އެޕާޓްމަންޓްތަކުގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫންވެސް ތަކެތި ބައެއް މީހުންގެ އަތުން ނަގާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.
ކޭޕާކުގެ ފްލެޓުތައް ވިއްކުމުގައި މަކަރުހަދާފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުންދާ މައްސަލައިގައި ތުހުމަތުވާ އާބަންކޯގެ މުވައްޒަފު، އެ ކުންފުނިން ސަސްޕެންޑުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން އަބްދުލްނާފިއު މުހައްމަދު 14 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
"ފުލުހުންނާއި މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުން މި މައްސަލަ ތަހުޤީޤުކޮށް ނިމުމުން, މި މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ" އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ކޭޕާކު ތަރައްގީކުރާ ހަންބޯ ކުންފުނީގެ ޗައިނާ ހިއްސާދާރު ފުލުހަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާކަން ތުހުމަތުކޮށް ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން އެއްބަސްވުންތައް ހަދާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތު ކަމަށް ބުނެ އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެޕާޓްމަންޓްތަކުގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫންވެސް ތަކެތި ބައެއް މީހުންގެ އަތުން ނަގާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ. އަދި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށް ވެސް ފުލުހަށް ހުށަހެޅިއެވެ.
އެ ތުހުމަތުތައް އަމާޒުވާ ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ވަނީ އެކަމަށް ޖަވާބުދާރީ ވެސް ވެފައެވެ. މަންޑޭގެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހަންބޯ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ހުރި ޗައިނާގެ ޖިން ޝީހޫ މަސައްކަތް ކުރަމުން ދަނީ މަންޑޭގެ އަބުރު ކަތިލަން ކަމަށާއި ރޭވުމެއްގެ ތެރެއިން ޖިން ޝީހޫ މަސައްކަތް ކުރީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާއާއެކު ރާއްޖޭން ފަލަން ކަމަށާއި މަންޑޭގެ އަބުރު ކަތިލަނީ އެކަން ނުވުމުން ކަމަށެވެ.
ހަންބޯ މޯލްޑިވްސްއަކީ ކޭޕާކް މަސައްކަތުގެ ލޯކަލް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ހެދި ކުންފުންޏެއް ކަމަށާއި މުޅި ޕްރޮޖެކްޓްގެ ވެރިފަރާތް ކަމަށްވާ ހަންބޯ ކޮރެއާއަށް ލިބިދޭ ބާރުތަކުން ބައެއް ވަގުތީގޮތުން އެ ކުންފުނިން ދީފައި އޮތީ ލޯކަލް އެޖެންޓަށް ކަމަށާއި އެ ބާރުތަކުގެ ތެރޭގައި ފުލެޓުތަކަށް ލިބޭ ފައިސާ ބަލައިގަތުން އޮތް ނަމަވެސް އެެއީ ލޯކަލް އެޖެންޓުގެ ފައިސާ ނޫން ކަމަށެވެ.
އަދި ބުނެފައި ވަނީ ލޯކަލް އެޖެންޓްގެ ގޮތުން ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާދާރު، ޖިން ޝީ ހޫގެ އެކައުންޓެންޓުން އަބަދުވެސް ރާއްޖޭގައި ތިބި ކަމަށާއި އެއީ ހެކި ހުރި ކަންކަން ކަމަށެވެ.