ދަތުރުގެ "ސަވާރީ" އާއި މީހުން ކަނޑުވި ގޮތް

ފުލް އިންޝޫރެންސް އޮތް އެ ބޯޓު އަޑިއަށް ދިޔަ އިރު ބޯޓުގައި ހުރި މުދަލުގެ ޖުމްލަ އަގު އަންދާޒާ ކޮށްލަން ވެސް ފާއިޒުއަށް އުނދަގުލެވެ. ހަމައެކަނި ނާލަށް ބެލިއަސް 75،000 އަށް އަރައެވެ.

މި

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30 ގައި "ސަވާރީ" ބޯޓު މާލެއިން ފުރީ މުދާ ބަރު ކޮށްގެންނެވެ. ހުޅަނގު މޫސުން ފެށި، ވިއްސާރަވެފައި ވީ ނަމަވެސް އޭރު ކަނޑުމަތިން އެކަން ފެންނާކަށް ނެތެވެ. 

ބޯޓުގެ ކައްޕި އަބްދުﷲ ފާއިޒް "މި" ނޫހަށް ކިޔައިދިން ގޮތުގައި މާލެ އަތޮޅުން ނުކުމެ، މާ ކަނޑަށް ބޭރުވީ އިރުވެސް ކަނޑު ގަދަ ވުމާއި، ވިއްސާރައިގެ އެއްވެސް އަސަރެއް ނެތެވެ. އެ ބޯޓު މާލެއިން ފުރި އިރު މޫސުން އޮތީ ރީތިކޮށެވެ.

"ފުރައިގެން ގޮސް ގުރައިދުއާ ހިސާބުން ލައްވާލީ ކޮޅިގަނޑު. ދެން އަނެއްކާ އެހާ އަނދިރި. ގާތްގަނޑަކަށް ފަތިހު 4:30 - 5:00 ހާއިރު އެއީ،" ފާއިޒު ކިޔައިދިނެވެ.

އެއީ އެ ދަތުރުގެ ހުރިހާ ކަމެއް އެއްކޮށް ބަދަލުވި ވަގުތެވެ. ގަދަ ވިއްސާރައާއި، ވަޔާއެކު އައި ކޮޅިގަނޑާ ކުރިމަތިލާންޖެހި ވާނުވާ ނޭނގޭ ހިސާބަށް ދިޔައެވެ. ކަނޑުގަދަވެ، ނަގަމުން ދިޔަ ރާޅުތައް އޮޑިއަށް ހަތަރު ފަރާތުން އަރަމުން ދިޔައެވެ.

"އަހަންނަކަށް ނޭނގުނު އޮޑި ޖައްސާނެ އަތެއް ވެސް. ކަނާއަތަށް ޖައްސާ އިރަށް ރާޅުގަނޑު އަރައިގަންނަނީ. ވާ އަތަށް ޖައްސާ އިރަށް ރާޅުގަނޑު އަރައިގަންނަނީ. ފުލަށް ބާއްވާ އިރަށް ފުލުން ރާޅުގަނޑު އަރައިގަންނަނީ. ކޮޅަށް ބަހައްޓާއިރަށް ކޮޅުން ރާޅުގަނޑު އަރައިގަންނަނީ،" އެ ބިރުވެރި ހާލަތު ކައްޕި ސިފަ ކޮށްދިނެވެ.

މާކަނޑުގައި، ކަނު އަނދިރީގައި ލައްވާލި ކޮޅިގަނޑުން ސަލާމަތްވުމަށް ހަދާނެ ގޮތް ހުސްވެފައި ތިއްބާ، ދެން ފާއިޒުއަށް އިވުނީ ފަޅުވެރިޔަކު އޮޑިން ދިޔަވާ ވާހަކަ ގޮވާ އަޑެވެ. ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. އިންޖީނާ ހިސާބަށް ފެން އަރާ، ޕަންޕު ޖައްސައިގެން ވެސް އޮޑިން ފެން ނުހިއްކޭ ވަރަށް ދިޔަ ވެއްޖެއެވެ. 

"އެހެން ބަލަބަލާ ތިއްބާ ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓްތެރޭ ބޯޓު އެ ދިޔައީ އަޑިއަށް. ފުރަތަމަ އަޑިއަށް ދިޔައީ ފަހަތްކޮޅު" ފާއިޒު ކިޔައިދިނެވެ.

އެތައް ބައެއްގެ މުދަލާއެކު، ބޯޓު އަޑިއަށް ދިޔައިރު، ފާއިޒާއި، ފަޅުވެރިންނަށް ކުރެވޭނެ އެއް ކަމެއް ވެސް ނެތެވެ. މޯބައިލް ފޯނުގެ ރޭންޖު ނުލިބޭތާ، ކޮމިއުނިކޭޝަން ސެޓަޕުން ވެސް އެއްވެސް ބަޔަކަށް ނުގުޅުނެވެ. އެހީއަށް އެދެވޭނެ އެއްވެސް ގޮތެއް ނެތީ އެވެ. ބޯޓު އޮތީ އެއަށް ވުރެ ބޭރުގައެވެ.

ކިރިޔާ ވެސް ސަލާމަތް ވުމުގެ ފުރުސަތެއް އޮތީ ބޯޓުގައި ތިބި މީހުންގެ ފުރާނަ އެކަންޏެވެ. މީހުން ސަލާމަތްވާން އޮތީ ކުޑަ ފުރުސަތެކެވެ. ފާއިޒާއި، ފަޅުވެރިން ކަނޑަށް ފޭބީ އޮޑީގައި ހުރި ސަލާމަތީ ބޮއެތަކާއި ލައިފްޖެކެޓާއެކު އެވެ. ފަތިހު ފޭބި ގޮތަށް، ކަނޑުމަތީގައި އެގޮތަށް އަނެއް ދުވަހުގެ މެންދުރު 1:30 ހާއިރު ވާންދެން ތިބެން ޖެހުނެވެ. އޭރު އެމީހުންގެ ބޯމަތިން ރާޅު ނަގަނަގާ އޮތެވެ.

"ސަވާރީ"ގެ ކުރޫ ސަލާމަތްކުރުމަށް ފަހު ސިއްހީ ހާލަތު ބަލަނީ

"އެހެންތިއްބާ މި ފެންނަނީ އެމްއެންޑީއެފްގެ ފްލައިޓް ބޯމަތިން ދާތަން" ސަވާރީގެ ކުރޫއިންނަށް އުންމީދު އާވި ވަގުތުކޮޅަކީ އެއީއެވެ.

ސިފައިންގެ ޑޯނިއާ މަތިންދާބޯޓަށް ފާއިޒުމެން ފެނުނީ 12:55 ގައެވެ. އެހާ ހިސާބުން އެތަން ފާހަގަކޮށް، ކޯސްޓުގާޑުގެ "ޣާޒީ" ގޮސް އެ މީހުން ސަލާމަތް ކުރީ އެވެ. ކަނޑުމަތީގައިއަށް ގަޑިއިރެއްހާއިރު ހޭދަ ކުރުމަށް ފަހު، އަނބުރާ މާލެ އާދެވުނީ އިރު އޮއްސެން ގާތްވެފައި ވަނިކޮށެވެ.

ފުލް އިންޝޫރެންސް އޮތް އެ ބޯޓު އަޑިއަށް ދިޔަ އިރު ބޯޓުގައި ހުރި މުދަލުގެ ޖުމްލަ އަގު އަންދާޒާ ކޮށްލަން ވެސް ފާއިޒުއަށް އުނދަގުލެވެ. ހަމައެކަނި ނާލަށް ބެލިއަސް 75،000 އަށް އަރައެވެ. އެހެންކަމުން މުދަލުގެ އަގު އެތައް ލައްކައަކަށް އަރާނެ ކަމަށް ބެލެވެއެވެ.

އެ ހުރިހާ މުދަލެއް ގެއްލުނު ނަމަވެސް، ކުރޫންގެ ތެރޭ ތިބި، ތިން ދިވެހިންނާއި، ހަތަރު ބިދޭސީންނާއެކު، އެންމެން ވެސް މާބޮޑު ހާނިއްކައެއް ނުވެ، ސަލާމަތް ވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.