ނަޝީދާ ގާސިމް ގުޅުން ނިމިއްޖެ، ގާސިމްގެ ބޮޑެތި ތުހުމަތުތަކެއް

"އެބޭފުޅާއަށް [ނަޝީދަށް] ކަމަކު ނުދާނެ އެ ބޭފުޅާ ނޫން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަށް ކެތެއް ނުވާނެ،"

ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީގެ ކޮންގްރެސް ޖަލްސާގައި: ނަޝީދާއި ގާސިމުގެ ގުޅުން ވަނީ ކެނޑިފައި

ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުން ފެށި މަޝްވަރާތައް ނަތީޖާއެއް ނެތި ނިމިފައިވާ ކަމަށާ ނަޝީދު މަސައްކަތް ކުރެއްވީ ގާސިމް މެދުވެރިވެ އަލުން ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް، ނަޝީދަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ފާޑު ވިދާޅުވުން ނަޝީދަށް އަމާޒު ކުރެއްވީ އެމަނިކުފާނުގެ ޓީވީ ޗެނަލަށް މިއަދު މެންދުރު ފަހު ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ޖަނަވަރީ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެން ގުޅިގެން ދެން ކުރިއަށް ދެވޭނެ ގޮތަކާމެދު ނަޝީދު އިސްވެ އެމަނިކުފާނާއި ވާހަކަ ދެއްކެވި އެވެ.

އަދި މި ފަހަރުގެ އިންތިހާބަކީ ގާސިމަށް ފުރުސަތު ދީ ގާސިމް ވެރިކަމަށް ގެންނަން ވީ ފަހަރު ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އަރިހުގައި އަދި މަޖިލީހުގައި ތިއްބެވި އެކި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަަރިހު ނަޝީދު ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑަށް އެނގޭ ވަރަށް ފުރިހަމައަށް އެބޭފުޅާ. އެބޭފުޅާއަށް ކަމަކު ނުދާނެ އެ ބޭފުޅާ ނޫން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަށް ކެތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭގެ ފަހުން "ފިކުރެއްގެ ދިރުން" ހަރަކާތާއެކު ޖޭޕީން މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށެވެ. އަދި ނަޝީދު ވެސް ސަން އައިލެންޑަށް ވަޑައިގެން އެމަނިކުފާނާއި މަޝްވަރާތައް ކުރެއްވި ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ކޯލިޝަން ހަދަންވީ ކޮން ކަމަކާތޯ ސާފުކޮށް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ނަޝީދާއި އޮތް ގުޅުން ވަނީ ކެނޑިފައި

ނަޝީދުގެ ފަރާތްޕުޅުން ތަފްސީލީ ކަރުދާހެއް ހުށައެޅުއްވި ކަމަށާ ނަމަވެސް އޭގައި ހުރި ކަންކަމުން ނަޝީދުގެ ބޭނުންފުޅަކީ ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނަކީ މަގު ކޮށައިދޭ މީހަކަށް ހެއްދެވުން ކަމަށް ވިސްނިވަޑައިގެންނެވި ކަމަށެވެ.

"އެ ހުށައެޅި ކަރުދާހަށް ބެލީމަ އަޅުގަނޑަށް ފެންނަަނީ އަޅުގަނޑު މީ އެމަނިކުފާނު ވެރިކަަމަށް ގެންނަން މަގުކޮށައިދީ ހަދަން ހުރި މީހެއް ކަަމަށް. ނޫނީ އެހެން ގޮތަަކަށް ދަންނަވަންޏާ އަޅުގަނޑު މި ވަނީ ސްޓެޕިން ސްޓޯނަކަށް،" ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީ ހަލާކުކޮށްލި މީހާގެ ޓެގް ބޭނުމެއް ނޫން

ގާސިމް މިއަދު ވިދާޅުވި ގޮތުގައި ނަޝީދާއެކު އެއް ކޯލިޝަނެއްގައި މަސައްކަތް ކުރުމުން އެމްޑީޕީގެ ގިނަ ބަޔަކު ދެކޭ ގޮތް ގޯސް ކަމަށެވެ. އެ މީހުން ދެކޭ ގޮތުގައި އެމްޑީޕީ ހަލާކުކޮށްލި މީހަކަށް ވާނީ ގާސިމް ކަމަށާ އެހެން ކަމުން އެމްޑީޕީ ހަލާކު ކޮށްލި މީހަކަށް ވާކަށް ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އެމްޑީޕީ ހަލާކުކޮށްލި މީހާގެ ނަން އެޅޭ ކަށެއް. އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުގެ ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަކަށް އަރާ ކަށެއް،" 

ގާސިމް ތަކުރާރުކޮށް ވިދާޅުވީ ނަޝީދުގެ ފިކުރެއްގެ ދިރުމާއެކު މަަސައްކަތް ނުކުރެވުނު ކަމަށާ ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމަކީ ކުރަން ބޭނުންވި ކަމެއް ނޫން ކަމަށެވެ.

"މީހަކު ޖަހާހާ ބެރަކަށް ގުނބޯ ހެދިގެން ނަށާނެ މީހެއް ނޫން މިއީކީއެއް. އެކަމެއް އަޅުގަނޑު ނުކުރާނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ފާހަގަ ކުރެއްވި މައިގަނޑު ނުކުތާތައް

  •  ޖޭޕީއާ ފިކުރެއްގެ ދިރުމުގެ މަޝްވަރާ ކޮޅެއްގައި ނުޖެހިއްޖެ ނިމިފައި
  •  ނަޝީދު އުޅުއްވީ ވެރިކަމަށް އަންނަން ގާސިމްގެ ބޭނުން ހިފަން
  •  އެހެން މީހަކަށް ވެރިކަން ދީގެން ނަޝީދަށް ނުހުންނެވޭނެ
  •  އެމްޑީޕީ ހަލާކުކޮށްލި މީހާގެ ޓެގް އެޅެން ބޭނުމެއް ނުވޭ
  •  މީހަކު ޖަހާހާ ބެރަކަށް ގުނބޯ ހެދިގެން ނުނަށާނެ
  •  އެމްޑީޕީއަކީ ނަޝީދުގެ ހިތްވަރެއް ހުރުގެން އުފެއްދި ޕާޓީއެއް ނޫން

ގާސިމް ވަނީ އެމްޑީޕީއަކީ ނަޝީދު އުފެއްދެވި ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ ވެސް މިއަދު ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ އެމްޑީޕީ އުފައްދަން އެންމެ ފުރަތަމަ ސޮއި ކުރެއްވީ އެމަނިކުފާނު ކަމަށެވެ. އަދި އެމްޑީޕީ ވަރުގަދަ ކޮށް ބޮޑު ކުރުމަށްވެސް މާލީ ގޮތުން އެހީތެރިވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން ޑީއާރުޕީގެެ ނާއިބު ލީޑަރަކަށް ހުންނަވައިގެން އެމްޑީޕީއަށް ހަރަދު ކުރެއްވި ކަމަށާ އެކަން ކުރެއްވީ ވާދަވެރި މާހައުލެއް އުފެއްދެވުމަށް ކަމަށެވެ.

"މި އެމްޑީޕީ ހަދަން އެންމެ ފުރަތަމަ ސޮއިކުރި މީހަކީވެސް އަޅުގަނޑޭ އިނގޭތޯ. އެއީ ރައީސް ނަޝީދުގެ ހިތްވަރެއް ހުރެގެން ރައީސް ނަޝީދު ކުރެއްވި ކަމެއް ނޫނޭ،"

ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުން މިހާރު ވަނީ އައު ޕާޓީއެއް އުފައްދަން ހުށައަޅާފައެވެ. "ދަ ޑިމޮކްރެެޓްސް" ނަމުގައި އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމާއެކު އިއްޔެ ވަނީ ހުށައަޅާފައެވެ.

ކޮމެންޓް

2
450
ނުރަބޯ
1 year ago

މިގައުމަށް ދިމާވި ހުރިހާ ވެސް މުޞީބާތަކީ ގާސިމާ މައުމޫނު.

ހުސޭނުބެ
1 year ago

ހަމަ ދާދި އިހަށް ދުވަހު ހަމަ މިއަގައިން މިކިޔަނީ ނަޝީދު ނެތި އެމްޑީޕީއެއް ނޯންނާނެއެވެ. އަޅެ މި ސިޔާސީ މީހުންގެ ކިތައް އަނގަ އޮވޭބާވައެވެ. ކޮންމެ އަގައެއް ވަކި މޫނެއްގައި އިނިއްޔާ ކިތައް މޫނު މިމީހުންގެ ތިބޭ ބާވައެވެ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.