާޒިލް އެއްސެވި އެވެ.
"އިއްޒަތްތެރި މެމްބަރު ތި ފާހަގަކުރެއްވި ނިޒާމީ ނުކުތާ އަޅުގަނޑު ބަލައިގަންނަން. އެއީ ބަންޑާރަ ނައިބް ވަޑައިގެން އެބަ އިންނެވި. މީގެ ކުރީ ދުވަހުގާ މައްސަލަ ކުރިއަށް ގެންދެވިއިރު އިއްޒަތްތެރި މެމްބަރުންގެ ކަންބޮޑުވުމަކަށްވީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ބުނާ ގޮތަށް މިތަނަށް ވަޑައިނުގެން ލިޔުން ފޮނުއްވާފައިވާތީ. މިއަދު ވަޑައިގެން އެ އިންނެވީ އަޅުގަނޑަށް ފެންނަ ފެނުމުގައި ތިބޭފުޅުންގެ ޝައްކު ނުވަތަ ސުވާލުގެ ޖަވާބު އަސްލުން ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
މެމްބަރުން އަޑުގަދަކުރެއްވުން ހުއްޓާ ނުލުމުން ނަޝީދު ވަނީ ރިފްއަތު މަޖިލީހަށް ފިނުއްވި ސިޓީ ވިދާޅުވެފަ އެވެ. އެ ސިޓީގައި ރިފްއަތު ވިދާޅުވެފައި ވަނީ ލިޔުމުން ދިފާއު ހުށަހެޅުއްވާފައިވީ ނަމަވެސް، މައިގަނޑު މައްސަލައިގައި ގިނަ ވާގިޔާތަކަކާއި ގާނޫނީ ނުކުތާތަކެއް ހުރުމުންނާއި އެ މައްސަލައިގައި އެމަނިކުފާނު އަމަލުކުރައްވާފައިވާ ގޮތާމެދު ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެހެންވެ، އެކަންކަން ތަފްސީލުކުރުމަށް އަނގަބަހުން ޖަވާބުދާރީވާން ބޭނުންވާ ކަމަށެވެ.
އެހެން މެމްބަރުންނަށް ރިފްއަތާ ސުވާލު ކުރެއްވޭނީ މައްސަލަ ހުށަހެޅިގެން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ދެން ވެސް މެމްބަރުން ގޮވަމުން ދިޔައީ ކުރީ ދުވަހު ވަޑައިނުގެންނެވި ސަބަބު އަދުވެސް ސާފުނުވާ ކަމަށެވެ. އެކިއެކި ނިޒާމީ ނުކުތާތައް ނަގައި މައްސަލަ ހުށަހެޅުމަށް ހުރަސް އަޅަމުން ދިޔަ އެވެ.
އެންމެ ފަހުން ސައި ގަޑިޖެހުމުން ނަޝީދު ވަނީ މަޖިލީސް މެދުކަނޑާލައިފަ އެވެ.
އެންމެ ފުރަތަމަ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ދުވަހު މެމްބަރުން އުފައްދަމުން ދިޔަ ސުވާލަކީ ލިޔުމުން ޖަވާބުދާރީ ވެވިދާނެތޯ އެވެ. މިއަދު އުފެއްދި ސުވާލަކީ ކުރީދުވަހު ވަޑައިނުގެން މިއަދު ވަޑައިގެންނެވީ ކޮން ސަބަބަކާ ގުޅިގެން ކަމާއި އަނގަބަހުން ދެން ޖަވާބުދާރީ ވެވިދާނެތޯ އެވެ.
މިކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ބޭނުންފުޅުވާ ކަމަށް ނަޝީދު ވަނީ މިއަދު ވެސް ވިދާޅުވެފަ އެވެ.