މެރިން އިންޑަސްޓްރީގެ ފޯރަމްގައި ސިނާއަތް ބަލަހައްޓާނެ ބަޔަކު ނެތް ވާހަކަ ދެއްކެވުނު އިރު ސިނާއަތް ކުރިއަރުވަން ހުރި ގޮންޖެހުންތައް ވެސް ކިޔައިދިނެވެ. އަދި އެކަންކަން ކުރެވޭނެ ގޮތް މާހިރުންގެ ތަޖުރިބާއިން ވިދާޅުވެ ދެއްވަމުން ގެންދިޔަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމަށްވާ މެރިން އިންޑަސްޓްރީ އެކީއެކަށް އިއްޔެ ވަނީ މާލޭގެ ހޮޓެލް ޖެންގައި ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ އެ ސިނާއަތުގައި ހުރި މައްސަލަތައް ދެނެ ގަނެ އެކަން ކަމުގެ ހައްލަކާ ހަމައަށް ދިއުމެވެ. އިއްޔެގެ އެ ބައްދަލުވުމުގެ ތެރޭފައު ބޭއްވި ޕެނަލް ޑިސްކަޝަންތަކުގައި މެރައިން ސިނާއަތުގެ ގިނަ މައްސަލަތަކެއްގެ ވާހަކަ ނަގައި ދައްކާފައި ވެއެވެ.
އެއްކަމަކަށް ސިނާއަތަށް ބޭނުންވާ މީހުން ނުލިބޭ މައްސަލަ ފެންމަތި ކުރި އެވެ. އަދި ސިނާއަތް ބަލަހައްޓާނެ ބަޔަކު ނެތް ވާހަކަ ދެއްކެވުނު އިރު ސިނާއަތް ކުރިއަރުވަން ހުރި ގޮންޖެހުންތައް ވެސް ކިޔައިދިނެވެ. އަދި އެކަންކަން ކުރެވޭނެ ގޮތް މާހިރުންގެ ތަޖުރިބާއިން ވިދާޅުވެ ދެއްވަމުން ގެންދިޔަ އެވެ.
މެރިން އެކްސްޕޯ ވެސް އިންތިޒާމު ކުރާ މީޑިއަމް ކުންފުނިން ބޭއްވި ގައުމީ ބޯޓިން އެސޯސިއޭޝަންގެ މޯލްޑިވްސްގެ މެރީން އިންޑަސްޓްރީ ފޯރަމް (އެމްއައައިއެފް) ގެ ތެރެއަށް ގެންގޮސްފައިވާ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަމުން ގައުމީ ބޯޓިން ޖަމިއްޔާގެ އެކްސްކޯ މެންބަރު އަހުމަދު އަފްރާހު ވިދާޅުވި ގޮތުގައި ސަފާރީ އުޅަނދު ފަހަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހި ކައްޕިން ނުލިބުމެވެ. އެ ދަތިކަން މުޅި އިންޑަސްޓްރީއަށް އުފުލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
"ބޯޓިން އިންޑަސްޓްރީ ހަލުއި ކަމާއެކު މިދަނީ ކުރިއަރަމުން. އެކަމަކު ދިވެހި ކައްޕިންނެއް ނުލިބޭ. އެހެންވެ ގައުމީ ފެންވަރުގައި މިކަމަށް މަސައްކަތް ކުރަން އެބަޖެހޭ،" އަފްރާހު ވިދާޅުވި އެވެ.
ޕެނަލް ޑިސްކަޝަންގައި ނާރެސް މެރިންގެ ޗީފް ނޭވަލް އާކިޓެކްޓް އަޝްވަލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ބޯޓު ބަނުމުގެ ސިނާއަތަކީ އެއްވެސް ފަރާތަކުން ބަލަހައްޓާ އަދި ބެލެނިވެރިކަމެއް އޮތް ސިނާއަތެއް ނޫނެވެ. އެކަން އެއީ އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ދާއިރާއަށް އާ ގިނަ ޓެކްނޮލޮޖީ ތަކެއް އެބައާދެ. ތްރީޑީ ޕްރިންޓިން ވެސް ބޭނުން އެބަކުރޭ. އެކަމަކު މިކަންކަން ރާއްޖޭގައި ކުރަން ބަލާއިރު އެއްވެސް ގަވައިދެއް / ގާނޫނެއް މި ދާއިރާ [ބޯޓު ބިލްޑިން] އަކަށް ނެތް. މިއީ ބޮޑު ގޮންޖެހުމެއް. މިސާލަކަށް އެއްވެސް ރެގިއުލޭޓްރީ ބޯޑީއެއް ރާއްޖެއަކު ނެތް ޑިޒައިން ބަލާނެ. އިންޖިއަރިން ކޮލިފިކޭޝަން ބަލާނެ،" އަޝްވަލް ވިދާޅުވި އެވެ.
ރާއްޖޭގެ ކޯސްޓް ލައިން ކުންފުންޏާއެކު ޖޭވީއެއް ހަދައިގެން ރާއްޖޭގައި ބޯޓު ބަންދަމުން ގެންދާ އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް މި ޕެނަލްގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަން ޖެހެނީ ދުނިޔޭގެ އެހެން ގައުމުތަކާ ތަފާތު ކޮށެވެ. ރާއްޖޭގައި ބޯޓެއް / ލޯންޗެއް ބަންނަން ދާ މީހަކު ފުރަތަމަ ބޭނުންވާ ކަމަކީ އެ އުޅަނދުގެ ދުވެލި ބާރު ވުމެވެ. އެހެން ކަންކަން އަންނަނީ އޭގެ ފަހުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހި ބޯޓު ބިލްޑަރުން އުފައްދަން ބޭނުންނަމަ ދާއިރާ ރަނގަޅަށް މޮނީޓާ ކުރެވި ބައެއް ތަކެތި އެތެރެ ކުރަން ނަގާ ޑިއުޓީއަށް ވެސް ބަދަލު ގެންނަން ޖެހެ އެވެ.
"އަޅުގަނޑުމެންނަކީ ދިވެހި ކުންފުންޏެއް. ދުބާއީގެ އަލްޝާލީ މެރިންނާ [ރާއްޖޭގެ ކޯސްޓް ލައިން] އާއެކު ޖޮއިންޓް ވެންޗާ ހަދައިގެން ހިންގާ ސެޓިފައިޑް ބޯޓު ބިންޑިން ކުންފުންޏެއް. އެހެންވެ އަޅުގަނޑުމެން ގެންނަ ހުރިހާ މެޓީރިއަލްއަކީ ވެސް ފެންވަރު މަތީ ކޮލިޓީ ސެޓިފައިޓް މެޓީރިއަލްސް. އެކަމަކު މި ދާއިރާއަށް ދިވެހިން ނެރެން ބޭނުންނަމަ މޮނީޓަ ކުރެވޭނެ މެކޭނިޒަމެއް ބޭނުންވޭ،" ޝަރީފު ވިދާޅުވި އެވެ.
ފޯރަމްގައި ވާހަކަ ދެއްކެވި ޕެނަލިސްޓުން ވަނީ ރާއްޖެ އަށް ބޭރުން އެތެރެ ކުރާ އުޅަނދު ފަހަރުގެ ޑިއުޓީ ބޮޑު ކުރުން ފަދަ ބަދަލުތަކާއެކު ދާއިރާއަށް ނުކުންނަ ދިވެހިން އިތުރު ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.
މެރިން އިންޑަސްޓްރީގެ ފޯރަމްގައި މުދާ އެތެރެކޮށް މުދާ އުފުލުމުގެ ހިދުމަތް ދިނުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވެސް ބައިވެރިވެފައި ވެއެވެ. އެގޮތުން މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދުގެ އިތުރުން ސެންޗޫރިއަންސް ޓްރާންސްޕޯޓުންވެސް ބައިވެރިވި އެވެ.
މި ޕެނަލް ޑިސްކަޝަންގައި ސެންޗޫރިއަންގެ ކެޕްޓަން މާނު ވިދާޅުވި ގޮތުގައި މި ދާއިރާ މޮނީޓަކޮށް ބެލެހެއްޓޭނެ ގޮތެއް ވާން ޖެހެ އެވެ. ޒަމާން ބަދަލުވެ ތަރައްގީ ވެގެންދާ ވަރަކަށް ފަހުގެ ޓެކްނޮލޮޖީ ތައާރަފު ވަމުންދެ އެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ރާއްޖެއަށް ގެންނަން ބަލާއިރު ގަވައިދުތަކާއި ރެގިއުލޭޓްރީ ފްރޭމްވޯކް ދޯހަޅިކަމުން އެކަންވާކަށް ނޯވެއެވެ.
މީގެ އިތުރުން ޓޫރިޒަމް ސިނާއަތަށް މާސްޓަ ޕްލޭނެއް ތައާރަފު ކޮށްފައިވާއިރު ލޮޖިސްޓްރިން ދާއިރާއަށް ވެސް އެފަދަ ޕްލޭނެއްގެ މުހިންމުކަން ބޮޑުކަން އޭނާ ފާހަގަ ކުރައްވާފަ އެވެ. އެއަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ތާއީދުކުރެއްވި އެވެ.
ރާއްޖެއަކީ މަސްވެރި ގައުމަަށްވާއިރު ރާއްޖޭގައި ސީފުޑް އާލާ ނުކުރެވެންވީ ކީއް ވެގެން ހެއްޔެވެ؟
މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގައި މި މައުލޫގައި ވެސް ބަހުސް ކުރި އެވެ. މި ޓޮޕިކުގެ މައުލޫމާތުތައް ހިމަނައިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ސީފުޑް އެސޯސިއޭޝަންގެ އިތުރުން މަސްވެރިކަމުގެ ބޮޑެތި ކުންފުނިތަކާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ބައިވެރިވަޑައިގަތެވެ މި ޕެނަލްގެ ބޭފުޅުންވަނީ ރާއްޖޭން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ އުވާލަން ބާރު އަޅުއްވާފަ އެވެ.