ރައީސް ވިދާޅުވީ އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް ކަމަށާ އެއީ ހަފްތާގެ ހަތް ދުވަހުގެ މަސައްކަތެއް ކަމަށެވެ
އިމާމުންގެ މަސައްކަތާ ގުޅޭ ގޮތަށް މުސާރައާ ލިބެންވާ ޗުއްޓީއަށް ހެޔޮ ބަދަލުތަކެއް ލަސްތަކެއް ނުވެ ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023 ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް ކަމަށާ އެއީ ހަފްތާގެ ހަތް ދުވަހުގެ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތަށް އޯވާޓައިމެއް ޗުއްޓީއެއް ނޯންނަ ކަމަށެވެ. އިމާމުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެ ވަރަށް އަވަހަށް އިމާމުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިމާމުންގެ ޗުއްޓީއާ ގުޅޭ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެންނަނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް. އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ހިލާފަށް، ހަފްތާގެ ހަތް ދުވަހު ޗުއްޓީއެއް ނެތި އޯވާޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް. ހިދުމަތްތެރިން ތަކެއް އެއީ. އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރަ އަށާއި ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ހިއްސާ ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީން 2020 ވަނަ އަހަރު ފެށި ކަމަށާ އެ މުހިންމު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިރޭވެސް 78 އިމާމުން ދަސްވެނިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަދި އޭގެ އިތުރުން މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިޙްސާސް ކުރެވޭ،" ޑިގްރީ ފެންވަރަށް ކިޔަވާ ނިމުނު އިމާމުންގެ ތެރޭގައި ރައީސްގެ ތިން ކޮއްކޮއެއް ހިމެނިވަޑައިގަންނަވާތީ އެކަަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.