ރައީސް ސޯލިހުގެ ނިލަންދޫ ވާހަކަފުޅުގައި ހިޔާލު ތަފާތުވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމުގައި އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.
މި ފަސް އަހަރުގެ ތެރޭގައި މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި އޭގެ ކުރީން ރާއްޖޭގައި އޮތް ބިރުވެރިކަން ނައްތާލައި ހަމަޖެހުން ގާއިމު ކޮށްދެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅު ވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ އެއް މަންޒިލް، ނިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވަ އެވެ. -- ނިލަންދޫގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވި އިރު ރައްޔިތުންގެ ހިޔާލާއި ހުރި ކަންބޮޑުވުންތައް ރައީސް އަޑު އައްސަވާ ޖަވާބު ވެސް ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ރައީސް ކަމާއި އެ މަނިކުފާނު ހަވާލުވެ ވަޑައިގެންނެވި އިރު އޮތް ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުމާއި އުފެދިފައި އޮތް ބިރުވެރިކަން ފާހަގަ ކުރެއްވުމާއެކު ވިދާޅުވީ އޭރު އުޅޭން ޖެހިފައި އޮތީ ހަމަޖެހުމެއް އުސޫލެއް ނެތް ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ.
އަދި ވިދާޅުވީ އޭރުން ފެށިގެން ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ހަމަޖެހުން ގާއިމް ކޮށްދޭން ކަމަށެވެ. އަދި މި ފަސް އަހަރުގެ ތެރޭގައި ކުރީން އޮތް ބިރުވެރިކަމާއި ހަމަނުޖެހުންތައް ކުޑަ ކުރެވިފައިވާ ކަމަށެވެ
"މި ފަސް އަހަރު ނިމިގެން ދާއިރުގައި މާލެއަށް، މުޅި ރާއްޖެއަށް، އެކި ރަށްރަށުގައި އަޅުގަނޑު ދަންނަވާލާނީ ކުރީގައި އެ އޮތް ހަމަނުޖެހުމާއި ބިރުވެރިކަން ބޮޑުތަނުން ދަށްވެއްޖޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށްވީ މުޅި ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށްދިނުން.... އެންމެން އެކީގައި އުޅެވޭނެ ގޮތެއް، ސިޔާސީ ވިސްނުން ތަފާތު ވިޔަސް، އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހޯދައިދިނުން،"
ރައީސް ސޯލިހުގެ ވާހަކަފުޅުހައި ހިޔާލު ތަފާތުވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމުގައި އެންމެން އެކުގައި މަސައްކަތްކުރުން މުހިންމުކަން ފާހަގަ ކުރެއްވި އެވެ. އެ އަމާޒު ހާސިލު ކުރަން ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.