މި ވެރިކަން ބަދަލު ކުރަން އިދިކޮޅުގައި ތިބި އެންމެންނަށް އެއްބަސްވެވޭ: ވައްޑޭ

ސަރުކާރުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. ދެކުނުން، މަސްވެރިން މަސް ބާނަމުން އައި ކަނޑުތައް "ވިއްކާލުމުގެ" އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ޒުވާނުން ދާއިރާއާ ދުރަށް ޖައްސާފައިވެ އެވެ.

އިދިކޮޅުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވާހަކަދައްކަވަނީ

އަންނަ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރު ބަދަލު ކުރަން، ޗާގޯސް މައްސަލައިގައި ގުޅިގެން ތިބި ހުރިހާ ޕާޓީތަކަކަށް އެއްބަސް ވެވޭ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ޗާގޯސް އިމުގެ މައްސަލައިގައި ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުން، އެ ވާހަކަ ދެއްކުމުގެ ހައްގު ހުރިހާ އެންމެންނަށް ވެސް ލިބިފައިވާ ކަމަށެވެ. އަދި، އެ ކޯލިޝަނަށް ޗާގޯސް މައްސަލައިގެ އިތުރުން، މި ސަރުކާރު ބަދަލު ކުރުމަށް ވެސް އެއްބަސް ވެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ސިޔާސީ ގޮތުން ތަފާތު ވިސްނުމުގައި ތިއްބަސް  އެއް ކަމަކަށް އެއްބަސް ވެވިއްޖެ މިހާތަނަށް. ކަނޑުގެ މައްސަލައިގައި އެންމެން އެކީގައި ވާހަކަ ދައްކަން. އަޅުގަނޑު މިރޭ ދަންނަވަން ދެވަނަ ކަމަކަށް އަޅުގަނޑުމެންނަށް އެބަ އެއްބަސް ވެވޭ މިއަދު އެބަ. އެއީ މީގެ 98 ދުވަސް ފަހުން، ސެޕްޓެމްބަރު 9 ވަނަ ދުވަހު މި ވެރިކަން ބަދަލު ކުރަން ވެސް އަޅުގަނޑުމެންނަށް އެއްބަސް ވެވޭ،" ވައްޑޭ ވިދާޅުވި އެވެ.

އިދިކޮޅުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވާހަކަދައްކަވަނީ

އެމްޑީޕީން ވަކިވެ، އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ، ވައްޑޭ ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު މަޖިލީހަށް ވަޑައިނުގަތުމުން، އެކަމާ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެއީ އެ މައްސަލައިގައި ސަރުކާރުން ދޮގު ހަދާ ކަމުގެ ހެއްކެއް ކަމަށެވެ.

ވައްޑެ އިތުރަށް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި، ދެކުނުން، މަސްވެރިން މަސްބާނަމުން އައި ކަނޑުތައް "ވިއްކާލުމުގެ" އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ޒުވާނުން ދާއިރާއާ ދުރަށް ޖައްސާފައިވާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމް،ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެ މޭރުމުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މިރޭގެ ޖަލްސާ އަކީ މިހާރުގެ ވެރިކަން ބަދަލުކުރުމުގެ ފެށުންކަމަށެވެ. އަދި ސިޔާސީ ގޮތުން ތަފާތު ހިޔާލުގެ ބޭފުޅުން އިމުގެ މައްސަލައިގައި ސާބިތުވެ ތިއްބަވާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

"މި ހުރިހާ ބޭފުޅުންނަށް އެއް ބަސް ވެވޭ ދެކަމެއް މިރޭ އަޅުގަނޑަށް ފެނިއްޖެ. އެއް ކަމަކީ ރާއްޖޭގެ މަސްކަނޑުން މި ގެއްލުވާލި، ވިއްކާލި ބައި އަނބުރާ ހޯދުން. އެކަމުގައި އަޅުގަނޑުމެންނަށް އެއްވާހަކަ އެބަ ދެއްކޭ. ދެވަނަ ކަމަކީ މި ގައްދާރުންގެ ވެރިކަން ނިންމުން" އަދުރޭ ވިދާޅުވިއެވެ.

"ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" ގެ ނަމުގައި އިދިކޮޅު ގިނަ ޕާޓީތަކެއް އެކުވެގެން އެކުލަވާލާފައިވާ ކޯލިޝަނުން މިހާތަނަށް ބުނަމުން އައީ އެއީ ހަމައެކަނި އެ މައްސަލައިގައި އަޑު އުފުލުމަށް އެކުލަވާލި އިއްތިހާދެއް ކަމަށެވެ. އެ ކޯލިޝަނުގައި އަންނަ ރިޔާސީ އިންތިހާބަށް ނުކުންނާނެ ކަން އިއުލާނުކޮށްފައިވާ ގިނަ ކެންޑިޑޭޓުން ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.