ރައީސް ޔާމީން އުފެއްދެވި ސިންގަޕޫރު ކުންފުންޏަކީ ފައިދާވި ވިޔަފާރިއެކެވެ. އެ ކުންފުނިން ތެލުގެ ވަގު ވިޔަފާރި ކުރާ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތުހުމަތުތައްކޮށް އެ ކުންފުނީގެ އިންޓަނޭޝަނަލް ރެޕިއުޓޭޝަން ދުއްވާލީ އެވެ.
އެސްޓީއޯ އިން ސްކޭލް ޑައުންކޮށް ވިޔަފާރި މަޑު ޖައްސާލާފައިވާ ސިންގަޕޫރު ކުންފުނީގެ މަސައްކަތް އަލުން ފަށައި ޔޫއޭއީގައި ތެޔޮ ރައްކާ ކުރާ ފެސިލިޓީއެއް ހަދަން ނިންމައިފި އެވެ.
ކުރިން ވެސް ފުޅާކޮށް ވިޔަފާރި ހިންގި އެސްޓީއޯ ސިންގަޕޫރު ކުންފުނީގެ މަސައްކަތް އަލުން ފެށުމާ ބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ އެސްޓީއޯ ސިންގަޕޯރު ކުންފުންޏާއި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނި (އެމްއެންއޯސީ) ގެ މަސައްކަތް އަލުން ފަށައި އިންޓަނޭޝަނަލް ފިއުލް ޓްރޭޑިންއަށް ދާން ނިންމާފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ފިސިކަލް ޓްރޭޑިން އަދި ޕޭޕާ ޓްރޭޑިން ވެސް ހިމެނިގެން ދާނެ. ކުރިން ވެސް އެސްޓީއޯ ސިންގަޕޯ އަދި އެމްއެންއޯސީ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން އަލުން ފަށައިގަތުމަށް ފަހު ތެލުގެ ވިޔަފާރި ފުޅާ ކުރުމަށް ވަނީ ވިސްނާފައި. ފިއުލް ޓްރޭޑިން ކުރުމަށް ރާއްޖެ އިން ބޭރުގައި ސްޓޯރޭޖް ގާއިމް ކުރުމަށް ވެސް ވިސްނިފައި ވޭ. މިހާރު ބަލަމުން މި އަންނަނީ ޔޫއޭއީގައި ސްޓޯރޭޖެއް ގާއިމް ކުރަން،" ކުރިން ގައުމީ ޝިޕިން ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ މި ދިޔަ އަހަރުގެ އޭޖީއެމްގައި ފާހަގަ ކޮށްފައިވާ ގޮތަށް އިންޓަނޭޝަނަލް ބަންކަރިން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެސްޓީއޯ އާއި ސަރުކާރާއި އަދި ބޭރުގެ ކޮންސަލްޓަންޓްއަކާއެކު އިންޓަނޭޝަނަލް ބަންކަރިން ރެގިއުލޭޓަރީ މަސައްކަތްތައްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.
އިންޓަނޭޝަނަލް ބަންކަރިން ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.
އެސްޓީއޯ އިން ދަނީ އެ ކުންފުނީގެ ވިޔަފާރި ބައިނަލްއަގުވާމީ ދާއިރާތަކުގައި ފުޅާ ކުރަން ނިންމާފަ އެވެ. އެގޮތުން އިންޓަނޭޝަނަލް ޓްރޭޑް ފުޅާ ކުރުމުގެ ގޮތުން މި އަހަރު ގަލްފް ފުޑް އެކްސްޕޯ އަދި ކޮންސްޓްރަކްޝަން ފެއާއެއް ކަމަށްވާ "ބިގް 5" ގައި ވަނީ ބައިވެރިވެފަ އެވެ. "މި ފެއާތަކުގެ ސަބަބުން އެސްޓީއޯ ގްރޫޕްގެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވިގެން ގޮސްފައި."
އެސްޓީއޯ އިން އުފައްދާފައިވާ ގައުމީ ބޯޓު ކުންފުނި މޯލްޑިވްސް ނޭޝަނަލް ޝިޕިންގެ އޮޕަރޭޝަންއާ ބެހޭ ގޮތުން އެމްޑީ ސައީދު ވިދާޅުވީ 2022 ވަނަ އަހަރަކީ ގައުމީ ޝިޕިން ކުންފުނި އުފެދުނުތާ ތިން އަހަރުގެ ތެރޭގައި ވަނީ ފައިދާވާ ކުންފުންޏަކަށް ވަނީ ބަދަލުކުރެވިފަ އެވެ.
"ކުންފުނިން ދެ ބޯޓެއްގަނެ ވަނީ އޮޕަރޭޝަނަށް ގެނެވިފައި. އަދި ޖުމްލަ ތިން ބޯޓު ކުންފުނީގައި މިހާރު ބޭނުންކުރެވެމުން ދޭ.
ބަލްކް ކެރިއާ އެމްއެސްއެސް ކްރޯމް އިން ޔޫއޭއީ މާލޭގެ ދަތުރުތައް ފަށާފައިވާއިރު ކޮންޓެއިނަރ ބޯޓު އެމްއެސްއެސް ގްރެފީން ވަނީ ކޮލޮމްބޯ އަދި މާލެ ދަތުރުތައް ފަށާފައި،" ސައީދު ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކުންފުނީގެ މަސައްކަތް ހުއްޓާލި އެވެ. އަދި ތެލުން "ވައްކަން ކުރާ" ކަމަށް ބުނެ ތަހުގީގެއް ފަށައި އެ ކުންފުނީގެ އިންޓަނޭޝަނަލް ރެޕިއުޓޭޝަން ގެއްލުވާލި އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކަމަށް ތުހުމަތުކޮށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތެވެ. އޭގެ ފަހުން 2019 ވަނަ އަހަރު މި ވެރިކަމުގައި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ އެސްޓީއޯ މޯލްޑިވްސް (ސިންގަޕޫރު) ކުންފުނި އުވާލަން ނިންމި އެވެ. ނަމަވެސް އުވާލާފައެއް ނުވެ އެވެ.