ހަސަންގެ ޕޯލް: ރައީސްގެ ރަނިންމޭޓަކަށް ރަނގަޅީ ޝާހިދު

ވޯޓް ދިން މީހުންގެ ތެރެއިން 52 ޕަސެންޓް މީހުން ވޯޓް ދިނީ ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެންމެ ރަނގަޅީ މިނިސްޓަރު ޝާހިދު ކަމަށެވެ. އަސްލަމަށް ވޯޓް ދެއްވީ 48 ޕަސެންޓް މީހުންނެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) ޕީޖީ ލީޑަރު މުހައްމަދު އަސްލަމް (މ) މެންބަރު ހަސަން ލަތީފް (ވ)

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓަކަށް އެންމެ ރަނގަޅީ ކޮން ބޭފުޅެއްތޯ ސުވާލު ކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، ޓްވިޓާގައި ކުރިއަށް ގެންދެވި ޕޯލް އިން މިނިސްޓަރު ޝާހިދު ކުރި ހޯއްދަވައިފި އެވެ.

މި މަހުގެ ހަތަރުވަނަ ދުވަހުގެ 8:21 ގައި ހަސަން ފެއްޓެވި ޕޯލްގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެންމެ ރަނގަޅީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުތޯ ނުވަތަ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްތޯ ސުވާލު ކުރައްވާފައިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕޯލްގައި 16،598 މީހަކު ބައިވެރިވެ ވޯޓް ދީފައިވެއެވެ.

ވޯޓް ދިން މީހުންގެ ތެރެއިން 52 ޕަސެންޓް މީހުން ވޯޓް ދިނީ ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެންމެ ރަނގަޅީ މިނިސްޓަރު ޝާހިދު ކަމަށެވެ. އަސްލަމަށް ވޯޓް ދެއްވީ 48 ޕަސެންޓް މީހުންނެވެ.

މިފަދަ ޕޯލެއް ހަސަން ކުރިއަށް ގެންދެވުމުން ވަރަށް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ހަސަން ނިސްބަތްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތަށެވެ. އެ ހަރަކާތުގައި ނަޝީދުގެ ފަރާތްޕުޅުން އެންމެ އިސްކޮށް ހުންނެވީވެސް ހަސަން އެވެ. މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރައްވަނީވެސް ހަސަން އެވެ.

ރައީސް ނަޝީދާއި "ފިކުރެއްގެ ދިރުން" ހަރަކާތުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރަން ނިންމާފައެވެ. ނަޝީދާއެކު އެ ހަރަކާތުގައި މަޖިލީހުގެ 12 މެންބަރަކު ހިމެނެއެވެ. އަދި އެމްޑީޕީގެ ބައެއް އިސް އެކްޓިވިސްޓުންނާއި އެ ޕާޓީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ނާއިބު ރައީސް މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.

އެހެން ކަމުން ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިތޯ ބަލަން ހަސަން ލަތީފް އިސްވެ ޕޯލެއް ކުރިއަށް ގެންދާތީ ރައީސް ސޯލިހް ފަޅީގެ ސަޕޯޓަރުން ސުވާލު އުފައްދައެވެ. އެ ޕޯލަށް ކޮމެންޓް ކުރެއްވި ބައެއް މީހުން ވަނީ އެއީ ހަސަން ނިސްބަތްވާ "ފިކުރެއްގެ ދިރުން" ހަރަކާތުން ވިސްނަން ޖެހޭ ކަމެއްތޯ ސުވާލު ކޮށްފައެވެ.

ބައެއް މީހުން ވަނީ "ފިކުރެއްގެ ދިރުން" ހަރަކާތް ހުއްޓުނީތޯވެސް ސުވާލު ކޮށްފައެވެ. މިއިން އެއްވެސް ސުވާލަކަށް ހަސަން ޖަވާބެއް ނުދެއްވައެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އިހްތިޔާރު ކުރައްވާނެ ބޭފުޅެއްގެ ބަހުސް އެމްޑީޕީގައި އެބަ އޮތެވެ. އެންމެ ހިނގާ ދެ ނަމަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.

އެނގިފައިވާ ގޮތުން އެ ދެ ބޭފުޅުންނަށް ތާއީދު އިތުރު ކުރުމުގެ މަސައްކަތް ބާރަށް އެބަ ހިނގައެވެ. ގިނަ ބަޔަކަށް ކަމުދަނީ އަސްލަމެވެ. މަޖިލީހުގެ ގިނަ މެންބަރުންނާއި ވަޒީރުންނާއި އެމްޑީޕީގެ އިސް ބޭފުޅުންނަށް އަސްލަމް ރަނގަޅެވެ. ޝާހިދުއަކީ އެންމެ ރަނގަޅު "ޗޮއިސް" ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވެސް އެބަ ތިއްބެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ފުރަތަަމަ އިސްކަން އޮތީ ފުޅާ ކޯލިޝަނެއް ހެއްދެވުމެވެ. އެ މަސައްކަތުގައި އެމަނިކުފާނު ބޭނުންފުޅުވާ މިންވަރާއި ކައިރިއަށްވެސް ކާމިޔާބު ނުހޯއްދެވުނެވެ. ކޯލިޝަނަށް ގެންނެވުނީ އަދާލަތާއި އެމްޑީއޭ އެވެ. އެހެން ޕާޓީއެއްގެ ބައިވެރިވުމެއް ލިބޭ ގޮތެއް ނުވިއެވެ.

ރަނިންމޭޓަކަށް އިހްތިޔާރު ކުރައްވާނެ ބޭފުޅަކާމެދު ވާހަކަ ދައްކަވަން އެމަނިކުފާނަށް އަދި މާ އަވަހެވެ. އަނެއްކޮޅުން މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރައީސާއެކު އިތުރު ދައުރަކަށް ހުންނެވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އެފަދަ ފުރުސަތެއް ލިބިވަޑައިގެންފިނަމަ އުފަލާއެކު ގަބޫލު ކުރައްވާނެ ކަމަށް ވިދާޅުވެއެވެ.

ނަަމަވެސް އެ ފުުރުސަތު ރައީސް ދެއްވާފާނެ ކަމަކަށް ނުބެލެވެއެވެ. ރަނިންމޭޓަކަށް ނަންގަވާނީ އެމްޑީޕީގެ ތެރެއިން ބޭފުޅެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.