ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރި ކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރި ކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށެވެ. އެގޮތުން ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި ލާފެންކުރުމާއި ތެދު އުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ވިދާޅުވީ ފަންނުވެރި ކަމަކީ އިންސާނީ ވަސީލަތް ތަރައްގީ ކުރުން ކަމަށާ އެއީ ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުން ކަމަށެވެ. ރައީސް ވިދާޅުވީ ގައުމު، ގައުމަކަށް ވަނީ ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން ކަމުގައެވެ.
މިރޭ ހުޅުވިގެން ދިޔަ ފަރުމާ އިންޓާނޭޝަނަލް ޔޫތު އާޓް ފެސްޓިވަލާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މި ފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް ގައުމީ ތަރައްގީ ގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމުގައި ރައީސް ވިދާޅުވި އެވެ.
ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ގައި 8 ގައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައި ވެއެވެ.
މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ.