ފުރަތަމަ ކައުންސިލް ކުންފުނި އެމްޑީ - ތޮއްޑޫ ބްރޭންޑް ކުރާ އަމާޒަށް

ރާއްޖޭގެ ފުރަތަމަ ކައުންސިލް ކުންފުނި އުފެދުނީ އއ. ތޮއްޑޫގަ އެވެ. ތާރީހީ އެ ކުންފުނިން ދަނީ ރަށުގައި އޯޕަން އެކްސެސް ނެޓްވޯކް އަޅައި ރަށް ގުޅާލައި ރަށުގެ ގިނަ މަސައްކަތްތަކެއް ކުރަން ތައްޔާރު ވަމުންނެވެ.

ރާއްޖޭގެ ފުރަތަމަ ލޯކަލް ކައުންސިލް ކުންފުނި (އެލްއޭސީ) ކުންފުނި ނުވަތަ ފުރަތަމަ ކައުންސިލް ކުންފުނީގެ އެމްޑީ، އަބްދުﷲ ނިހާން ނުވަތަ ދިމާވީ ބޮޑު މި ތޮއްޑޫގެ މެދުތެރޭން ރޭގަނޑެއްގެ އިރާކޮޅު އެވެ. ޒުވާން އެމްޑީ އުޅުއްވީ ކޮންމެވެސް މަސައްކަތެއްގަ އެވެ. ތާރީހީ ކުންފުންޏެއްގެ ތާރީހީ އެމްޑީއަކަށް ވުމާއި ފުރަތަމަ ފަހަރަށް އެނާ ބައްދަލުވުމުން ކުރާން ދިޔަ މަސައްކަތް ދޫކޮށްލައި ނިހާނާ ވާހަކަ ދައްކާލަން ބޭނުންވީ އެވެ. އޭނާ "މި" ނޫހަށް ވަގުތު ކޮޅެއް ދެއްވި އެވެ. 

ތޮއްޑޫއަށް އުފަން ނިހާން މަސައްކަތުގެ ތަޖުރިބާ އެންމެ ބޮޑަށް ހޯއްދެވީ ރާއްޖޭގެ އެންމެ ބިޔަ ކުންފުނި އެމްޓީސީސީގަ އެވެ. އޭނާ ހާއްސަވެފައި ވަނީ އައިޓީ ދާއިރާއިންނެވެ. އެ ތަޖުރިބާއާއެކު ނިހާން މިހާރު ހުންނެވީ ރާއްޖޭގެ ފުރަތަމަ ކައުންސިލް ކުންފުނީގެ އެމްޑީގެ ގޮތުގަ އެވެ. ރަށު ލޯބީގައި ރަށް ބަދަލު ކުރަން ނުކުންނަވަ އެވެ. 

މި ތޮއްޑޫއަކީ ރާއްޖޭގައި އެންމެ އިގްތިސޯދީ ހަރަކާތެރިކަން ބޮޑު އެއް ރަށެވެ. ތޮއްޑޫ ކައުންސިލް ކުންފުނީގެ އެމްޑީ ނިހާން ފެއްޓެވީ މިހެނެވެ: 

"ވަރަށް ބައިވަރު ވަރަށް ބުރަ މަސައްކަތް ކުރަން އެބަހުރި. އުންމީދަކީ މި ރަށް [ތޮއްޑޫ] އެއްކޮށް ބަދަލު ކޮށްލުން،"

ތޮއްޑޫއަކީ 60 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަ އެވެ. އެހެންވެ ރާއްޖޭގެ ދެވަނަ ޓޫރިޒަމް ރަށު މަންޒިލަކީ މިއީ އެވެ. އަދި މި ރަށަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ މައި ރަށެވެ. މާލޭ މާރުކޭޓް މި ރަށާ ނުލައި ނޯންނާނެ އެވެ. އަދި މިރަަށަކީ ތާރީހީ ގޮތުން ރާއްޖޭގެ އެންމެ މުހިންމު އެއް ރަށެވެ. ޖިއޮގްގަރީ ގޮތުން ވަކިން އުފެދިފައިވާތީ ކުރީން "ތޮއްޑު އަތޮޅު" ގެ ގޮތުގައި ކިޔައި އުޅުނު މި ރަށުގެ އާބާދީގައި 1,532 މީހުން ދިިރިއުޅެވެ. އަދި 800 އެއްހާ ބިދޭސީން މަސައްކަތުގައި އުޅެ އެވެ. 

ތޮއްޑޫގެ އާބާދީގެ ދެ ގުނަ އިތުރަށް ޓޫރިސްޓުން ކޮންމެ އަހަރަކު ރަށަށް ޒިޔާރަތް ކުރެ އެވެ. މި ރަށުގެ އިގްތިސޯދީ ނަމްބަރުތައް މިހެން ދެއްކިޔަސް މި ރަށުގެ އުމްރާނީ ތަރައްގީ މި އިގްތިސޯދީ ހަރަކާތްތެރިކަމާ ފައިހަމަ ކުރަން ގާތްވެސް ނުވެ އެވެ. ރަށުގެ ބެލެހެއްޓުންތެރިކަން އޮތީ ގެއްލިފަ އެވެ. އެ ހުރިހާ މަސައްކަތަކީ ވެސް ނިހާން އިސްވެ ހުންވައިގެން ބަދަލު ކުރަން ޖެހޭ ކަންކަމެވެ. 

ރާއްޖޭގެ ފުރަތަމަ ކައުންސިލްގެ އެމްޑީ ހުންނެވި މަސައްކަތުގެ ލިސްޓުން އެންމެ ކަމެއް ވެސް ދޫނުކޮށް ލާމަރުކަޒީ ގާނޫނުން ލިބޭ ފޮނި މީރުކަން ތޮއްޑޫއަށް ހޯދައި ދެއްވާށެވެ. 

ނިހާން ކުންފުންޏަށް މުވައްޒަފުން ނަގަން އިންޓަވިއު ކުރަނީ

ކައުންސިލް ކުންފުންޏާ ގިނަ ޓާސްކް ތަކެއް ހަވާލުވެފައިވެ އެވެ. މިއީ އެ ލިސްޓުން ބައެކެކެވެ. ތޮއްޑޫގެ އިންފްރާސްޓްރަކްޗާ ބިލްޑް ކުރުމުގެ ޒިންމާ އޮތީ ކައުންސިލް ކުންފުނީގަ އެވެ. ބަނދަރު މެނޭޖު ކުރާނީ ކުންފުނިންނެވެ. ތޮއްޑޫގަ މަގުތައް ބެލެހެއްޓުމާއި އޯޕަން އެކްސްސެސް ނެޓްވޯކެއް ގާއިމް ކުރުމާއި ޒަމާނީ ނާސަރީއެއް އުފައްދާ ތޮއްްޑޫގެ ޓޫރިސްޓު ބީޗް މެނޭޖުކޮށް ބަލަހައްޓާނީ ވެސް ކުންފުނިންނެވެ. 

"މަގުސަދަކީ އިރާދަ ކުރެއްވިއްޔާ މީގެ އެންމެ ކަމެއް ވެސް ދޫނުކޮށް ކޮށް ނިންމާލުން. މިއީ އަދި ބައެއް،" ނިހާން ވިދާޅުވި އެވެ. 

ފުރަތަމަ ސްމާޓް އައިލެންޑު ހެދުން

މިއީ ލައްކަ މަސައްކަތެވެ. މިއީ ލައްކަ ހިތްވަރެވެ. މިއީ ލައްކަ މީހުންނާ ގުޅުން އުފައްދައިގެން ލައްކަ ވާހަކަ ދައްކައިގެން ކުރެވޭނެ ކަންކަމެވެ. 

ނިހާން ހުންނެވީ ތޮއްޑޫ  ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އާއި ރަށު ކައުންސިލް ޓީމާއެކު ހުރިހާ ކަމެއް ރަނުން ރަނަަށް ކޮށްދޭށެވެ. ކުންފުނީގެ ފައިލްގައި ހުރި މަސައްކަތުގެ ތެރޭން ވެސް ރަށުގައި އޯޕަން އެކްސެސް ނެޓްވޯކެއް އެޅުމަކީ ތަފާތު މުހިންމު މަސައްކަތެވެ. މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހި ފިޔަވައި އެހެން ރަށެއްގައި މިގޮތަށް ހިންގާ ފުރަތަމަ މަސައްކަތެވެ. އޯޕަން އެކްސެސް ނެޓްވޯކްއަކީ އެއް ކޭބަލެއް ބޭނުން ކޮށްގެން ރަށުގެ ހުރިހާ ހިދުމަތެއް ގުޅާލައިގެން ދޭ ހިދުމަތެވެ. މިއީ ތޮއްޑޫ އަށް ހާއްސަ މަސައްކަތެވެ. 

ނިހާން ވިދާޅުވި ގޮތުގައި މި މަސައްކަތް ފުރިހަމަ ވެގެން އައުމަކީ އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ. އެކަމަށް ހުޅުމާލެ ބަލަހައްޓާ ކުންފުނި އާބަންކޯއާއެކު ތޮއްޑޫ ކައުންސިލުން ވަނީ އެމްއޯޔޫއެއްގައި ވެސް ސޮއި ކޮށްފަ އެވެ. 

ތޮއްޑޫ ކައުންސިލް ކުންފުނީގެ އެމްޑީ ދަރިފުޅު އަދި އަނބިކަނބަލުންނާއެކު -- އެފްބީ

"ސްމާޓް ސިޓީ ތަރައްގީ ކުރާނީ ތޮއްޑޫ ފެހިކަން ބާއްވައިގެން. ސްމާޓް ސިޓީ އިން ކައުންސިލަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ. އަޅުގަނޑުމެން އަޅާ ފައިބަ ނެޓްވޯކް ހުރިހާ ސާވިސް ޕްރޮވައިޑާސް އަށް ކުއްޔަށް ދޭނެ. އޭރުން ފޯނު / އިންޓަނެޓު ހިދުމަތް ދޭން ވެސް އެ ކުންފުނިތަކުން ވަކި ނެޓްކެއް ބޭނުމެއް ނުވާނެ. އެއް ނެޓްވޯކަކުން ހުރިހާ ހިދުމަތެއް ފުރިހަމަ ވާނެ. މުޅި ރަށް ސެކިއުރިޓީ ކެމެރާ އިން ކަނެކްޓްކޮށް ވައިފައި ކޮށްލެވިގެން ދާނެ،" ނިހާން ވިދާޅުވި އެވެ. 

ތޮއްޑޫ މަޝްހޫރުވެފައި ވަނީ ދަނޑުވެރިރަށެއްގެ ގޮތުގަ އެވެ. އެހެންވެ އެމްޑީ ނިހާންގެ ޕްލޭންގައި ދަނޑުވެރިކަން ފުޅާ ކުމުގެ ވިސްނުފުޅު އެބަހުއްޓެވެ. އެއް ކަމަކީ މިހާރު ކުރާ ދަނޑުވެރިކަމުގެ ބަދަލުގައި ދިގު މުއްދަތަށް ދަނޑުވެރިކަން ކުރެވޭނެ ގޮތް ހަދައި ނާސަރީއެއް ގާއިމް ކުރުމެވެ. 

"ދަނޑުވެރިންނަށް އެހީވުމަކީ ވަރަށް ބޮޑު ޕްލޭނެއް. ސްޕެޝަލިސްޓުން ގެނެސްގެން ތޮއްޑޫގައި ހައިޑްރޮޕޯނިކްސް ދަނޑުވެރިކަން ކުރެވޭނެ ގޮތް ހެދޭނެ. ދަނޑުވެރިންނަށް ތަމްރީން ދިނުން ވެސް އެބައޮތް،" ނިހާން ވިދާޅުވި އެވެ. 

ތޮއްޑޫ ކައުންސިލް ކުންފުނީގެ އެމްޑީ މަސައްކަތުގައި؛ މިއީ މަސައްކަތްތެރި ޒުވާނެއް

ދުނިޔޭގައި ތޮއްޑޫ ބްރޭންޑް ކުރުން

މިހާރު ރާއްޖެ ބްރޭންޑެއް ގޮތުގައި ދުނިޔެއަށް ވިއްކަ އެވެ. މިއާއެކު ވަކިވަކި ސެގްމެންޓުތައް ތަރައްގީކޮށް ވިއްކުމަކީ ވެސް މިހާރުގެ ޕްލޭނެކެވެ. ތޮއްޑޫ ކައުންސިލް ކުންފުނީގެ ޕްލޭންއަކީ ތޮއްޑޫއަކީ ވަކި މަންޒިލެއްގެ ގޮތުގައި ބްރޭންޑްކޮށް ދުނިޔޭގައި އިސްތިހާރު ކުރުމެވެ. އެކަމަށް ކައުންސިލް ކުންފުނީގެ އެމްޑީ ނިހާން ހުންނެވީ ތައްޔާރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.