ހައްޖު ހުއްދަ ދިން ކުންފުނިތައް ކުރަނީ ވައްކަމެއް ނޫންތަ؟

މިނިސްޓަރީން ބުނާ ގޮތުގައި ހައްޖާ ގުޅޭ ޝަކުވާތަކުން ބަލަން ޖެހޭ ކަންތައްތައް ބަލަމުން ގެންދާނެ އެވެ. އެކަމަކު އެ ހަދަނީ ދޮގެވެ. ބަޔަކު ދައްކާ ވާހަކައެއް އަޑެއްވެސް ނާހާނެ އެވެ. ނުވެސް ބަލާނެ އެވެ. ނޫހަކު ލިޔާއެއްޗެއް ނުވެސް ކިޔާނެ އެވެ.

ބަޔަކު ހައްޖަށް ފުރަން ދަނީ: ހައްޖަށް މީހުން ގެންދަން ހުއްދާ ހޯދާ ކުންފުނިތަކުން އޮޅުވާލާ ކަމަށް ބުނޭ

ރާއްޖޭން މީހުން ހައްޖަށް ގެންގޮސް ދޭން މި އަހަރު ހުއްދަ ދީފައި ވަނީ ތިން ޖަމާއަތަކަށެވެ. ސަރުކާރުގެ ހައްޖު ބިޑްގައި ބައިވެރިވި 11 ޖަމާއަތެއްގެ ތެރެއިން ހޮވައި ހުއްދައެއް ދިނީ ހައްޖަށް މީހުން ގެންގޮސްދޭން އެންމެ ކުޑަ އަގު ޖެހި ތިން ބައި މީހުނެވެ.

އިސްލާމިކް މިނިސްޓަރީން ކުރި ގޮތަކަށް އިވެލުއޭޓް ކޮށްފައި ހުއްދަ ދިނީ އެއިން ކޮންމެ ކުންފުންފުންޏަކަށް / ގްރޫޕަކަށް، ރާއްޖޭގެ ހައްޖު ކޯޓާގެ ތެރެއިން 90 ކޯޓާއާވެސް އެކުއެވެ. އޭގެ މާނައަކީ ޖުމްލަ 1000 ކޯޓާގެ ތެރެއިން އެ ތިން ކުންފުނީގެ މައްޗަށް ބެހިގެން ދާނީ 270 ކޯޓާ އެވެ. އެއީ މި އަހަރަށެވެ. އަންނަ އަހަރު އަލުން ފަށާނީ އެވެ. 

ހުއްދަ ލިބުނު ތިން ޖަމާ އަތާއި އަގުތައް

  • 1.އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް: 75،000 ރުފިޔާ
  • 2.އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ: 75،250 ރުފިޔާ
  • 3.ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް: 75،465 ރުފިޔާ

މިއީ ސަރުކާރުން ދިރާސާކޮށް ބަލައި ރަނގަޅަށް އިވެލުއޭޓް ކުރުމަށް ފަހު ހުއްދަ ދިން ރީޒަނަލްބަލް ނަމްބަރުތަކަކަށް ނުވާ ނަމަ އެ ވަރުގެ އަދަދަކަށް އަގު ތިރިވި ނަމަވެސް އިސްލާމިކް މިނިސްޓަރީން ހުއްދައެއް ދޭނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. 

މި އަހަރުގެ އެންމެ ކުޑަ އަގަކީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި 75،000ރ. އެވެ. އަނެއް ދެ ޖަމާއަތް ހިމެނޭ ގޮތަށް ތިން ޖަމާއަތުން ވެސް ހައްޖުގެ މޫނުމަތީ އަގަކަށް ޖަހާފައި ވަނީ މިވަރުގެ އަދަދުތަކެވެ. 

އެ ހިސާބުން އެ ނަމްބަރުތަކާ ކުޅޭކަށް ނުޖެހޭނެ އެވެ؛ އެހެން ނޫން ކަމަށް ވާނަމަ އެކަން އެހެން އެވަނީ މިނިސްޓަރީގެ އިހުމާލަކުން، ބައިވެރި ވުމަކުންނެވެ. އެ ވައްކަމުގައި އެ އޮތީ ސަރުކާރު ބައިވެރި ވެފަ އެވެ. 

ފަހަކަށް އައިސް މިދިއަ 12 ވަރަކަށް އަހަރު، ރާއްޖޭގައި ހައްޖު ޖަމާއަތްތަކާއި ގްރޫޕްތައް ހަދައިގެން އުޅޭ ގިނަ ފަރާތްތަކަކީ އެކުއެކީގައި ކެވެލި ޖެހިފައިވާ އެއްބައެކެވެ. އޭގެ ތެރޭން ގިނަ ބައިވަރު މީހުނަކީ އޭރެއްގެ އިސްލާމިކް މިނިސްޓަރީ ހިންގަން ތިއްބަވާ ބައެއް އިސް ބޭފުޅުންނާއި އެ ބޭފުޅުންގެ ގާތް މީހުނާއި ސައުދީ ދިވެހި އެމްބަސީގައި ތިބޭ ބޮޑު ކުލައިގެ ދިވެހިންނާއި އެ މީހުނާ ގުޅޭ ޝޭހުންނެވެ. އަދި ކުރިން މިނިސްޓްރީ ހިންގެވި ވެރިންނާއި އެމީހުންގެ ގާތް މީހުނާއި އެ މީހުނާ އެއް ކެވެލީގެ ޝޭހުންނެވެ.  

ހައްޖު ބިޑެއް ނިމޭނީ އެ ފަރާތްތަކުގެ ޖަމާއަތަކަށް ކޯޓާ ލިބޭ ގޮތަށް ނޫނީ ބައި އެޅޭ ގޮަތަށެވެ. ޖަހާ އަގަށް އެ ހިދުމަތް ދެވޭ ބަޔަކީ ކޮބައިިތޯ އަދި ދެވޭނެ ބަޔަކީ ކޮބައިތޯ ރަނގަޅަށް ދިރާސާއެއް ނުކުރެ އެވެ. މިއީ އަބަދުވެސް އިސްލާމިކް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ނުފޫޒާއި ބާރު ފޯރުވާ ކަމެއްގެ ގޮތުގައި ތުހުމަތު އޮންނަނީ އެހެން ވެގެނެވެ. އަބަދުވެސް ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮންނަ ވިޔަފާރި ހިދުމަތަކަށް ހަދާފައި ވަނީ ގަސްދުގައި ކަމަށް ބުނަނީ އެހެން ވެގެނެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހައްޖު ކޯޕަރޭޝަން އުފެއްދީ ޕްރައިވެޓް ހައްޖު ގްރޫޕްތަކުގެ މަކަރާއި ހިލަތް ހެދުން ދިމާ ނުވާ އެއްވެސް އަހަރެއް ނުދާތީ އެއިން ނެއްޓެން ވެގެނެވެ. ހައްޖު އަޅުކަމަށް ފައިސާ ދައްކާ މީހުނަށް އޮޅުވާލައި ބޮޑެތި ގެއްލުންތައް ދިނުން އިންތިހާއަށް ގޯސްވެ އެ ހުރިހާ ޒިންމާއެއް ކޮންމެ ފަހަރަކު ސަރުކާރުން ނަގަން ޖޭހޭތީ އެވެ. މައްސަލަތައް އުފެދުން ކުޑަ ކުރާން ވެގެނެވެ. ވައްކަން ނުކުރާން ވެގެނެވެ.

ހައްޖު ކޯޕަރޭޝަން އުފައްދައި ރާއްޖެއަށް ލިބޭ 1،000 ކޯޓާއިން 500 ކޯޓާ ކޯޕަރޭޝަނަށް ހާއްސަ ކުރަން ފެށީ ޕްރައިވެޓް ކުންފުނިތަކުން ހަދާ މަކަރާ ހީލަތުގެ އެ "ބަލާވެރިކަމުން" މިންޖުވާން ވެގެނެވެ. 

އެކަމަކު އޭރެއްގައި އޮންނަ އިސްލާމިކް މިނިސްޓަރީގެ ހުރިހާ ވެރިންނާއި ކުރިން ފައިބައިގެން ދިޔަ އެކަމަކު ސަރުކާރަށް މޫލާފައިވާ ބާރުގަދަ ހުރިހާ ވެރިން، އެއްވެލައި ނަން ހުސްކޮށް ހައްޖު ޖަމާއަތް ހަދައިގެން އެ ވިޔަފާރިއަށް ނުކުމެފައި ކޮންމެ ނޫހަކަށް ހިލޭ އުމްރާ ދަތުރަކާއި ހައްޖު ދަތުރެއް ދީފައި އިސްލާމިކް މިނިސްޓަރީއާ ގުޅިގެން ވައްކަން ކުރާން ފެށީމާ އެވަނީ ކޯންޗަކަށް ހެއްޔެވެ؟  

ހައްޖުގެ އަޅުކަމަށް މީހުން ފޮނުވައި ދިނުމުގެ ވިޔަފާރީން މިހާރު ގިނައިން ކުރަނީ ސީދާ ވައްކަމެކެވެ. 

މި އަހަރުގެ ތިން ޖަމާއަތުން ވަކި ޖަމާއަތަކޭ ނުކިޔާ އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ގޮތުން ހައްޖަށް ދާން އެދި މިއީން އެއްވެސް ޖަމާއަތަކަށް އާންމު މީހަކު ގުޅާލައިފި ނަމަ މިހާރު ދޭނެ ޖަވާބަކަށް ވާނީ ހުއް ދިން ދުވަހު ނޫން އަނެއް ދުވަހު 90 ޖާގައަށް ފައިސާ ދައްކާ ނިމިއްޖެ އެވެ. ހަމަ ޖާގަ ހުސްވީ އެވެ. 

ދެން އަންނާނީ ފޯނު ކޯލެކެވެ. އަހާނީ ބޭނުން ވަނީ ކިތައް ޖާގަ ހެއްޔޭ އެވެ؟ ކުޑަ ގޮތެއް ހަދާލައި ދެވިދާނެ އެވެ. އަޕްފްރޮންޓްކޮށް 150،000ރ. ނުވަތަ 170،000ރ. ދައްކަނިކޮށް ޖާގައެއް ދެވިދާނެ އެވެ. އެކަމަކު ފައިސާ ދެއްކި ކަމުގެ ރަސީދެއް ނޯންނެ އެވެ. އެކަމަކު އެއީ ފިޒިކަލް ލީގަލް ބައިންޑިން އެކެވެ. 

ހަގީގަތުގައި އެއްވެސް ޖަމާއަތަކަށް 90 ކޯޓާއެއް އަދިއަކު ނުފުރެ އެވެ؛ ނަމަވެސް ސަރުކާރުން ރަސްމީ ކޮށްދިން އަގަށް ވުރެ ބޮޑު އަގެއް ހޯދައި ވައްކަން ކުރުމުގެ ނިޔަތުގައި ޖާގަ ފުރުނު ކަމަށް ހީލަތް ހަދައި ގުޅާ މީހުނަށް ބޮޑު އަގު ކިޔައި އެތައް ގުނައެއް އަގަށް އިތުރުކޮށް އެންމެ ބޮޑު އަގު ދައްކާ މީހުނަށް ޖާގަ ދެނީ އެވެ. 

އިއްޔެ ޖާގައެއް ނެތް ކަމަށް ބުނި ޖަމާއަތަކަށް މިއަދު ގުޅިއަސް 150،000ރ. ދައްކަން ހުރިއްޔާ ޖާގަ ކަށަވަރު ވާނެ އެވެ. އަދި އޭތި މީތި ކިޔައިގެން އެ އަގު 175،000ރ. އާ ހަމައަށް ގެންދާނެ އެވެ. 

ޔަގީނަށް ވެސް މި ވައްކަން އެބަ އޮތެވެ. ރާއްޖޭން މީހުން ހައްޖަށް ގެންދަން ގްރޫޕްތަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޭ ގޮތާއި ހުއްދަ އާއި ކޯޓާ ދޭ ހައްޖު ގްރޫޕްތަކުން އަމަލު ކުރާ ގޮތާ މެދު ނުތަނަވަސްކަން ވަރަށް ބޮޑެވެ. ޝަކުވާތައް ގިނަ އެވެ. އެ މައްސަލަތައް ބަލަން ޖެހޭނެ އެވެ. ބަލަން ބޭނުން ނުވަންޏާ އިސްލާމިކް މިނިސްޓަރު ގެއަށް ވަޑައިގަތުމުން އެހެން. ބަޔަކު އެކަން ބަލާން ހަވާލު ވާނެ އެވެ. 

ޝައިހު އަލީ ޒައިދު ވިދާޅުވެފައިވާ ގޮތުގައި ވަކި އަދަދަކަށް މީހުން ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ ހައްޖު ބިޑް ކާމިޔާބު ކުރުމަށް ފަހު، މޭޒު ދަށުން ބައެއް ހައްޖު ގްރޫޕްތަކުން 150،000ރ. މީހުންގެ އަތުން އަތުލަ އެވެ. އެ ފައިސާ ހަލާލެއް ނުވާނެ އެވެ. 

"މި ފައިސާ ހަލާލެއް ނުވާނެ. ބިޑް ކާމިޔާބު ކުރާކަށް މަޖުބޫރު ކަމެއް ނެތް. އަގު ހެޔޮކޮށް ނުވަންޏާ ކުރިމަތި ނުލާނީ. ދޮގު ހަދާކަށް ނުޖެހޭ." ޒައިދު ވިދާޅުވި އެވެ. 

ޒައިދުގެ އެކުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވާ ގޮތުގައި ހައްޖަށް މީހުން ގެންދާ ގްރޫޕްތަކުގެ އެ މައްސަލަތަކުގައި އިސްލާމިކް މިނިސްޓްރީގެ އިހުމާލު ބޮޑެވެ.

"ޕްރޮޕޯސަލްގައި ޖަހާފައި ހުރި ހިދުމަތްތައް އެ އަގަށް ނުދެވޭނެކަން ޔަގީންވާ ހާލު، އެފަދަ ކުންފުނިތަކަށް ހުއްދަ ދޭތީ މައްސަލަ އަކީ. ބުނާ ކަހަލަ... ޕްރޮޕޯސަލް ކާމިޔާބު ކުރަން ކުޑަ އަގެއް ޖަހާށޭ!" އިޔާޒް ވިދާޅުވި އެވެ. 

ހައްޖު ޖަމާއަތްތަކުން އެ ބަޔަކަށް ކަނޑައަޅާފައިވާ އަގަށް ވުރެ ދެ ގުނަ ބޮޑު އަގެއް ނަގަން ތިބެނީ ހިފާފަ އެވެ. އެ ފަދަ ޝަކުވާއެއް އިސްލާމިކް މިނިސްޓަރީއަަށް މިހާރު ވެސް ވައްދާފައި ވެއެވެ. 

މިނިސްޓަރީން ބުނާ ގޮތުގައި ހައްޖަށް މީހުން ގެންދަން ހުއްދީފައިވާ ބައެއް ކުންފުނިތަކުން، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އިތުރަށް ފައިސާ ނަގާ ކަމުގެ ޝަކުވާ ލިބިފައި ވެއެވެ. އެ ޝަކުވާތަކާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން ގެންދާނެ އެވެ. 

އެއީ ދޮގެވެ. ބަޔަކު ދައްކާ ވާހަކައެއް އަޑެއް ވެސް ނާހާނެ އެވެ. ނުވެސް ބަލާނެ އެވެ. ނުވެސް ކިޔާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.