މި އަހަރުގެ ތިން މަހުގެ ގްރާފު ދައްކާ ގޮތުން ރާއްޖެއަށް ޖުމްލަ 12 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. ރާއްޖެއަށް މިދިޔަ މަހު ޖުމްލަ 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު ތެލުގެ އިމްޕޯޓުގެ ހިއްސާއަކީ 22 ޕަސެންޓެވެ.
ރާއްޖެއަކީ ތެލަށް ބަރޯސާވުން ވަރަށް ބޮޑު ގައުމެކެވެ. މިކަން ކުޑަ ކުރަން އެހެން ވަސީލަތްތައް އެޅިޔަސް އޭގެ މާބޮޑު ކުރިއެރުމެއް އަދި ނުފެނެ އެވެ.
މިކަން އެނގެނީ ތެޔޮ އެތެރެ ކުރުމުގެ ހޭދަ އަހަރުން އަހަރަށް އިތުރު ވަމުން ދާދިއުމުންނެވެ. މި އަހަރުގެ ވޭތުވެދިޔަތަނަށް ބަލާއިރު، ފުރަތަމަ ތިން މަހުގެ ގްރާފުން ދައްކާ ގޮތުގައި ރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ ތެޔޮ އެތެރެ ކޮށްފައި ވެއެވެ.
މޯލްޑިވްސް ސްޓެޓިސްޓިން ބިއުރޯއިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ތިންމަހު 2.5 ބިލިއަން ރުފިޔާގެ ތެލާއި ލުބްރިކެންޓް އެތެރެ ކުރިއިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 1.7 ބިލިއަން ރުފިޔާގަ އެވެ.
ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 523.3 މިލިއަން ރުފިޔާގެ ތެޔޮ ރާއްޖެއަށް އެތެރެ ކޮށްފައި ވެއެވެ. ނަމަވެސް މި އަހަރު މި އަދަދު އުޅެނީ 820.0 މިލިއަން ރުފިޔާއިން މަތީގަ އެވެ.
އަދި މިދިޔަ އަހަރު ފެބްރަރީ މަހު ތެޔޮ އެތެރެ ކުރުން 471.0 މިލިއަން ރުފިޔާގައި ހުރިއިރު މި އަހަރު އެއަދަދު ވަނީ 967.9 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މާރިޗް މަހު މިދިޔަ އަހަރު 805.1 މިލިއަން ރުފިޔާގެ ތެލާއި ލުބްރިކެންޓް އެތެރެ ކޮށްފައިވެ އެވެ. މި އަހަރުގެ މާޗްގައި އަދަދު އުޅެނީ 758.3 މިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ ތިން މަހުގެ ގްރާފު ދައްކާ ގޮތުން ރާއްޖެއަށް ޖުމްލަ 12 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. ރާއްޖެއަށް މިދިޔަ މަހު ޖުމްލަ 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު ތެލުގެ އިމްޕޯޓުގެ ހިއްސާއަކީ 22 ޕަސެންޓެވެ.
ތެލުގެ އިތުރުން ދެން އެންމެ ގިނައިން އެތެރެ ކުރަނީ ކާބޯ ތަކެއްޗެވެ. ކާބޯތަކެތި އެތެރެ ކުރަން މި އަހަރު ޖުމްލަ 2.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ މާރިޗު މަހު އެކަނި ކާބޯތަކެތީގެ އިމްޕޯޓް ހުރީ 934.0 މިލިއަން ރުފިޔާގަ އެވެ.
މި ދެބައި ނެގުމަށްފަހު އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކުރަނީ މެޝިނަރި ޕާޓްސް އާއި ޓްރާންސްޕޯޓް އިކްއިޕްމަންޓްސް އަދި ޕާޓްސް އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދިއުމާއެކު މެޝިނަރީ އެތެރެކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު 595.9 މިލިއަން ރުފިޔާގެ މެޝިނަރި އަދި 484.7 މިލިއަން ރުފިޔާގެ ޓްރާންސްޕޯޓް އިކްއިޕްމަންޓް އަދި ޕާޓްސް ރާއްޖެ އެތެރެ ކޮށްފައިވެ އެވެ.