ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން ވޯލްޑް ބޭންކުން ބިލިއަނެއްހާ ރުފިޔާ

މި ފައިސާގައި ހިމެނެނީ އައިޑީއޭއިން އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގޮފިން ރާއްޖެ އަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ އެހީއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއް: މަސްވެރިކަމަށް ގިނަ އެހީތަކެއް ބޭރުންވެސް ދޭ -- މަސްވެރިންއޮންލައިން

ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން ވޯލްޑް ބޭންކުން 65 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ބިލިއަނެއްހާ ދިވެހި ރުފިޔާގެ މަޝްރޫއެއް ހިންގަން ނިންމައިފި އެވެ. 

ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 64.8 މިލިއަން ޑޮލަރުގެ ގާތްގަނޑަކަށް 996 މިލިއަން ރުފިޔާ / ބިލިއަނެއްހާ ދިވެހި ރުފިޔާގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 64.8 މިލިއަން ޑޮލަރެވެ. 

އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރު ކޮށްދޭން ހާއްސަވެފައި އޮންނަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގޮފިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ. 

މި ފައިސާ ހަރަދު ކުރާނެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިންނެވެ. 

މި ފައިސާއިން ކުރާނީ ކީއް؟ - މި މަޝްރޫއުގެ ދަށުން ލިބޭ ފައިސާއިން މަސްވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާ ކުރަން ގައުމީ ފެންވަރުގައި ގާބިލުކަމާއި ހުނަރު ތަރައްގީކޮށް، ގުޅުންހުރި ގަވާއިދުތައް ހަދާނެ އެވެ. ދިގު މުއްދަތުގެ އަމާޒަކީ، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ، ހާއްސަކޮށް މި ސަރަހައްދުގެ ޖަޒީރާ ގައުމުތަކުގެ އިލްމާއި ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ސަރަހައްދީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ހަރަކާތްތެރިވުމެވެ.

މި މަޝްރޫއުގެ ދަށުން، ތިމާވެއްޓާ ރަށްޓެހި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ވިޔަފާރި ފުޅާ ކުރުމުގެ އުސޫލުތަކެއްގެ ތެރެއިން މަސްވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތައް ފުޅާކޮށް، ތަރައްގީ ކުރުން ވެސް ހިމެނެ އެވެ. އެ ގޮތުން ރާއްޖޭގެ ވާދަވެރި ވިޔަފާރީގެ މާހައުލަށް ހުރި ހުރަސްތައް ނައްތާލުމާއި، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މަސްވެރިކަމުގެ ދާއިރާއިން ފިލާވަޅުތައް ލިބިގަތުމަށް މަގުފަހިކޮށްދިނުން ހިމެނެ އެވެ.

މި އެހީއާ ބެހޭ ގޮތުން ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމާއި މެރިކަލްޗާ އަދި އެކުއަކަލްޗާ ފަދަ ގުޅުންހުރި ދާއިރާތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ އެވެ. 

"މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ގޮތަށް ހުރި ކަންކަމާއި އިންވެސްޓްމަންޓާއި ވިޔަފާރީގެ މާހައުލުގައި ހުރި ބަލިކަށިކަމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ގާއިމްކޮށްފައިވާ މުހިންމު ގުޅުމުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެއް،" ހަދާދު-ޒާވޮސް ވިދާޅުވި އެވެ. 

މި ފައިސާ ދީފައި ވަނީ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ ދަށުންނެވެ.

މި ޕްރޮޖެކްޓުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުމެވެ. މީހެ އިތުރުން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމާއި މަހުގެ ސްޓޮކް ހުރި މިންވަރު ދެނެގަތުން ހަރުދަނާކުރުމާއި، ވަކި އަމާޒުތަކަކަށް ވާސިލްވެވޭ ގޮތަށް ގާބިލިއްޔަތުކަން އިތުރުކުރުން، އަދި ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ބެލެހެއްޓުމަށް ކުރެވޭ އެހެނިހެން ކަންކަމާ ގުޅިލާމެހިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމެވެ.

ކޮމެންޓް

1
450
އަހުމަދު ހާނިމް
1 year ago

ކިތަންމެ ވަރަކަށް ލާރި ދިނަސް މަސްވެރިކަން ތަރައްގީއެއް ނުވާނެ، މިހާރު މިޔަރުތައް ތިބޭނީ ތިޔަ ކާލަން އަނގަ ހުޅުވައިގެން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.