އުލިގަމަށް އުލިފުށި: ރިސޯޓް ލައިފުން 50 ކޮޓަރީގެ ހޮޓަލެއް

އުލިގަމްގައި ހޮޓަލެއް ހަދަން ބިޑް އުސޫލުން ލިބުނީ ރިސޯޓްލައިފް އަށެވެ. އެ ކުންފުނިން މިތަނުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާނެ އެވެ.

އުލިގަމްގެ ރީތި ތިމާވެށި: މި ރަށުގައި ހޮޓަލެއް އަޅަން ސިޓީ ރިސޯޓް ލައިފުން ވަނީ ފަށާފައި -- އަރުޝަދު އަހުމަދު

ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓު ރަޝިއާ "ހިފަހައްޓަން" އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު އެވެ. އޭނާ ގަދަޔަށް ކުރެއްވި މަސައްކަތް ސަރުކާރާއި ޓޫރިޒަމް ސިނާއަތުގެ އެއްބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފުމެން ފަދަ ބޭފުޅުން ވެސް ތައުރީފު ކުރައްވަ އެވެ. އެކަމަކު މި ފަހަރު ޓޫރިސްޓުން ރާއްޖެ ގެނައުމަށް ވުރެ ރިސޯޓްލައިފްގެ ފިޔަވަޅު މިވަނީ މައްޗަށް ނަގަން ނިންމާފަ އެވެ. ޝާޒުގެ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި ސިޓީ ހޮޓަލެއް އަޅަން ވަނީ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ. 

ރާއްޖޭގެ އެންމެ ރީތި އެއް ސަރަހައްދު ކަމަށްވާ ބޮޑުތިލަފުންމަތީގެ އުލިގަމުގައި އެމްޓީޑީސީ އިން ސިޓީ ހޮޓަލެއް ހަދަން ފަށާއި "ގާވެފައިވާ" ތަނުގައި ބޮޑު ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރަން ބިޑް އުސޫލުން ލިބިފައިވީ ރިސޯޓްލައިފް ކުންފުންޏަށެވެ. 

ހޮޓަލުން ބައެއް މިއަހަރު ހުޅުވާނެ

އުލިގަމުގައި "އުލިފުށީ" ގެ ނަން ދީގެން ހަދަން ފަށާ ޓޫރިޒަމް މަޝްރޫއުއާ ބެހޭ ގޮތުން ރިސޯޓްލައިފްގެ ވެރިޔާ ޝާޒް "މި" ނޫހަށް ވިދާޅުވި ގޮތުގައި އުންމީދީ އެ މަޝްރޫއު އެ ކުންފުންޏަށް އުލިގަމް ކައުންސިލުން އެވޯޑް ކުމާއެކު މިހާރު އަމަލީ މަސައްކަތުގެ ތެރޭގައި ހިމެނޭ ތިމާވެށީގެ ދިރާސާ އާއި އެނޫން ވެސް ބައެއް ދިރާސާތައް ދަނީ ހަދަމުންނެވެ. އަދި އެތަނުގައި ހަދާނީ ތިމާވެއްޓާ ރަހުމަތްތެރި ސިފަތަކެއް ހުރި ހޮޓަލެއް ކަމަށް ވެސް ޝާޒް ވިދާޅުވެ އެވެ. 

"މިހާރު ހޮޓަލުގެ ކުރެހުން ވެސް ގާތްގަނޑަކަށް ފައިނަލް ވެއްޖެ. މިއީ ޖުމުލަ 50 ކޮޓަރީގެ ހޮޓަލެއް. މި ބަލަނީ މީގެ ތެރޭން 30 ކޮޓަރި ނަމަވެސް މި އަހަރު ހުޅުވަން... މާތްﷲ އިރާދަކުރެއްވިއްޔާ އެކަމަށް ބޮޑަށް މަސައްކަތް ކުރާނަން،" ޝާޒް ވިދާޅުވި އެވެ. 

100 މިލިއަނަށްވުރެ ބޮޑު އިންވެސްޓްމަންޓެއް

އުލިގަމުގައި ޓޫރިސްޓުންތަކެއް : މިއީ ރާއްޖޭގެ އެންމެ މަގުބޫލު ޔޮޓު ބަނދަރު -- އުލިގަމް

ޝާޒް ވިދާޅުވީ އުންމީދީ މި މަޝްރޫއަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާނެ ކަމަށް ބެލެވޭއިރު މިއީ އުލިގަމަށް ދިރުން ގެންނާނެ މަޝްރޫއަކަށްވެސް ވާނެ އެވެ. 

"[އެމްޓީޑީސީ ހޮޓަލު] ގެ މަސައްކަތް ފެށި ހުއްޓިފައި ހުންނަތާ ވަރަށް ދުވަސްވެއްޖެ. އެހެންވެ މި މަސައްކަތުގެ ސަބަބުން އެތަނުގައި އާ ހޮޓަލެއް ހުޅުވި ވަޒީފާތަކެއް ވެސް އިތުރުވާނެ. އެންމެ މަދުވެގެން އުލިގަމުން ބޭނުންވާނެ 200 އެއްހާ ކުދިން. މިކަމަށް އެކަން ހާއްސަ ވާނެ،" ޝާޒް ވިދާޅުވި އެވެ. "މި ހޮޓަލުގެ ސަބަބުން ރަށުގައި ކުރާ އެހެނިހެން މަސައްކަތްތަކަށް ވެސް ދިރުން ލިބިގެން ދާނެ،" 

ސަރުކާރުން ބޮޑުތިލަފުންމަތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ބޭރަށް ދަތުރު ފުޅާކުރެވޭ ގޮތަށް ތައްޔާރުވަމުންދާ ވަގުތެއްގައި ފެށި މި މަޝްރޫއާއެކު މުޅި ތިލަދުންމައްޗަށް މީގެ ފައިދާ ކުރާނެ އެވެ. ހާއްސަކޮށް ވަލީދުއަކީ ކޮވިޑުގެ ތެރޭގައި ވެސް ރާއްޖެއަށް ގިނަ ޗާޓަރުތަކެއްގައި ޓޫރިސްޓުން ގެނައި ބޭފުޅަކަށްވާތީ މި އެނދުތަކާއެކު ތިލަދުންމައްޗަށް ޗާޓަރު ފްލައިޓްތަކެއް ގެނައުމުގެ ދޮރު ވެސް ހުޅުވިގެން ދާނެ އެވެ. 

ޝާޒު ކުރައްވަނީ ކީއް - ޝާޒް ވަލީދު ގެންދަވަނީ ރާއްޖެ ދުނިޔެއަށް ވިއްކަން ދުނިޔޭގެ 11 ގައުމެއްގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ. އެންމެ ފުޅާކޮށް މަސައްކަތް ކުރައްވަނީ ރަޝިއާގަ އެވެ. ރަޝިއާއިން އަންނަ ޓޫރިސްޓުންގެ ބޮޑު ހިއްސާއެއް އެ ކުންފުނިން އަދާކުރެ އެވެ. ރަޝިއާގައި 40 އަށް ވުރެ ގިނަ މުވައްޒަފުންނާއެކު އޮފީހެއް ހިންގަވަމުންދެ އެވެ.

އެމްޓީޑީސީން ކުރީ ކޮންކަމެއް؟

އުލިގަމުގައި ސިޓީ ހޮޓަލެއް ހުޅުވާއިރު މި ހޮޓާ ހުޅުވާ ސަރަހައްދަކީ ސަރުކާރު ކުންފުންޏަކުން ޓޫރިޒަމް ތަރައްގީ ކުރަން ހިންގި އެންމެ ނާކާމިޔާބު މަސައްކަތް ފެނިގެންދާ އެއް ސަރަހައްދެވެ. 

އުލިގަމުގައި ހޮޓާ ހަދަން ސަރުކާރު ކުންފުނި އެމްޓީޑީސީއަށް ބިމެއް ދިނީ 27، ފެބްރުއަރީ 2007 ގައި  އެވެ. އެ ކުންފުންޏަށް މި މަޝްރޫއު ހިންގަން އެ ރަށުން 36 ހެކްޓަރުގެ ބިމެއް ދީފައި އޮންނަތާ 16 އަހަރު ވަނީ ވެފަ އެވެ. ނަމަވެސް 100 އެނދު އަޅަން ފެށި މަސައްކަތް ކުރިއަށް ނުގޮސް ވަނީ ހުއްޓިފަ އެވެ. މިތަނުގައި ހުރި ބައެއް ތަކެތި ވިއްކާލަން ވެސް ސަރުކާރުން މަސައްކަތް ކުރި އެވެ. އަދި 2020 ގައި އަލުން މިތަނުގައި ހޮޓަލެއް ހަދަން ބިޑަށް ވެސް ލި އެވެ. ނަމަވެސް މަޝްރޫއު ކުރިއަަކަށް ނުދިޔަ އެވެ. 

އުލިގަމަަށް ނަޒަރެއް - ހއ. އުލިގަމްަކީ 112 ހެކްޓަރުގެ ރީތި ރަށެކެވެ. މި ރަށް ބޮޑުނަމަވެސް އާބާދީއަކީ އެންމެ 358 އެވެ. މިރަށުގެ މީހުން އާންމުކޮށް ކުރާ މަސައްކަތަކީ، ދަނޑުވެރިކަމާއި މަސްވެރިކަމާއި ފަންގިވިނުމާއި ވިޔަފާރިކުރުމެވެ. މުޅި ދުނިޔޭގައި ވެސް ފުރަތަމަ ޤާއިމުކުރެވުނު “ހައިބްރިޑް އޭސީ ކަލްޕް ރެނިއުބަލް އެނަރޖީ މައިކްރޯ ގްރިޑް” ސިސްޓަމް، 7 ޖަނަވަރީ 2007 ގައި ގާއިމު ކުރީ މި ރަށުގަ އެވެ. މިއީ ރާއްޖޭގައި އޮތް ކުދި ޔޮޓުގެ އެންމެ މަގުބޫލު އެއް ބަނދަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.