ސްކޫލް ނިންމަނީ އަހަރަކު 6،000 - ޓޫރިޒަމަށް 12،000 ވަޒީފާ އިތުރުވޭ

ޓޫރިޒަމް ސިނާއަތަށް ރާއްޖޭން މީހުން ހޯދަން ބަލާއިރު އޮތް ހަގީގަތަކީ ރާއްޖޭގައި އެ އިންޑަސްޓްރީ އަށް ބޭނުންވާ އަދަދާ ގާތަށް ވެސް މީހުން ނެތުން ކަމަށް ހެކި ދައްކަވަމުން މައުސޫމް ވިދާޅުވި އެވެ.

ގައުމީ ބޯޓިން އެސޯސިއޭޝަނުން ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު މައުސޫމް ވާހަކަ ދައްކަވަނީ -- އެމްއެމްއައިއެފް

ދިވެހި ރާއްޖޭގެ ސްކޫލް ނިންމައި ކޮންމެ އަހަރަކު ނުކުންނަނީ 6،000 ކުދިން ކަމަށާ ނަމަވެސް ޓޫރިޒަމް ސިނާއަތަށް އަހަރަކު 12،000 އެއްހާ މުވައްޒަފުން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. 

ގައުމީ ބޯޓިން އެސޯސިއޭޝަނުން ހޮޓެލް ޖެންގައި މިއަދު ކުރިއަށް ގެންދިޔަ މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް (އެމްއެމްއައިއެފް) ގެ ޕެނަލް ޑިސްކަޝަނެއްްގައި ބައިވެރިވެ ވަޑައިގެން ޓޫރިޒަމް ސިނާއަތުގައި ކުރީން އިސް މަގާމު ތަކެއް ފުރުއްވި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާބިލު މީހުން ނުލިބުން ކަމަށެވެ. 

އެ ސިނާއަތަށް ރާއްޖޭން މީހުން ހޯދަން ބަލާއިރު އޮތް ހަގީގަތަކީ ރާއްޖޭގައި އެ އިންޑަސްޓްރީ އަށް ބޭނުންވާ އަދަދާ ގާތަށް ވެސް މީހުން ނެތުން ކަމަށް ވެސް ހެކި ދައްކަވަމުން ވިދާޅުވި އެވެ.

"މިއީ ހޭ އަރަންވީ ކަމެއް. ރާއްޖޭގެ އިގްތިސޯދު ހަލުއި މިނެއްގައި މިދަނީ ކުރިއަރަމުން. އެކަމަކު އަޅުގަނޑުމެންގެ އާބާދީ އިތުރެއް ނުވޭ ހިސާބުތަކުން ދައްކަނީ ޓޫރިޒަމް އިންޑަސްޓްރީއަށް އެކަށީގެންވާ ވަރަށް މީހުން ރާއްޖޭގައި ނެތް ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

މި ވާހަކަފުޅު އިތުރަށް ތަފުސީލް ކޮށްދެއްވަމުން މައުސޫމް ވިދާޅުވީ އަހަރެއްގެ މައްޗަށް ސްކޫލްތައް ނިންމައިގެން ނުކުންނަނީ 6،000 ކުދިން ކަމަށާ އެކަމަކު އަހަރެއްގެ މައްޗަށް ޓޫރިޒަމް ސިނާއަތަށް އެކަނި ވެސް 12،000 މީހުން ބޭނުންވާ ކަމަށެވެ.

"ދެން ކޮބައިތޯ ކިޔަވައިގެން ނުކުތް ކުދިން؟ މިއީ އަޅުގަނޑުމކެން ހޭވެރިކަން ވާންވީ ކަމަކީ. ވަރަށް ފަސޭހަވާނެ ބުނެލަން ބިދޭސީންނަށް ވަޒީފާ ދެނީއޭ، އެކަމަކު އެންމެ މަދުން ބެލިޔަސް އަހަރަކު ޓޫރިޒަމަށް 8،000 އެނދު އެބަ އިތުރުވޭ. އެންމެ މަދުން އެނދަކަށް 1.2 މީހުންގެ މަގުން ބެލިޔަސް 12،000 މީހުން ބޭނުންވޭ. ސްކޫލް ނިންމާ ކުދިންގެ 50 ޕަސެންޓު ލިބުނަސް ހަމަވާނީ 3،000 މީހުން. މިއީ ލޮޖިކަލް ނަމްބަރެއް. ބާކީ ހުރި ބައި ހޯދަން ޖެހޭނީ ބޭރުން،" މައުސޫމް ވިދާޅުވި އެވެ. 

ހޮޓެލް ޖެންގައި މިއަދު ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއަށްފަހު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ގައުމީ ބޯޓިން އެސޯސިއޭޝަންގެ ކޯ ފައުންޑަރު އަދި ރައީސް އިސްމާއިލް ހަމީދު -- އެމްއެމްއައިއެފް

މިނިސްޓަރު ވިދާޅުވީ އިންސާނީ ވަސީލަތް މަދުވުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާ ނަމްބަރުތަކުން ފެންނަނީ ރާއްޖޭގެ އިންޑަސްޓްރީ ތަކަށް މީހުން އެތެރެ ކޮށްގެން ނޫނީ ނުހިނގޭނެ ތަން ކަމަށެވެ. އަދި މިހާރު ކުރަން ޖެހޭ ކަމަކީ މަތީ މަގާމުތަކުގައި ތިބި މީހުނަކީ ދިވެހިންނަށް ހެދުން ކަމަށާއި އެއާއެކު ވަޒީފާއެއް ބޭނުންވެފައިތިބި ހުރިހާ ދިވެހިންނަށް ވަޒީފާ ހޯދައި ދިނުމަކީ ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތު މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

"މެނޭޖިއަރަލް ލެވަލަށް ދިވެހިން ލާންވީ. ބޯޓެއްނަމަ ކެޕްޓަނުންނަކީ ދިވެހިންނަށް ވާންވީ. މަތީ މަގާމުތަކުގައި ދިވެހިން ތިބެންވީ،" މައުސޫމް ވިދާޅުވި އެވެ. 

މިނިސްޓަރުގެ ވާހަކަފުޅު ކުރުކޮށް

  •  ޓޫރިޒަމަށް އަހަރު 12000 ވަޒީފާ އިތުރުވޭ
  •  ސްކޫލް ނިންމަކީ އަހަރު 6،000 ކުދިން
  •  ބިދޭސީން ގެންނަން ޖެހެނީ ވަޒީފާގެ ހުސްތަން ފުރަން
  •  ވަޒީފާ ބޭނުންވާ ކޮންމެ ދިވެއްސަކަށް ވަޒީފާ ލިބެން ޖެހޭ

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގައި އޮތް އުފާވެރި ވާހަކައަކީ ދިވެހިން ޒުވާން ވިޔަފާރިވެރިން އުފެދެން ފަށާފައިވުން ކަމަށެވެ. 

"ޓްރެވަލް އެޖެންސީގައި މަސައްކަތް ކޮށްލާފަ ތިން މަސްފަހުން އެބަ ޓްރެވަލް ކުންފުންޏެއް ހުޅުވާ، މިއީ ވަރަށް ރަނގަޅު ޕޮޒިޓިވް ސައިނެއް،" މައުސޫމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.