މި މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭން 136 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
މާލޭން ބޭރުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އުތުރުގެ ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ބޮޑު އަޕްޑޭޓެއް އަންނަ ޖޫން މަހުގެ ތެރޭގައި ފެނިގެން ދާނެ އެވެ.
މިއީ މި އެއާޕޯޓުގެ ތާރީހުގައި ވެސް އަންނާނެ ބޮޑު ކުރިއެރުމަށް ވާނެ އެވެ. އެއީ މިހާރު ހަނިމާދޫގައި ބޭނުން ކުރަމުން ގެންދާ މުސްކުޅި ރަންވޭ ދޫކޮށްލައި ބޯޓު ޖެއްސުން އާ ރަންވޭ އަކަށް ހިޖުރަ ކުރުމެވެ.
އިންޑިއަން އެގްޒިމް ބޭންކުން ލޯނު ނަގައިގެން އިންޑިއާގެ ޖޭއެމްސީ ކުންފުނިން ހިންގާ މަޝްރޫއު ކައިރިން ބަލަހައްޓަމުން ގެންދާ ސަރުކާރު ކުންފުނި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ "މި" ނޫހަށް ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ވެސް ހަލުއިކޮށް ދާއިރު އެންމެ އަވަހަށް ބަދަލު ފެނިގެން ދާނީ ރަންވޭއިންނެވެ.
"އަންނަ މަހުގެ ކުރީކޮޅު އާރަންވޭ ހިދުމަތަށް ހިޖުރަ ކުރަން މި މަސައްކަތް ކުރަނީ. މި ރަންވޭ ހަދަނީ 2.46 ކިލޯ މީޓަރަށް. މީގެ ތެރޭން 1.4 ކިލޯމީޓަރު މުޅިން ނިންމައި ބޯޓު ޖައްސަން ފަށަން މި މަސައްކަތް ކުރަނީ. އޭގެ ފަހުން ބާކީބައި ނިންމާނީ،" ރިޒުވީ ވިދާޅުވި އެވެ.
މި މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭން 136 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
ކުރިން ގައުމީ އެއާލައިންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ރިޒުވީ ވިދާޅުވީ މިހާރު މަސައްކަތް ކުރާ ރަންވޭގެ 1،400 ކިލޯމީޓަރު ހިދުމަތަށް ފުރިހަމަ ކުރާއިރު އެހެން މަސައްކަތްތައް ވެސް ހަލުއި ކަމާއެކު ކުރިއަށްދާ ކަމަށެވެ.
"އާރުސީއެލް [ރީޖަނަލް އެއާޕޯޓްސް] އިން ވަރަށް ގާތުން މި މަަޝްރޫއު މިދަނީ ބަލަމުން. މަސައްކަތް ކުރާ ކުންފުނިން ދިން ޓައިމްލައިނަށް މަސައްކަތް އެބަދޭ،" ރާއްޖޭގެ ހަ އެއާޕޯޓެއްގެ ބެލެނިވެރިކަން އޮތް ރީޖަނަލް އެއާޕޯޓް ކުންފުނި ހިންގުމުގެ އިސްކޮށް ހުންނެވި ރިޒުވީ ވިދާޅުވި އެވެ.
މި މަޝްރޫއުގައި ހަނިމާދޫގައި ޒަމާނީ ބޮޑު ރަންވޭއަކާއި ރީތި އިންޓަނޭޝަނަލް ޓާމިނަލްއެއް އަޅާނެ އެވެ. އަދި 2024 ގައި ނިންމާނެ އެވެ. މި އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅުމުގެ ހިދުމަތާއެކު ގިނަ ފަސޭހަ ތަކެއް ލިބިގެން ދާނެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު އެއާޕޯޓް ނިމެންވާއިރަށް އެންމެ މަދުވެގެން 2،500 ޓޫރިސްޓު އެނދު އެ ސަރަހައްދުން ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް މިހާރު އެ ސަހައްދުގައި ހުރި ޓޫރިސްޓު އެނދުތައް އަވަހަށް އޮޕަރޭޝަނަށް ނެރެން ޖެހެ އެވެ. އެ ސަރަހައްދުގައި އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދަނީ ސަރުކާރަށް ބަލަދު އަރާފައިވާ "ބަރަވެލި" އެމްޓީޑީސީ އެވެ.
އެ ކުންފުނިން މަސައްކަތް ކުރާ ނާގޯއްޓަކީ ބޮޑު ނިގުލަށް ދެމިދެމި އޮތް މަޝްރޫއެކެވެ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފުރަތަމަ ހަވާލު ކުރީ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ 2007 ގަ އެވެ. އެފަހަރު އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދައްކާތީ 2016 ގައި އެއްބަސްވުން ބާތިލްކުރި އެވެ. އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމާފަ އެވެ