ޕްރިލެޕިން އަކީ ގިނަ ފަހަރަށް މީހުން ބަލައި ނުލައި އޮންނަ މައްސަލަތަކަށް ފޯކަސް ކުރާ ތަފާތެއް ގެންގުޅޭ ލިޔުންތެރިއެކެވެ. އެފަދަ ވާހަކަތަކާއި ފޮތްވެސް އޭނާ ލިޔެ އެވެ.
ރަޝިޔާގެ ސަރުކާރަށާއި ރައީސް ޕޫޓިންނަށް ވަރަށް ބޮޑަށް ތާއީދު ކުރާ ލިޔުންތެރިއެއް އަދި ޓީވީ ޕްރެޒެންޓަރަކަށް ބޮމުގެ ހަމަލާއެއް ދީ އެ ލިޔުންތެރިޔާ ޒަހަމް ކޮށްލައިފި އެވެ. އޭނާއަކީ ރައީސް ޕޫޓިންއަށް ތާއީދު ކުރުމުގެ އިތުރުން ރަޝިޔާގެ ގައުމިއްޔަތުގެ ދިފާއުގައި ލިޔާ ވެސް ލިޔުންތެރިއެކެވެ.
ފޮރުވުމެއް ނެތި ހާމަކަން ބޮޑުކޮށް ޕޫޓިންގެ ދިފާއުގައި ލިޔަމުން ގެންދާ އުމުރުން 47 އަހަރުގެ ޒަހަރް ޕްރިލެޕިން އަކީ ޔޫކްރޭނަށް ރަޝިޔާ ސިފައިން އަރުވައި ރައީސް ޕުޓިން ފެށި ހަނގުރާމައަށް ވެސް ވަރަށް ބޮޑަށް ތާއީދު ކޮށްލިޔާ މީހެކެވެ. އޭނާ އަކީ މުޅި ރަޝިޔާގައި ވެސް ހިނގާ ނަމެކެވެ.
އޭނާއަށް ދިން ބޮމުގެ ހަމަލާ އަމާޒު ކޮށްފައި ވަނީ އޭނާ ދަތުރު ކުރަމުންދިޔަ ކާރަށެވެ. އެ ހަމަލާ ދީފައި ވަނީ މޮސްކޯއާ 400 ކިލޯމީޓަރު އުތުރުންނެވެ. ބޮމުގެ އެ ހަމަލާގައި ޒަހަރް ޕްރިލެޕިން ޒަހަމްވި އިރު ކާރުގައި އިން އިތުރު މީހަކު މަރުވެފައި ވެއެވެ. ޕްރިލެޕިންގެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައި ވާއިރު ރަޝިޔާއިން ބުނެފައި ވަނީ މިއީ އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. ކުށްވެރިން ހޯދާނެ ކަމަށެވެ.
އިއްޔެ ކާރު ގޮއްވާލައި ޒަހަމް ކޮށްލި ލިޔުންތެރިޔާ ރަޝިޔާގެ ސަރުކާރުން ސިފަ ކުރަނީ ގައުމިއްޔަތުގެ ލިޔުންތެރިއެއް އަދި ގައުމިއްޔަތުގެ ބަތޮލެއްގެ ގޮތުގަ އެވެ
ޕްރިލެޕިން އަކީ ގިނަ ފަހަރަށް މީހުން ބަލައި ނުލައި އޮންނަ މައްސަލަތަކަށް ފޯކަސް ކުރާ ތަފާތެއް ގެންގުޅޭ ލިޔުންތެރިއެކެވެ. އެފަދަ ވާހަކަތަކާއި ފޮތް ވެސް އޭނާ ލިޔެ އެވެ. އޭނާގެ ފުރަތަމަ ވާހަކަ "ދަ ޕެތޮލޮޖީސް" ގައި ކިޔައިދީފައި ވަނީ ޗެޗެން ހަނގުރާމަތަކުގައި ޒުވާން ސިފައިންގެ ވާހަކަ އެވެ. އަދި ގިނަ އަދަދެއްގެ ޅެންތަކާއި މަޒުމޫނުތަކާއި ލިޔުންތައް ލިޔެފައިވާއިރު، 2021 ވަނަ އަހަރުގެ އާޓްސް އިނާމާއި ދައުލަތުގެ އެކިއެކި އެވޯޑްތައް ދީފައި ވެއެވެ.
އޭނާ އަކީ ސޯޝަލް މީޑިއާގައި ހަނގުރާމައަށް ތާއީދު ކޮށްފައިވާ އަދި ފާޅުކަން ބޮޑު ކޮށް ރިޕޯޓް ކުރާ މީހެކެވެ. އަހަރުތަކެއް ވަންދެން ޔޫކްރޭންގެ އިރުމަތީ ޑޮންބާސް ސަރަހައްދުގައި ރަޝިޔާގެ ޕްރޮކްސީ ފައިޓަރުން އިންތިޒާމްކޮށް، 2019 ވަނަ އަހަރު ޔޫޓިއުބް އިންޓަވިއުއެއްގައި އޭނާގެ ޔުނިޓުން "ގިނަ އަދަދަކަށް މީހުން މަރާލި" ކަމަށް ބުނެފަ އެވެ. އެކަމަކު އޭނާ ސީދާ ހަނގުރާމައިގައި ބައިވެރިވި މިންވަރު ސާފު ކޮށެއް ނުދެ އެވެ.