އެފްރިކާގައި ހިފެހެއްޓީ ހަތަރު ދިވެހިންނާއި ރާބުޅާއި މާރެހި

ދައުލަތުގެ ރާބުޅާއި މާރެއްސާއެކު ރާއްޖޭގެ އަމިއްލަ ކުންފުންޏެއްގެ ބޯޓެއް ވެސް އެރިޓްރިއާގައި ހިފަހައްޓާފައިވާ ކަމަށް ވެއެވެ.

އެރްޓްރިއާގެ ބަނދަރަށް ވަނުމުން ހިފަހައްޓާފައިވާ "މާރެހި" ބާޖް
  •  މީ އެތެރޭގެ ކަމެއް އާންމުންނާ ހަމައަށް ގެންދާކަށް ނުޖެހޭ

ހުއްދަ ނުހޯދައި ބަނދަރު ޖެހުމުން އެފްރިކާގެ އެރިޓްރިއާގައި ހިފަހައްޓާފައި އޮތީ ފިއުލްސަޕްލައި މޯލްޑިވެސްގެ ތެޔޮ ފްލީޓަށް އިތުރު ކުރާ "ރާބުޅު" ބާޖާއި "މާރެހި" ބާޖެވެ. އެ ދެ ބޯޓު / ބާޖްގައި ތިބީ ހަތަރު ދިވެހިންންނާއި މިސްރުގެ ހަތަރު މީހެކެވެ. އެ މީހުންނަކީ ފަޅުވެރިންގެ ގޮތުގައި ތިބި ބައެކެވެ. 

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު "މި" ނޫހަށް ވެސް އިންޓަވިއުއެއް ދެއްވި އެވެ. އޭޕްރީލް 26 ގައި ހިނގި ހާދިސާއެއްގެ މައުލޫމާތު އާންމު ނުކޮށް ސިއްރުކޮށްފައި އޮތީ ކީއްވެގެންތޯ ސުވާލު ކުރުމުން ގަސަމް ވިދާޅުވީ ފުރަތަމަ ދުވަހުވެސް އެކަން ސަރުކާރާ ހިއްސާކޮށްފައި ވާނެ ކަމަށާއި އެފްއެސްއެމްގެ އެތެރޭގެ ކަމެއް އާންމުންނާ ހަމައަށް ގެންދަން ނުޖެހޭނެ ކަމަށެވެ. 

ގަސަމް ވިދާޅުވީ ދެ ބޯޓުގައި ތިބި ދިވެހިންގެ އާއިލާތަކަށް މައުލޫމާތު ދެމުން ގެންދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އޭގައި ތިބި މިސްރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ. އެ މީހުނަށް ބޭނުންވާ ކާބޯ ތަކެތި ފޯރު ކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. -- އޭނާ އެހެން ވިދާޅުވި ނަމަވެސް މި މައްސަލާގައި ދިވެހި އާއިލާތަކުން ޝަކުވާ ކުރާ ކަމަށް ވެއެވެ.

ގަސަމް އަދި ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުގައި އޮތް ކުންފުނި ބަން "ރާބުޅު" އާއި "މާރެހި" އެއީ 250 ހާސް ލީޓަރުގެ ކެޕޭސިޓީގެ ކުޑަ ދެ ތެޔޮ ބާޖު ކަމަށެވެ. ބޮޑެތި ބޯޓް ފަހަރުގައި ހުންނަ ފަދަ ކޯލް ކުރާ ވަސީލަތްތައް ނުހުންނާނެ ކަމަށާއި އެރިޓްރިއާގެ ބަނދަރު ޖެހުމަށް ކޯލް ކުރުމުން އިޖާބައެއް ނުލިބުނީ އެހެން ވެގެން ކަމަށް ބެލެވޭ ކަމަށެވެ.

"ދިއްލީގައި ހުންނަ އެ ގައުމުގެ އެރިޓްރިއާގެ އެމްބެސަޑަރު މެދުވެރިކޮށް އަޅުގަނޑުމެނަށް އެންމެ ފަހުން ލިބުނު މައުލޫމާތަކީ ދެ ބޯޓުވެސް އިންވެސްޓިގޭޝަނެއްގެ ތެރޭގައި އޮތް ކަމަށް." ގަސަމް ވިދާޅުވި އެވެ.

އެފްއެސްއެމް އިން އޭޕްރީލް 18 އިގައި ކުރި ޓްވީޓް

އޭޕްރީލް 18 ވަނަ ދުވަހު އެފްއެސްއެމުން ޓްވީޓެއްކޮށްފައި ވެއެވެ. އޭގައި ބުނެފައި ވަނީ މިހެނެވެ:

އެފްއެސްއެމްއަށް ގެންނަ އާ ދެ ބާޖް މިހާރު ސުއެޒް ކެނަލް ހުރަސްކޮށް ރާއްޖެ އައުމަށް ދަތުރު ފަށައިފި އެވެ. މިދެ ބާރޖް އެފްއެސްއެމްގެ ފްލީޓާއި ގުޅުމުން އެފްއެސްއެމް އޮޕަރޭޝަން ފުޅާ ވެގެން ދާނެ އެވެ. "މާރެހު" އަދި "ރާބުޅާ" ހަމަލޮލުން ދެކިލުމަށް މިތިބީ އިންތިޒާރުގަ އެވެ، 

އެފްރިކާއަށް ނިސްބަތްވާ މިސްރުން މި ދެ ބޯޓް / ބާޖް ފުރައިގެން ދިވެހިރާއްޖެއަށް ދަތުރު ކުރަމުން ދަނިކޮށް އެރިޓްރިއާގައި ފަޅުވެރިންނާއެކު ހިފަހައްޓައި ތާށިކޮށްލީ މިދިއަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އެ ހާދިސާ ހިނގާފައި އޮންނަތާ ތިން ހަފުތާ ވެފައިވާއިރު ވެސް އެފްއެސްއެމުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި ވާހަކަ އާންމު ކޮށްފައެއް ނުވެއެވެ.

އެފްރިކާގެ އިރުއުތުރުގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރިއާ އަކީ އެގައުމުގެ ބޯޑަރުތައް އިތިއޮޕިއާ އާއި ސޫދާން އަދި ޖިބޫޓީއާ ހިއްސާ ކުރާ ގައުމެކެވެ. 

އެފްއެސްއެމްގެ ދެ ބޯޓު ތާށިވާން މެދުވެރިވި ސަބަބެއް ކަމަށް އެފްއެސްއެމުން ބުނާ ގޮތަކީ ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވޭ ހިސާބަށް ގޮސް، އެރިޓްރިއާގެ ހުއްދައާ ނުލައި ބަނދަރު ކުރުމެވެ. އެކަމަކު މި މައްސަލާގައި އެފްއެސްއެމުން މިއަދާ ހަމައަށް ތިބީ ވާހަކަ ނުދައްކާ ސިއްރުކޮށްގެނެވެ. ވާހަކަ ދައްކާން ފެށީ މި ހަބަރު ބޭރުވެ އާންމު ވުމާއެކު މީޑިއާއިން ސުވާލު ކުރުމުންނެވެ.  

އެރްޓްރިއާގެ ބަނދަރަށް ވަނުމުން ހިފަހައްޓާފައިވާ "ރާބުޅަ" ބާޖް

ދައުލަތުގެ ރާބުޅާއި މާރެއްސާއެކު ރާއްޖޭގެ އަމިއްލަ ކުންފުންޏެއްގެ ބޯޓެއް ވެސް އެރިޓްރިއާގައި ހިފަހައްޓާފައިވާ ކަމަށް ވެއެވެ. ގަސަމް ވިދާުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ގުޅުން ހުރި ގައުމުތަކުގެ އެމްބަސީތައް މެދުވެރިކޮށް، އެރިޓްރިއާގެ ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ބޯޓުތައް ދޫކޮށްލާތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.