ހަރުދަނާ ވާން ވީ އުސޫލުތަކެވެ. ހަސަނާއި ހުސޭނަށް ވަކި ގޮތެއް ހަދައި ދިނުމަށް ވުރެ ގާނޫނާއި ގަވާއިދުތައް ހަރުދާނާ ކޮށް އަދަބުތައް ހަރުކަށިކޮށް ތަންފީޒު ވާންވީ އެވެ.
ޅަވިޔަނި އަތޮޅު މީހުންގެ ބަހުރުވައިން ބުނެލާނެ ފަދައަކުން "ޗަމެންނަށް ޗާގޯހުގެ މައްސަލަ ގޯހަކަސް މަމެންނަށް، ވަގަށް އުޅޭ ބަންގާޅުންގެ މައްސަލަ މާ ގޯހެވެ!"
އެއީ ތެދެކެވެ؛ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބަޔަކަށްވުރެ ދިވެހިން ދިރިއުޅޭން އޮތް ރަށްތަކުގައި ވަގަށް އުޅޭ ބިދޭސީންގެ މައްސަލަ މާ ގޯސްކަމަށް ދެކެ އެކަަމަށް މިއަދު ހައްލު ނުހޯދައި ތިބޭނަމަ ފަލަސްތީނު ބިމުގައި އިޒްރޭލުން ވަޒަންވެރިވީ ގޮތަށް ދިވެހި ފަސްގަނޑުގައި ނުގަވައިދުން އުޅޭ ބަންގާޅުން މި ރާއްޖޭގައި ވަޒަންވެރިވެ ދިވެހިންގެ ގެތަކަށް ވަދެ، އެ ގޭގެއިން ދިވެހިން ނެރެލުން މިއީ ކޮންމެވެސް ޒަމާނެއްގައި ދިވެހިން ތަޖުރިބާ ކުރަން ޖެހިދާނެ ހިތި، އެހެނަސް ވުން ކައިރި ކަމެކެވެ.
މާލޭގެ ބައެއް ބިންތަން ދިގު މުއްދަތަށް ތަރައްގީ ކުރުމުގެ ނަމުގައި ހަދައި އެ ބިންތަކުން ނަފާ ނަގަމުންދާ ބިދޭސީން މިއަދު މަދެއް ނޫނެވެ. ރާއްޖޭގައި ހިނގާ ހުތުރު ހުރިހާ މުޑުދާރު އަމަލުތަކެއްގެ އަޑީގައި ދިވެހިންނަށް ވުރެ، ކުރިއަރައި ތިބެނީ ބިދޭސީންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަށް ބަލައިލި ނަމަވެސް އެކަމުގެ ބޮޑުންގެ ގޮތު، ވަގަށް އުޅޭ ބިދޭސީންގެ ހިއްސާ އޮންނަ ކަމަށް ބުނާތީ އިވެ އެވެ. ކުށްކުރުމާ ކުށަށް އަރައިގަތުމަކީ ވެސް ވަގަށް އުޅޭ ބިދޭސީން ކުރަމުން ދާ ކަންކަމެވެ. މިކަމާމެދު ކަންބޮޑު ނުވާ ސިޔާސީ ވެރިން އެއީ މި ގައުމަށް ވަފާތެރިން ކަމަށް ދެކޭ ނަމަ ދިވެހިން އަމިއްލަ ނަފްސަށް ވެސް އެ ވެވެނީ ޣައްދާރު ނޫން ހެއްޔެވެ؟
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް މަދަދުވެރި ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމު ތަކުގައި ތިބި ނުފޫޒް ގަދަ މީހުން ކަމަށް އަޑު އަހަމެވެ. ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި އެހެނިހެން މެދު ފަންތީގެ ވިޔާފާރިތަކަށް ނުގަވައިދުން ވަދެ އުޅޭ ބިދޭސީންނަށް މަގު ފަހިކޮށް ދެނީ ދިވެހި ފުލުންގެ ތެރެއިން މަތި ފަޑިގައި ތިބި މަދު ބަޔަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ބަޔަކު ކަމައް ބުނާތީ ވެސް އަޅުގަނޑަށް އިވެ އެވެ.
ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލާއި ރާއްޖެ އިގްތިސޯދަށް މިއަދު ދިމާވެފައިވާ މި ނުރައްކަލާމެދު ސަރުކާރުން ވިސްނުން ކުޑަކޮށްލައި ފަރުވާ ކުޑަ ކުރުމަކީ އޭގެ ނަތީޖާ ދާދި އަވަހަށް ގޯސްވެ، ދިވެހިންނަށް ބޮޑު ތަކުލީފަކަށް ވެގެން ދާނެ ކަމެކެވެ.
ގައުމީ މި ބޮޑު މައްސަލައިގެ ވާހަކަ ނުދައްކާ ސިޔާސި ވެރިންނާއި ސިޔާސީ ޕާޓީ ތަކުގެ ވެރިން އުޅެނީ ރައްޔިތުންގެ
މަންފާ އާއި ލާބައަށްޓަކައިތޯ ސުވާލު ނުއުފައްދާނެ އެކަކުވެސް މިހާރު ހުރެދާނެ ހެއްޔެވެ؟
ރިސޯޓް ތަކުގައި ވަގުތީ ވަޒީފާ ގައި މިފަދަ މީހުން އުޅޭތީ ބެލުން އެއީ ޓޫރިޒަމް މިނިސްޓަރީގެ ވާޖިބެކެވެ. ކޮންސްޓްރަކްޝަން ދާއިރާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ބެލުން އެއީ ޕްލޭނިން މިނިސްޓަރީގެ ކަމެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއީ އިކޮނޮމޮކް މިނިސްޓަރީގެ އިހުމާލެކެވެ.
މަސްވެރިކަމާއި ދަނޑުވެރި ކަމުގައި ގަވާއިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރާނަމަ އެއީ ފިޝަރީޒުން ޒިންމާ ނަގަން ޖެހޭނެ ކަމެކެވެ. ފެރީ އާއި ދަތުރުފަތުރު ކުރާ އުނޅަދު ތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭނަމަ އެއީ ޓްރާންސްޕޯޓްގެ މައްސަލައެކެވެ.
ޕްރައިވެޓް ކުލިނިކްތަކާ ބޭސް ފިހާރަތަކާ ހޮސްޕިޓާ ތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭނަމަ އެއީ ހެލްތު މިނިސްޓަރީގެ އިހުމާލެވެ. މިސްކިތްތައް ބަލަހައްޓާ ސާފު ކުރުމުގައި ގަވާއިދުގެ ބޭރު އުޅޭ ބިދޭސީން ތިބޭ ނަމަ އިސްލާމިކް މިނިސްޓަރީ ޖަވާބު ދާރީ ވާންޖެހޭއިރު ދާހިލީ ވުޒާރާއިން ނަގާން ޖެހޭ ޒިންމާ ނަގައި އަދާ ކުރާނަމަ މީ ގައުމަށް މި ކަންކަން ބިރަކަށް ނުވެ ހައްލު ވެގެން ދިޔައީހެވެ.
ހަރުދަނާ ވާން ވީ އުސޫލުތަކެވެ. ހަސަނާއި ހުސޭނަށް ވަކި ގޮތެއް ހަދައި ދިނުމަށް ވުރެ ގާނޫނާއި ގަވާއިދުތައް ހަރުދާނާ ކޮށް އަދަބުތައް ހަރުކަށިކޮށް ތަންފީޒު ވާންވީ އެވެ.
އެއް މިސާލެކެވެ؛ ގަވާއިދާ ހިލާފަށް ވަޒީފާގައި ބިދޭސީ މީހާ ގެންގުޅޭ ކުންފުނި / ރިސޯޓާއި ހޮޓާ ނުވަތަ ފިހާރަ، އެތައް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ތަންތަނުގެ ވެރިން ދެތިން މަހަށް ނަމަވެސް ޖަލަށް ލެވޭނަމަ ގާނޫނުގެ އިމުގެ ތެރެއައް ވަންްނާ މަޖުބޫރެއް ނުވާނެ ހެއްޔެވެ؟