ހޫނު މޫސުމާއެކު ކަރަންޓު ބިލްތައް ބޮޑުވުމަކީ ދުނިޔޭގެ ގިނަ ރައްޔިތުން މިހާރު ތަޖުރިބާކުރާ ކަމެކެވެ. ނަމަވެސް އެ ގައުމުތަކުގައި ހޫނު / ފިނި މޫސުމަށް ސަބްސިޑީދެ އެވެ. އެކަން ނުފެންނަނީ އެހެންވެ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހުޅުމާލޭގައި ސައިކަލް ދުއްވަމުން ދިޔައިރު ހޫނުގެ ސަބަބުން ބޯ އަނބުރާ ކަހަލަ ގޮތެއްވި އެވެ؛ ގަދަ އަވީގެ ސަބަބުން ހަންގަނޑުން ގަދަޔަށް ދިލަ ނަގަމުން ވެސް ދިޔަ އެވެ. އެއީ މިދިއަ ދުވަސް ހޫނު ގަދަ ދުވަސްތަކުން ދުވަހެއް ކަމަށް ވިޔަސް އެ ދުވަހު ހަމަ އާދަޔާ ހިލާފަށް ހޫނުވި އެވެ. އެ ދުވަހު މޫސުމާ ބެހޭ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވި އެވެ. އާއްމުކޮށް 32 ޑިގްރީ ސެލްސިއެއްގައި ހުންނަ ރާއްޖޭގެ ހޫނުމިން މަތިވެ އިހުސާސް ކުރެވޭ ހޫނުކަން 44 ޑިގްރީ އަށް މައްޗަށް އުފުލުނެވެ.
އެ ހޫނު ގިނަ ބަޔަކަށް އިހުސާސްވެ އެ ވާހަކަ ދެއްކި އެވެ. މިއީ މިހާތަނަށް އެންމެ ހޫނުގަދަވި އެއް ދުވަހެވެ. އެހެން އަހަރުތަކުގައި ވެސް ހޫނުގަދަވި ނަމަވެސް މި އަހަރު ތަފާތެވެ. ހޫނު ގަދަވާ ވަގުތުތަކުގައި ކޮންކްރީޓް ޖަންގައްޔެއްހެން އޮންނަ މި މާލޭގެ މަގުތަކުން ހޫނު ވައިގެ އުދާސްކަން ވަރަށް ބޮޑަށް އިހުސާސްވެ އެވެ. ވަށައިގެން ކަނޑު އޮތަސް ރަށުތެރެއަށް އަރައިގެންނަ އަންނަ ވައިގައި ހުންނަނީ ގަދަ ހޫނުކަމެވެ. އެއީ ހޮޓްވޭވް އެވެ.
މޫސުމީ ބޮޑު މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ކަރަންޓު ބިލަށެވެ. މޫސުމީ މި ބަދަލާއެކު ކަރަންޓު ބޮޑު ބިލެއް ކޮންމެ ގެއަކަށްހެން މިހާރު ވަނީ ލިބިފަ އެވެ. ހީޓް ވޭވް ނުވަތަ ހޫނު ވައިގެ ބާނިތަކުގެ ސަބަބުން އެހެން ގައުމުތަކުގެ ރައްޔިތުންގެ ކަރަންޓު ބިލަށް ކޮށްފައިވަނީ ކޮން އަސަރެއް ހެއްޔެވެ؟ އެހެން ގައުމުތަކުގައި ވެސް މީގެ ޓްރެންޑެއް އެބައޮތް ހެއްޔެވެ؟
ދުނިޔެއަށް ބަލާއިރު މިދިޔަ އަހަރުގެ އޯގަސްޓް މަހަކީ އެމެރިކާގެ ތާރީހުގައި އެންމެ ހޫނުގަދަވި އެއް މަހެވެ. "ހީޓްވޭވް" ގެ ސަބަބުން އެމެރިކާގެ 126 ސަރަހައްދެއްގައި އާދަޔާ ހިލާފަށް ހޫނުމިން މަތިވެގެން މީހުން މަރުވި އެވެ.
ޔޫއެސް ސެންޓްރަލް އައިޓެންޑިފައި ހިސާބުތައް ދައްކާ ގޮތުގައި ގަދަ ހޫނުގެ އަސަރު އެމެރިކާގެ 100 މިލިއަން މީހުންނަށް ކުރި އެވެ. ގަދަ ހޫނާއެކު ދެން އެންމެ އަވަހަށް މައްސަލަ ބޮޑު ވެގެން ދިޔައީ ކޫލިންއަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ އިލެކްޓްރިލް ބިލް މަތިވެގެން ދިއުމެވެ.
އެކަމަކު، އެމެރިކާ ފަދަ ގައުމުތަކުގައި މި މައްސަލަ ބޮޑު ގައުމީ މައްސަލައެއްގެ ގޮތުގައި ސިފަ ނުވާ ސަބަބަކީ އެމެރިކާގެ ސަރުކާރުތަކުން އެކަމަށް އިސްކަންދީ އެކަމަށް ހާއްސަ ބަޖެޓެއް ކޮށްފައި ވުމެވެ. އެނާޖީ ކުންފުނި ތަކުން ހޫނުމިން މައްޗަށް ގޮސްގެން އެއަށް ބިލް ކުރިނަމަވެސް އެމެރިކާ ފެޑެރަލް ސަރުކާރުން އެންމެ ދަށު ފަންތީގެ އާމްދަނީ މީހުންނަށް ފިނި / ހޫނު މޫސުގެ ބިލަށް ސަބްސިޑައިޒް ކުރަން ހިންގާ އެނާޖީ އެސިސްޓެންސް ޕްރޮގްރާމް (އެލްއައިއެޗްއީއޭޕީ) ގެ ކުޑައިގެ ދަށުން އެފަހަރު އެކަނި ވެސް ރައީސް ބައިޑެންގެ ސަރުކާރުން 300 މިލިއަން ޑޮލަރުގެ އެހީދިނެވެ.
އަދި މުޅި އަހަރަށް ބަލާއިރު ހީޓް / ކޫލް ބަޖެޓުގެ ޖުމްލަ ތިން ބިލިއަން ޑޮލަރަށް އަރަ އެވެ. އެހެންވެ މިކަމުން އެނގެނީ ހޫނު މޫސުމަކީ ކޮންމެ ގައުގެއްގައި ވެސް ކަރަންޓު ބިލުތަކަށް މީގެ އިފެކްޓް ކުރާނެ އަދި އަސަރު ކުރުން ބޮޑު ދުވަސް ވަރެއް ކަމެވެ.
މިކަމުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަ ކުރަން މައި ސަރުކާރުން ޖަހާ ރައްކާތެރިކަމުގެ ނެޓްތައް ހުރުން މިއީ މުޅީން އެހެން ވާހަކަ އެވެ. ދިވެހި ރައްޔިތުންނަށް ވެސް މި އެހީ ސަރުކާރުތަކުން ދެ އެވެ. ތެލުގެ އަގު މަތިވުން ހުއްޓުވަން ދޭ ތެލުގެ ސަބްސިޑީއަކީ މި އަދަދެވެ. ނަމަވެސް މިހާރު ހޫނު މޫސުމަށް ސަރުކާރުން ދޭ މިއެހީ އެހެން ގޮތަކަށް ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅެން ޖެހޭ ހާލަތެއް އައިސްފައިވާ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.
ދިވެހިންނަށް ހޫނުގެ ސަބަބުން ދަތިވެގެން އުޅޭ ގޮތަށް ޔޫރަޕާއި ދުނިޔޭގެ ބޮޑު ބައެއް ވެސް އޮތީ މި ދަތީގަ އެވެ. އެ މީހުން ވެސް ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން ޖީބުން ދާ އަދަދު އިތުރު ވާނެ އެވެ. އެކަމަކު ހޫނު މޫސުމާއި ފިނި މޫސުގައި ރައްޔިތުންގެ އަތުން އިތުރަށް ޔޫޓިލިޓީ ބިލްތަކަށް ކުރަން ޖެހޭ ހަރަދަށް ސަރުކާރުން ސަބްސިޑައިޒް ކުރެ އެވެ.
ހޫނުގެ ސަބަބުން ބޭރު އާވިގަނޑެއްގައި އޮތްއިރު ދިވެހިންނަށްވެސް މި އިހުސާސް ބޮޑެވެ. ކުރިން ދިވެހިންނަށް ހޫނު ގަދަވިކަން ޔަގީންވަނީ ކަރަންޓު ދިއުމުންނެވެ. މި ތަޖުރިބާ 2012 އާއި 2017 އާ ދެމެދު މާލޭގެ ރައްޔިތުން ކުރި އެވެ. އެކަމަކު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ކަރަންޓު ކެޕޭސިޓީ މަތި ކުރުމުގެ މަޝްރޫއުއާއެކު ގްރިޑެއް މެދުވެރިކޮށް މާލެ އާއި ހުޅުމާލެ ކަރަންޓު ވިއުގައިން ގުޅާލައި ވެރިރަށް މާލެއަށް ކަރަންޓު ފޯރުކޮށް ދިނުމުގެ ކެޕޭސިޓީ މަތި ކުރުމުގެ ނަތީޖާއަކީ ދިވެހިން މި މައްސަލައާ ދުރުވުމެވެ.
މިހާރު މާލޭގެ ސިޓީގެ ކަރަންޓު ކެޕޭސިޓީ މިވަނީ 120 މެގަވޮޓްއަށް އުފުލިފަ އެވެ. މިހާރު ކަރަންޓު ދާނެ ސަބަބަކީ 120 މެގަވޯޓަށްވުރެ މައްޗަށް ކަރަންޓު ބޭނުން ކުރުމެވެ. ނޫނީ މެކޭނިކަލް ފެއިލިޔަރެއް ނޫނީ ބަޔަކު ގަސްތު ނުވަތަ މަސައްކަތެއް ކުރަނިކޮށް ސަބްސްޓޭޝަނެއް ނުވަތަ ޕެނަލް ބޯޑެއް ނުވަތަ ކޭބަލަކަަށް ގެއްލުވުމެވެ. އެކަމަކު މިފަހަރު މުޅިން އެހެން ކަމެއްގެ ސަބަބުން ވެސް ކަރަންޓު ދިޔަ އެވެ.
ހޫނު މޫސުން އައިއިރު ގިނަ ބަޔަކު ހީކޮށްގެން ތިބީ އެހެންނެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހު މާލޭގެ ތިން ސަބްސްޓޭޝަންއަކުން ކަރަންޓު ދިޔަ އެވެ. މިއިން އެނގިގެން ދިޔައީ ދުނިޔެ ހޫނުވުން މިއީ ހަމަ ހަގީގަތުގައި ވެސް ވާކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން ހޫނު މޫސުގައި ކުރި ސްޓްރަގްލްތައް ދިވެހިން ވެސް އެންމެ ފަހުން ހޫނުވި ދުވަހު ކުރި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު މެންދުރު 2:10 ގައި ޕީކްލޯޑް 106 މެގަވޮޓަށްވުރެ މައްޗަށް އެރި އެވެ. އޭގެ ނަތީޖާއަކީ ބައެއް ސަބްސްޓޭޝަންތައް އޯފްވެ ހުއްޓުމެވެ.
މި މައްސަލަ ކުރިމަތިވީ ކީއް ވެގެން ހެއްޔެވެ؟ މިއީ އޯވަލޯޑް ވެގެންވީ ކަމެއް ހެއްޔެވެ؟ ހަގީގީ މައްސަލައަކީ ކޮބައި ހެއްޔެވެ؟
އެ ދުވަހު ހަތަރު ސަބްސްޓޭޝަނެއް ނިވުނީ ހޫނުގެ ސަބަބުން ޓްރާންސްފޯމަރުތައް އޮފް ވެގެނެވެ. ޓްރާންސްފޯމަރުތައް ހުންނާނީ އަލިފާނުގެ ހާދިސާއެއް ހިނގުން ފަދަ ހޫނުކަމެއް ދިމާވެއްޖެނަމަ އޮޓަމެޓިކުން ނިވޭ ގޮތަށެވެ. މިއީ ވަރަށް ނުވާ ކަމެކެވެ. އެ ދުވަހު ހޫނުމިން އެންމެ މަތީގައި ހުރި ކަމަށް ދައްކަނީ އެންމެ މަތިކޮށް ވެސް 44 ޑިގުރީގަ އެވެ. އެހެންވެ މިއީ އެލާމިން ހާލަތެކެވެ.
މި ވަރަށް ހޫނުމިން މައްޗަށްދާ ހޫނު މޫސުމެއްގައި އޭގެ އިފެކްޓް ކަރަންޓު ބިލަށް ބޮޑު ތަނުން ކުރާނެކަން މި މައްސަލަ އިން ވެސް ދޭހަވެ އެވެ. ދެން އޮތީ ހޫނު މޫސުމުގައި ކަރަންޓު ބިލް އަތް ނުފޯރާ ފަަށަން ދިއުމުގެ ބިރު އޮތް ހާލަތެއް އަތުވެދާނެ ތޯ ކުރެވޭ ސުވާލެކެވެ.
ސްޓެލްކޯ ވަގު ހަދައިގެން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ކުރުމުގެ ޕޮސިބިލިޓީ އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟ ސްޓެލްކޯ އިން ވަގު ހަދައިގެން މީޓަރެއްގެ ރީޑިން ނުބައިކޮށް ހިސާބުކޮށް ބިލު ކުރެވިދާނެ ހެއްޔެވެ؟ އެއް ވަރަށް ކަރަންޓު ބޭނުންކުރާ ދެ ތަނެއްގެ ބިލުގައި ތަފާތެއް ހުންނަނީ ކީއް ވެގެން ހެއްޔެވެ؟
މިސާލަކަށް ދެ ކޮޓަރިއެއްގައި އެއް ވަރެއްގެ އޭސީއެއް ހުއްޓަސް ބިލު ތަފާތު ވެދާނެ އެވެ. ދެ ކޮޓަރީގައި އެއް ބީޓީޔޫއެއްގެ އޭސީއެއް ހުރި ނަމަވެސް އެތަނުގެ ތެރޭގައި އިސްތިރި ކުރުން ނުވަތަ ކެއްކުން ފަދަ ކަމެއް ކުރާނަމަ އެކަން ކުރާ ތަނެއްގެ ކަރަންޓު ބޭނުން އިތުރުވާނެ އެވެ. ސަބަބަކީ ފިނިކޮޓަރީގެ އެތެރޭގައި ހޫނުވާ ޒާތުގެ އެއްޗެއް ޖައްސާނަމަ އޭސީ ފިނި ކުރަން ކުރާ މަސައްކަތް އިތުރު ވުމެވެ. އަނެއް ސަބަބަކީ ހޫނުގަދަ ދުވަސްތަކުގައި އިރުއިރުކޮޅާ އޭސީ ކަނޑަކަނޑާފަ ޖެއްސުމެވެ. އޭސީ އަވަސް އަވަހަށް ކަނޑަކަނޑާފަ ޖައްސާނަމަ އޭސީން ކުރާ މަސައްކަތް އިތުރުވެ އެވެ. އެހެންވެ މިއީ ވެސް ކަރަންޓު ބިލް ބޮޑު ވެދާނެ ސަބަބެކެވެ.
މި ފަހަރު ހޫނު ގަދަވި ދުވަސްތަކުގައި ބިލުތައް ބޮޑުވުމުގެ އަނެއް ސަބަބެއް ކަމަށް ތަޖުރިބާކާރުން ދެކެނީ ގަދަ ހޫނުގެ ސަބަބަކުން ބައެއް ގޭގޭގައި އާއްމުކޮށް ކަރަންޓު ބޭނުން ކުރަމުން ގެންދިޔަ ބޭންޑްތައް ބަދަލު ވެގެން ދިއުމެވެ. މިއީ ވެދާނެ ކަމެއް ހެއްޔެވެ؟
ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި ނާދިރު މި ހާލަތު މި ފަހަރު ވަނީ ކުރިމަތިވެފަ އެވެ. ސްޓެލޯގެ ތަފާސް ހިސާބު ތަކުން އެ މަންޒަރު ވަރަށް ރީތިކޮށް ފެންނަން އެބައޮތެވެ. ގިނަ އަދަދެއްގެ ކަސްޓަމަރުން ކުރިން ކަރަންޓު ބޭނުންކުރި ބޭންޑުން ޖެހިގެން ހުރި މަތިން ޗާޖު ކުރާ ބޭންޑްތައް ވަނީ ފޯލްވެފަ އެވެ. ނުވަތަ ހިޖުރަކޮށްފަ އެވެ. މިހެންވުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟
މިސާލަކަށް ފުރަތަމަ ބޭންޑުގައި 0-100 ޔުނިޓާ ދެމެދު ބޭންޑަށް ޔުނިޓަކަށް 1.50ރ. ޗާޖު ކުރި ނަމަވެސް އާދަޔާ ހިލާފަށް ހޫނު ގެ ސަބަބުން އެ ފަދަ ކަސްޓަމަރުން 100 - 200 ޔުނިޓުގެ ބޭންޑް އަށް ފޯލްވެ އެވެ. މި ޔުނިޓަށް ޗާޖު ކުރަނީ 2.40ރ. އެވެ. މިހެންވެ އެ ކަސްޓަމަރެއްގެ ބިލް ބޮޑު ތަނުން މަތިވެގެން ދާނެ އެވެ. މި ހާލަތު މިދިޔަ ހޫނު ދުވަސްވަރު ވަނީ ކުރިމަތިވެފަ އެވެ. މިއީ ވެސް ބިލްތައް ބޮޑުވުމުގެ މައިގަނޑު ސަބަބެކެވެ.
ދެން އޮތީ ސްޓެލްކޯއިން ރީޑިން ނަގަން ފޮނުވާ މީހާ ހިތުހުރި ގޮތަކަށް ރީޑިން ނަގައިގެން ބިލް ހެދިދާނެ ހެއްޔެވެ؟
ނުބައިކޮށް ކަރަންޓު ރީޑިން ނަގައިގެން ބިލެއް ހެދުން ނުވަތަ ރީޑިން ނުނަގައި ބިލެއް ފޮނުވުމަކީ ސްޓެލްކޯއަށް މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު އެހެންވާނީ ކަސްޓަމަރުން އެކަން ވެދާނެ ހާލަތަކަށް ތައްޔާރުވެ ތިބެގެނެވެ. ސަބަބަކީ ސްޓެލްކޯގެ ބިލްތައް ފެންނަ މޮބައިލް އެޕްލިކޭޝަނުން ކަސްޓަމަރު އަމިއްލަ އަށް ރީޑިން ހިސާބު ކޮށްލެވޭ ގޮތް މިހާރު ހުރުމެވެ. އެހެންވެ މީޓަރުގެ ރީޑިން ނަގަން ދާ ސްޓެލްކޯގެ މީހާ އަދި ކޮންމެ ރީޑިން އެއް ނަގައިގެން ގޮސް ހިތުހުރި ގޮތަށް ބިލެއް ކުރުމުގެ ފުރުސަތެއް މިހާރަކު ނެތެވެ. އަމިއްލައަށް މީޓަރުގައި އިންނަ ނަމްބަރު އެޕުގައި ޖަހާލައިގެން ކަރަންޓު ބިލަށް އަރާވަރު ބެލޭނެ އެވެ.
މިދިޔަ މަހު ގިނަ ގޭގެއަށް ބޮޑެތި ކަރަންޓު ބިލްތަކެއް ދިޔައިރު ބައެއް މީހުން ސޯޝަލް މީޑިއާގައި ކަރަންޓު ކުންފުނިން ގަސްތުގައި ކަރަންޓު ބޮޑު ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. އަދި މީޓަރުގެ ރީޑިން ނުނަގައި ބިލެއް ހެދިކަމަށް ވެސް ވާހަކަ ފެތުރުނެވެ. އެކަމަކު ފަންނީ ނަޒަރަކުން ވިސްނި ނަމަވެސް މިއީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ.
ސްޓެލްކޯގެ ބިލިން ސިސްޓަމް އޮތް ގޮތުން މި ފަދަ ބައެއް މައްސަލަތައް ހައްލު ގެނެސްދެ އެވެ. މިފަދަ ބައެއް ކަސްޓަމަރުން ޝަކުވާއައިގެން އައުމުން އެ ކުންފުނީގެ ބިލިން ސިސްޓަމް ކަސްޓަމަރުންނަށް ދައްކައި އެކަންވާ ގޮތް ކިޔައިދީފައި ވެސް އެބަހުއްޓެވެ.
މާލެއަކީ ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ދިރިއުޅޭ ބައި ލައްކަ އަށް ވުރެ ގިނަ ގޭބިސީގައި މީހުން ދިރިއުޅޭ ރަށަކަށްވާއިރު ސިނާއީ މަސައްކަތްތަކާ މާލޭގައި ކަރަންޓު ބޭނުން ކުރާ މިންވަރު މި ވަނީ އުފުލިފަ އެވެ. މިދިޔަ ހޫނުގަދަ ދުވަސްތަކުގައި މާލޭގައި އެންމެ މަތިން ކަރަންޓު ބޭނުންކޮށްފައިވަނީ 70 މެގަވޮޓް އަށެވެ. މިއީ ދުވަހަކު ވެސް މާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރެއް ނޫނެވެ. މިހާރު ސްޓެލްކޯގެ ޓްރެންޑަށް ބަލާއިރު މާލޭގައި ގިނައިން ކަރަންޓު ބޭނުން ކުރަނީ ދުވާލުގެ ވަގުތުތަކުގަ އެވެ. މި ލޯޑު ހުޅުމާލެ އަށް ބަދަލުވަނީ ރޭނގަޑެވެ. މިއީ ވިސްނަން ޖެހޭ ކަމެކެވެ.
ކަރަންޓު ބިލް ބޮޑުވެގެން އެންމެ ފަހުން ނުކުތް މައްސަލައަކީ ސަރުކާރުން ވެސް ވިސްނަން ޖެހޭ ކަމެކެވެ. ހަމައެކަނި ސަރުކާރުން ތެލަށް ސަބްސިޑީ ދެމޭ ކިޔާފަ ސްޓެލްކޯ ބޮލަށް ޖަހައިގެން ތިބެވެން އޮތް ކަމެއް ނޫނެވެ. ކަރަންޓު ހަރަދު ކުޑަ ކުރާށޭ ކިޔާފަ ހުރިހާ އޭސީތައް ނިއްވާލައިގެންނެއްވެސް ނުތިބެވޭނެ އެވެ. ދެން ހޫނު ގަދަވާ ފަހަރު ހޫނު ހުންނާނެ ހިސާބެއްގެ އަންދާޒާއެއް މިފަހަރު ކުރެވިއްޖެ އެވެ. މި ޓްރެންޑަކީ ހަމައެކަނި ރާއްޖެ އަށް އޮތް ކަމެއް ނޫނެވެ. މިކަން މުޅި ދުނިޔެ ދަނީ ތަޖުރިބާ ކުރަމުންނެވެ. މުޅި ދުނިޔޭގެ ރައްޔިތުން ހޫނު މޫސުމާއެކު ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ އެބައޮތެވެ.