ކޮލަމް

ޝިރުކުން ވެސް އިންސާނީ ޖިސްމަކަށް ގެއްލުމެއް ނުވޭދޯ؟

ސިޔާސީ ބާރުގަދަ މީހުން، ތިބެފައިމޮޅު ޓްވީޓެއް ކޮށްލާއިރު ތިމާ އަށް ކިޔޭ ނުކިޔޭ އެއްޗެއް އެގޭހެނެއް ހިއެއް ނުވެއެވެ. ތިމާއަށް މި ޖަދަލު ކުރެވެނީ ކީރިތި ގުރުއާނާއި ކަމެއް ނޫންނަމަ އިސްލާމީ ޝަރިއަތާއި ކަމެއް ނޭގެއެވެ. އިބުރާ ވެސް އެ ހުންނެވީ ހިތުން ވަރަށް މޮޅު ޓްވީޓެއް ކުރައްވައިގެނެވެ. ތިމަންނާގެ ކޮއްކޮއަކީ މިސަރުކާރުގެ ބްރޯވީމަ ތިމަންނާއާ މެދު އެޅޭނެ ފިޔަވަޅެއް މިދައުރަކު ނޯންނާނެކަން އިބުރާ އަށް އެނގެއެވެ.

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރަން 2018 ވަނަ އަހަރު މާލޭގެ ޝޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓް -- އަވަސް ނޫހުގެ ފޮޓޯއެއް

ދީނަށް ލޯބިކުރާ ބައެއް މީހުން ނުރުހޭ ގޮތަށް ވަރަށް ގިނައިން ޓްވީޓް ކުރާ، ކުރީގެ މަޖުލިސް މެބަރެއް ކަމުގައިވާ އިބްރާހިމް އިސްމާއިލް (ބޯގަންވިލާ އިބްރާ) މިދިޔަ އާދީއްތަ ދުވަހު ކުރި ޓްވީޓެކެވެ. ލިއެފައި އޮތެވެ: "ޒިނޭއާއި ލިވާތަކީ ކުށެއް. އެކުށަކީ ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި، އެކަހެރި ވެގެން ތިބެ ކުރި ކަމެއް. އެކަމުން އެހެން މީހެއްގެ ފުރާނައަށް، ޖިސްމަށް، މުދަލަށް ނުރައްކަލެއް ނެތް. އެހެން މީހެއްގެ މިނިވަން ކަމަށް ހުރަހެއް ނޭޅޭ!"

އިބުރާގެ މި ޓްވީޓްގެ މަޤްސަދަކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ބައެއް މީހުން ތަހުގީގް މަރުހަލާގައި ބަންދުގައި ބައިތިއްބަން ނުޖެހޭނެކަން ދެއްކުމެވެ. އެހެނަސް ޔޯގާގެ ޝިރުކު ހުއްޓުވަން (މުންކަރާތް ނަހީ ކުރަން) ނިކުތް މީހުންނަކީ ނިރުބަވެރިން ކަމަށާއި އެމީހުން ތަހްޤީގް މަރުހަލާގައި ވެސް ތިބެން ޖެހޭނީ ޖަލުގައި ކަމަށް އިބުރާ ވަކާލާތު ކުރެއެވެ. އިބުރާގެ މި ޓްވީޓްގައި ބައިވަރު މައްސަލަ އެބަހުއްޓްވެ.

ޒިނޭ އާއި ލިވާތަކީ ކުށެކޭ ކިޔާފަ ދެން ކޮންމެ އެއްޗެކޭ ލިއުނަސް ވަރިހަމަ އުސޫލު ޤަބޫލެއް ނުކުރެވޭނެއެވެ. އިބުރާ މަސައްކަތް ކޮށްފައި ވަނީ ޒިނޭ އާއި ލިވާތަކީ ކުށަކަށް ވިއަސް އެއީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އެކަހެރިވެ ތިބެ، އެެހެން ބަޔަކަށް އުނދަގުލެއް ނުޖައްސާ ކުރާ ޒާތީ ކަމެއްގެ ގޮތުގައި ދައްކާށެވެ. ނަމަވެސް އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވައި، ކީރިތި ޤުރުއާނުގައި ސަރީޙަ ބަސްފުޅުން ނަހީ ކުރައްވާފައިވާ ބޮޑު ފާފަ އަކީ އެހާ ލުއި ގޮތަކަށް ސިފަ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން އިންސާނެއްގެ ހައްޤަކަށް ނާރައި އެކަހެރިވެ ތިބެ ކުރާ ކޮންމެ ކުށަކީ އާދައިގެ ކަމަކަށް ވާނަމަ ޝިރުކު ކުރުމަށް ބަލައިލަމާ ހިނގާށެވެ.

ޝިރުކު ކުރަނީ އެކަކު އެކަނި ހުރެ، އެހެން މީހަކަށް އުނދަގުލެއް ނުޖައްސައެވެ. ހިތުން އެކަނި ވެސް ޝިރުކު ކުރެވިދާނެއެވެ. ނަމަވެސް ﷲ ގެ ހަލުރަތުގައި އެންމެ ބޮޑު ކުށަކީ، އެންމެ ބޮޑު ފާފަ އަކީ ޝިރުކު ކުރުން ކަން ކީރިތި ޤުރުއާނާއި ސުންނަތުން ސާފުވެ ސާބިތު ވެއެވެ. ޝިރުކު މަތީ ހުރެ މަރުވެއްޖެ މީހަކު ކިތައްމެ ނަމާދެއް ކުރިއަސް، ކިތައްމެ ފައިސާއެއް ފަގީރުންނަށް ބެއްސަސް ވާނީ ނަރަކަވަންތަ ވެރީންގެ ތެރެއިންކަން އެގެއެވެ. އިބުރާގެ ލޮޖިކުން ބަލާނަމަ ޝިރުކު ކުރާ މީހާވެސް ހުންނަން ޖެހޭނީ ދޫކޮށްލާފައެވެ. އިބުރާމެން ކަހަލަ "ޒަމާނީ" މީހުންގެ ނަޒަރުގައި އެންމެ އަގުބޮޑު އެއްޗަކީ އިންސާނީ ހައްޤެވެ. އެންމެ އަތްމަތީ ބަހަކީ ނިރުބަވެރި ކަމެވެ. ނަމަވެސް ﷲ ގެ ހަލުރަތުގައި އެންމެ ބޮޑު ހައްޤަކީ ﷲ ގެ ހައްޤެވެ. ޝިރުކު ކުރުމަކީ ﷲގެ ހައްޤަށް އަރައިގަތުމެވެ. ނައޫޒްބިއްﷲ! ގަލޮޅު ދަނޑުގައި ބަޔަކު ރޯމާ ދުވާލު ލިވާތު ކުރުމަށްވުރެ ވެސް ބޮޑު ފާފައަކީ ގަލޮޅު ދަނޑުގައި ބަޔަކު ރޯމާ ދުވާލު ޝިރުކުގެ އަމަލެއް ކުރުމެވެ. އިބުރާ އަށް އެކަން ހަޖަމުވޭ ހެއްޔެވެ؟ ޝިރުކަށްވުރެ ބޮޑު ކުށެއް، ބޮޑު ފާފައެއް ނެތްކަން އިބުރާ އަށް ޤަބޫލް ކުރަން ދަތިވޭ ހެއްޔެވެ؟

މިޤައުމުގެ ނޫސްތަކަށް ބަލައިލީމަ ޔަޤީންވާ ކަމަކީ މިޤައުމުގައި ޒިނޭ އާއްމު ވެއްޖެ ކަމެވެ. ލިވާތު އާއްމުވެއްޖެ ކަމެވެ. ރިބާ އާއްމު ވެއްޖެ ކަމެވެ. ރާބުއިމާއި ޑްރަގް ބުއިން އާއްމު ވެއްޖެ ކަމެވެ. އެކަމަކު އިބުރާގެ ލޮޖިކުން ދޭހަވަނީ ޒިނޭ ކުރިއަސް، ފިރިހެނުން ފިރިހެނުނުްނާ ޖިންސީ ގުޅުން ހިންގިއަސް، އަދި އަންހެނުން އަނެހެނުންނާ ޖިންސީ ގުޅުން ހިންގިއަސް، ރާ ބުޔަސް، އަދި ޑްރަގް ބުޔަސް، އަދި ރިބާ ކެޔަސް އެއްވެސް އިންސާނެއްގެ ޖިސްމަށް، މުދަލަކަށް ގެއްލުމެއް ނުވަންޏާ އެއީ މާބޮޑު ކަމެއް ނޫންކަމަށެވެ. ކުށްވެރި ވަނީ ޝިރުކު ހުއްޓުވަން ނިކުންނަ މީހުންނެވެ. ޔޯގާ އަކީ ޝިރުކުގެ އަމަލެކެވެ. މިދިވެހި ފަސްގަނޑުގައި، ގަލޮޅު ދަނޑުގައި، ރޯމާ ދުވާލު ޝިރުކު ކުރާތަން ފެނުމުން އެކަން ހުއްޓުވަން ކޮންމެވެސް އެއްބަޔަކު ނިކުތުމަކީ ހަމަ ކިފާޔަތުގެ ފަރުލެކެވެ. މުންކަރާތް ނަޙީ ނުކޮށް ތިބެ، އެއީ ތިމަންނާއާއި ބެހޭ ކަމެއް ނޫނޭ ކިޔާލާފަ ތިބެއްޖެ ނަމަ، އެންމެނަށް އާއްމުވެެގެންވާ ކޯފާއެއް އަތުވެއްޖެ ހާލަތެއްގައި ސަލާމަތްވާނެ ކަމުގެ ޤެރެންޓި އޮންނާނީ ކާކަށް ތޯއެވެ؟

އިބްރާމެން ފަދަ ސިޔާސީ ބާރުގަދަ މީހުން، ހަމަ ތިބެފަ ހިތުން މާމޮޅު ޓްވީޓެއް ކޮށްލާއިރު ތިމާ އަށް ކިޔޭ ނުކިޔޭ އެއްޗެއް އެގޭހެނެއް ހިއެއް ނުވެއެވެ. ތިމާއަށް މި ޖަދަލު ކުރެވެނީ ކީރިތި ޤަރުއާނާއި ކަމެއް ނޫންނަމަ އިސްލާމީ ޝަރިއަތާއި ކަމެއް ނޭގެއެވެ. އިބުރާ އެހެރީ ހިތުން ވަރަށް މޮޅު ޓްވީޓެއް ކޮށްލާފަވެ. ތިމަންނާގެ ކޮއްކޮއަކީ މިސަރުކާރުގެ ބްރޯވީމަ ތިމަންނާއާ މެދު އެޅޭނެ ފިޔަވަޅެއް މިދައުރަކު ނޯންނާނެކަން އިބުރާ އަށް އެގެއެވެ. އެހެން ކަމުން ﷲގެ ކަލާމްފުޅަށް ޗެލެންޖުވާ ބީދައިން ވެސް ޓްވީޓް ކުރަނީ އެވެ. ގޯސް ވާނީ އެވާހަކަ ދައްކާ މީހެކެވެ.

ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލަކަށް ވެސް މިހިރީ ކޮނޑުގަ ތިއްބަވާ ދެމަލާއިކަތުންނާއި ދިމާލަށް "ދެގޮލާ" އޭ ބުނެ، ސިފަ ކުރި މީހެކެވެ. އެމް.ޑީ.އެން ގެ ބާނީ އަދި އިބުރާގެ ކޮއްކޮ ޝަހިންދާގެ ކުރީގެ ފިރިމީހާއެވެ. ޕޮލިސް ކޮމިޝަނަރަކީ އެން.ޑީ.އެން ގެ ކުރީގެ މެމްބަރެކެވެ. ސުޕްރީމް ކޯޓުގައި ވެސް އެމް.ޑީ.އެން ގެ ކުރީގެ މެމްބަރަކު އެބަ އިނެވެ. މިއީ ހަމަ އެއް ބަޔެކެވެ. މި "ބޭފުޅުން" މިރާއްޖޭގެ ޤާނޫނު ހަދައި، ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ތިބިހާ ދުވަހަކު މިކަމެއް ނުހުއްޓޭނެއެވެ. ލިވާތާއި ޒިނޭ ހުއްޓުވައި، ޔޯގާ ފަދަ ޝިރުކު ހުއްޓުވައި، މި ޤައުމުން ގޭންގްތަކާއި، ރަލާއި އޫރުމަހާއި ރިބާގެ ވިޔަފާރި ހުއްޓުވައި، އިސްލާމިކް ޓޫރިޒަމް ތައާރަފް ކޮށް، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ފަދަ ވިސްނުމެއް ކިރިޔާވެސް ހުރިކަމަށް ފެންނަ ދެކެންޑިޑޭޓުންނަކީ ރައީސް ޔާމިނާ އާއި އުމަރު ނަސީރެވެ. އެފަދަ ލީޑަރުންތަކެއް ނިކުމެ ދިވެހި ރައްޔިތުނާއި ދިވެހި ޤައުމު ސަލާމަތް ކޮށް، ދީނާއި ޤައުމަށް ނަސްރު ދޭންވީ ވަގުތު މިވަނީ އައިސް ޖެހިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.