މަރަށް މަރުހިފާކަށް ނުކެރޭނެ؛ އެ އުންމީދު ކުރާނެ ކަމެއް ނެތް

ރާއްޖޭގައި މިހާރު އޮތް ނުރައްކާތެރި ކުށުގެ ވެށީގައި ޖެހިލުމެއް ނެތި މީހުން މަރާފާނެ 1400 އަށް ވުރެ ގިނަ ނުރައްކާތެރި ގޭންގް ސްޓާރުންނާއި "ކެރިއާ ކްރިމިނަލް" އިން އުޅޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފަ އެވެ. ފަސްލައްކައެއްހާ މީހުންގެ ތެރޭގައި މިވަރުގެ ނުރައްކާތެރި މީހުން ތިބުމަކީ "ހުރިހާ އެންމެން މަރުވެފައި" ތިބުން ފަދަ ކަމެކެވެ.

މަރަށް މަރުހިފުމަކީ ރާއްޖޭގައި ކުރަން އެއްވެސް ހުރަހެތް ނެތް އަދި ކުރަން މަޖުބޫރު، އެކަމަކު ރައީސް އަމީން ފިޔަވައި އެއްވެސް ވެރިޔަކަށް ކުރާން ނުކެރުނު ކަމެއް -- މި

އަނިޔާވެރި އަދި އެހައި ރަހުމްކުޑަ ހަމަލާތައް ދީ މީހުން މެރުން ރާއްޖޭގައި މިހާރު އާންމެވެ. މިއީ ދޮގެއް ނޫނެވެ. ދެހާސް ވަނަ އަހަރުން މި ކޮޅަށް މި ހޭދަވި 22 އަހަރުގެ ތެރޭގައި ހައްގަކާއި ނުލައި އެތައް ބަޔަކު ވަނީ މަރާލާފަ އެވެ. އޭޕްރީލް 5، 2001 ގައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާއެއްގެ ތެރޭގައި ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް މަރާލި އެވެ. އޮގަސްޓް 9، 2002 ގައި އިހަވަންދޫގެ ވަލު ތެރޭގައި 16 އަހަރުގެ ފާތުމަތު ހަސަން މަރާލާފައި އޮއްވާ ފެނުނެވެ. ޖަނަވަރީ 2، 2010 ގައި ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭ މަރިޔަމް ޝީރީން މަރާލާފައި އޮއްވާ ފެނުނެވެ. އޭޕްރީލް 2012 ގައި ހދ ނޭކުރަންދޫ ގެއެއްގެ ތެރޭގައި ފާތުމަތު ޒަކަރިއްޔާ މަރާލާފައި އޮއްވާ ފެނުނެވެ. އެ އަހަރުގެ ޖޫންގައި ގާނޫނީ ވަކީލް އަހުމަދު ނަޖީބް އަދި އޮކްޓޫބަރުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރަޝީމް އަލީ އަވަހާރަ ކޮށްލި އެވެ.

އޭގެ ފަހަށް 2015 ގައި ރާއްޖެ ސިއްސުވާލީ ތުއްތު އިބްތިހާލުގެ އަނިޔާވެރި މަރުންނެވެ. އަދި ޖަނަވަރީ 6، 2016ގައި ލ. ގަން، ތުނޑި، ބާބުލްއަވާލީ ހައްވާ ޒުހާ މަރާލި އެވެ. އޭގެ މަސް ދުވަސް ފަހުން އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ށ. ނޫމަރާގައި މަރާލާފައި އޮއްވާ ފެނުނެވެ. މިދިޔަ އަހަރު އދ. ދަނގެތީގައި މަހުމޫދު އަބޫބަކުރު މަރާލާ ގޯންޏަކަށްލާ ވަޅަކަށް އެއްލާފައި އޮއްވާ ފެނުނެވެ. ރަހުމްކުޑަ އެ މަރުގެ ހާދިސާގެ ހަނދާން ނުނެތި އުޅެނިކޮށް ހ. ޝީރީންވިލާ ގޭގައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު އަދި މާ އަނިޔާވެރި ގޮތަކަށް ގަތުލުކޮށްފި އެވެ. މިއީ މިދިޔަ 22 އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގި ބޮޑެތި ގަތުލުތަކުގެ ތެރެއިން ބައެކެވެ.

ގަތުލަކަށް ފަހު ގަތުލެއްގައި އަނިޔާވެރިކަން ދަނީ ބޮޑު ވަމުންނެވެ. ގަތުލު ކުރާ ގޮތާއި އެ އަމަލު ހިންގާ ގޮތުގެ އަނިޔާވެރިކަން ދަނީ ބޮޑުވަމުންނެވެ. މީން ކޮންމެ ގަތުލަކުން ރާއްޖެއަށް ސިހުން ގެނުވައި ހިމޭން ވެސް ކުރުވަ އެވެ. ސިޔާސީ ހަލަބޮލިކަމާއި މަސްތާއި ނުބައި ކަންކަމުން މުޅީން ހަލާކުވެފައި އޮތް މުޖްތަމައު ހިނދުކޮޅަކަށް ނަމަވެސް ހުއްޓުވާލަ އެވެ.

"ސަރުކާކާރަށް ފަހު ސަރުކާރެއް އަންނަނީ ރާއްޖޭގެ ކުށުގެ ވެށި ނައްތާލާ އަމާން މުޖުތަމައެއް ގާއިމު ކުރާ ވައުދު ވަމުން... ގޭންގުތައް ފިއްތާލާން ވައުދު ވެވެގެން. ޓެރަޒިޒަމަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނަމުން، ސަރުކާރަކަށް ފަހު އާ ސަރުކާރެއް އަންންނަ އިރު އެއްވެސް ކަމެއް ނުކުރޭ އެއް ވެސް އަދަބެއް ތަންފީޒެއް ނުކުރޭ،" ރާއްޖޭގެ ކަންކަން ހިނގައި ދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އޮތް ނުރައްކާތެރި ކުށުގެ ވެށީގައި ޖެހިލުމެއް ނެތި މީހުން މަރާފާނެ 1400 އަށް ވުރެ ގިނަ ނުރައްކާތެރި ގޭންގް ސްޓާރުންނާއި "ކެރިއާ ކްރިމިނަލް" އިން އުޅޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފަ އެވެ. ފަސްލައްކައެއްހާ މީހުންގެ ތެރޭގައި މިވަރުގެ ނުރައްކާތެރި މީހުން ތިބުމަކީ "ހުރިހާ އެންމެން މަރުވެފައި" ތިބުން ފަދަ ކަމެކެވެ.

މިހާ ނުރައްކާތެރި ވެއްޓެއްގެ ތެރެއިން މީހަކު މަރާލާ ކޮށްމެ ފަހަރަކު ސިޔާސީ ވެރީން ބައިބަޔަށް ނުކުންނަވާ އެ ގަތުލު ކުށްވެރި ކުރެ އެވެ. އަދި ގާތިލަށް ހައްގު އަދަބު ދޭން ގޮވާލަ އެވެ. އާންމު ރައްޔިތުން ވެސް ހަރުއަޑުން މައްސަލައަށް އިންސާފު ހޯދައިދީ ގާތިލަށް އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކާއި ވެރީންނަށް އިލްތި މާސް ކުރެއެވެ. ރާއްޖޭގައި މަރަށް މަރުުހުފަން ގޮވާލަ އެވެ.

އޮގަސްޓް 6 ގެ ގަތުލާއެކު ވެސް މިއޮތީ އެކަން ތަކުރާރުވެފަ އެވެ. މިހާރު ގާތިލަށް ހައްގު އަދަބު ދީ އެކަން ތަންފީޒު ކުރާ ގޮވާ ނުލައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަންޏެވެ. އެހެން އެހެންމެން އެދަނީ އަވަހަށް ހައްގު އަދަބު ތަންފީޒު ކުރާން ގޮވަމުންނެވެ.

ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިހާރުގެ ތޮބީއަތަކީ ސަރުކާރުތަކަށް ވުރެ ގޭންތަކުގެ ބާރު ގަދަވުމެވެ. އަދި ކެރިއާ ކްރިމިނަލުންގެ އެހީ ރާއްޖޭގެ ސިޔާސީ މީހުންގެ ބޭނުންތަކަށް ހޯދަމުން ގޮސް ހުރިހާ ވެރީން ގޭންތަކުގެ ދަށުވެފައި ތިބުމެވެ.

"މި ސަރުކާރަށް ހަތަރު އަހަރުވީ އިރު މި ސަރުކާރުގެ ހޯމް މިނިސްޓަރު ފަސް ފަހަރު ވިދާޅުވެއްޖެ މޮނިކޮން އޯޑާ ތަންފީޒު ކުރާނެ ކަމަށް. ޓެގް އަޅުވާނެ ކަމަށް. އެކަމަކު ނުވި. އެހެންވީ މައްސަލަ މި އުފެދެނީ ތަންފީޒު ކުރުމާ ހަމައިން އެހިސާބަށް ގޮސްފައި ހުއްޓެނީ ގޭންގުތަކުގެ ދަށުވެފައި ތިބުމުން" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގެ މީހަކު އުމުރަށް ޖަލަށްލާން ވެސް ހުކުމްކޮށް ފާނެ އެވެ،. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ ލުއިކޮށް ދޭނެ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އޭނާ މިނިވަން ވެގެން ނުކުމެ އެވެ. އެހެން ދިމާވަނީ ގޭންންތަކަށް ކޮންޓްރެކްޓް ދީގެން ސިޔާސީ މީހުން ބޭނުންތައް ހާސިލު ކުރަމުން ދާތީ އެވެ.

"އެހެންޏާ ދައުލަތަކަށް ވުރެ ރައްޔިތަކަށް ވުރެ ގޭންގޭއް ބާރު ގަދަވާނެ ގޮތަކީ ކޮބާ؟" އޭނާ ވިދާޅުވި އެވެ.

ހުޅަނގަށް ގޮން ޖެއްސެވުމަށް ފަހު ފާޅުގައި މަރަށް މަރުހިފާނެ ކަމަށް ވިދާޅުވަމުން ތައްޔާރީތައް ވެވަޑައިގެންނެވި ވެރިޔަކީ ރައީސް ޔާމީނެވެ. އެކަމަކު އެ މަނިކުފާނަށް ވެސް އެކަަން ކުރެއްވޭ ގޮތެއް ނުވީ ކަމެއް ކުރަން ކެރި ވަޑައި ނުގެން ވާހަކަ ދިގު ކުރެއްވީ ކަމެއް ސާފެއް ނޫނެވެ.

އިހަށް ދުވަހުގެ ގަތުލާމެދު ވިސްނާލާއިރިު މިއީ މި ފަހުން ރާއްޖެ ދުށް އެންމެ އަނިޔާވެރި ގަތުލެވެ. ބޮލާއި އަތާއި ފައި ބުރިކޮށް މީހަކު ގަތުލި ކަމެއް މި ފަހުގެ ތާރީހެއްގައި ފެންނާކަށް ނެތެވެ. ނަމަވެސް ބޮޑު ޖަރީމާތައް ނުހުއްޓުވި އެފަދަ ޖަރީމާތައް ހިންގި މީހުނަށް އަދަބު ތަންފީޒު ނުކުރެވި އެންމެ ފަހުން މި ދުވަސް ވެސް އައީ އެވެ.

މި ފަހަރުގެ ގަތުލާއެކު ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ރައީސް ވަހީދު ވަނީ ގާތިލަށް ހައްގު އަދަބު ދޭން ގޮވާލައްވާފަ އެވެ. ޕީޕީއެމުން ބަޔާނެއް ނެރެ ގޮވާލީ ވެސް ހައްގު އަދަބު ދޭށެވެ. ދީނީ އިލްމުވެރިޔާ، ރައީސް މައުމޫން ވިދާޅުވި ގޮތުގައި ގާތިލަށް ހައްގު އަދަބު ދިނުމަކީ އޮތް ގާނޫނީ ވާޖިބެކެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ ގަތުލު ހިންގުމުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ދޭން ޖެހެއެވެ.

ސިޔާސީ ބޭފުޅުން މި ގޮވާލާ ހައްގު އަދަބާ ދޭތެރޭ ވިސްނަން ޖެހެ އެވެ. ހައްގަކާއި ނުލައި ގަސްތުގައި މީހަކު މަރައިފިނަމަ އެ މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި މަރުގެ އަދަބެވެ. އެ މީހެއްގެ ކިބައިން ގިސޯސް ހިފުމެވެ.

ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށްވާއިރު މީހަކު މެރި މީހަކަށް އޮތް އަދަބަކީ ބަހުސެއް ބޭނުންވާ ކަމެއް ނޫނެވެ. އޮތީ މަރަށް މަރުހިފުމެވެ. ގާތިލުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމެވެ. ރާއްޖެއަކީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ނޫނީ ގާނޫނެއް ގަވާއިދެއް ހެދުން މަނާ ގައުމެކެވެ. އެ ފަދަ ކޮންމެ ގާނޫނެއް އަދި ގަވާއިދެއް އޮޓޮމެޓިކުން ބާތިލުވާ ގޮތަށް އޮތް ގައުމެކެވެ. މީހަކު މަަރައިފި މީހަކަށް އޮތީ ދީނުގައި ކަނޑައަޅުއްވާފައިވާ ހަމައިގެ ތެރެއިން މަރުގެ އަދަބު ދިނުމެވެ.

"ހައިރާންވާން ޖެހޭ ކަމަކީ ގާތިލުންނަށް ހައްގު އަދަބުދޭން ގޮވާލާ ސިޔާސީ ލީޑަރުންނަކީ އެ ލީޑަރުންގެ ސާފު ބަހުން މަރުގެ އަދަބާއި ދެކޮޅު ހައްދަވާފައިވާ ބޭފުޅުންނަށްވުން" މީހަކު ބުންޏެވެ.

އެފަދަ ސިޔާސީ ބޭފުޅުންނަކީ ޔޫރަޕާއި އެމެރިކާ ރުޅި އަންނާތީ ގިސޯސް ހިފަން ނުޖެހޭ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ. ހުޅަނގުގެ ރުހުން ގެއްލި އެ މީހުންގެ ފަރާތުން ލިބޭ ކަަމަށް ބުނާ މަންފާ ހުއްޓިދާނެތީ މަރަށް މަރު ހިފުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ދުނިޔެއަށް އިއުލާނު ކޮށްގެން ތިއްބެވި ބޭފުޅުންނެވެ. އެހެންވީމަ ގަތުލެއް އައުމުން ގާތިލަށް ހައްގު އަދަބު ދޭން ޖެހޭ ކަަމަށް ވިދާޅުވެ އެ ބޭފުޅުން މި ދައްކަވަނީ ކޮން ވާހަކަ އެއް ހެއްޔެވެ؟ ހަގީގަތަކީ އެއީ އެއްވެސް އިހުލާސްތެރި ކަމެއް ނެތް ދެއްކުންތެރި ކަމެކެވެ. ދޮގު ހަދާ މަކަރުވެރި ވެރިންތަކެކެވެ.

ރާއްޖޭގައި ގަތުލު ކުރުންތައް އާންމުވެ ދުވަހެއް ދުވަހަކަށް އެފަދަ އަމަލުތަކުގެ އަނިޔާވެރިކަން ބޮޑުވާއިރު ސިޔާސީ މީހުން އަދިވެސް ތިއްބެވީ ހައްގު އަދަބު ދިނުމަށް ގޮވާލުމުގެ މަތީގަ އެވެ. އެކަމަކު ހައްގު އަދަބު ކަމަށްވާ މަރުގެ އަދަބު ތަންފީޒު ކުރުމާއި ސާފު ބަހުން ދެކޮޅު ހައްދަވައިގެނެވެ. މިއަށް ވުރެ ބޮޑު މުނާފިގު ކަމެއް ކޮބައި ހެއްޔެވެ؟ މިއީ ގައުމާއި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ހިޔާނާތަކަށް ނުވޭ ހެއްޔެވެ؟ ހިޔާނަތަކީ ހަމައެކަނި އެމްއެމްޕީއާރްސީގެ ވަތްގަނޑު މުށްޖަހާފައި ފައި ވަގަށް ނެގުން އެކަނި ހެއްޔެވެ؟

ރާއްޖޭގައި މަރަށް މަރު ނުހިފައި ތިބުމަކީ އިސްލާމްދީނަށް ކުރާ ވަރަށް ބޮޑު ބޭއިހުތިރާމެކެވެ. މި ރާއްޖޭގައި މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވަން އޮތް ވަރަށް ބޮޑު ހުރަހެއް ވެސް މެއެވެ. ބިރެއް ޖެހިލުމެއް ނެތި އެފަދަ އަމަލުތައް ހިންގާ މީހުން ފާޅުވެ އެ އަމަލު ހިންގަނީ އެއްވެސް ވެރިޔަކަށް ރާއްޖޭގައި މަރުގެ އަދަބު ދޭން ނުކެރޭނެ ކަން ޔަގީންވާތީ އެވެ.

އަނެއްކޮޅުން މަރުގެ އަދަބު ދިނުމާއި ދެކޮޅު މި ދަނީ ހުޅަނގު ރުޅި އަތުވެދާނެތީ އެވެ. މަރުގެ އަދަބު ނެތް ކަމަށް ބުނާ ހުޅަނގުގެ ގައުމުތަކުގައި ވެސް މަރުގެ އަދަބު ދަނީ ތަންފީޒު ކުރަމުންނެވެ. ވޭތިވެދިޔަ ދިހަ ވަރަކަށް އަހަރަކަށް އެކަނި ބެލި ނަމަވެސް އެފަދަ ގައުމުތަކުގައި މަރުގެ އަދަބު ތަންފީޒު ކޮށްފައިވާ މީހުންގެ އަދަދު އެތައް ސަތޭކައަކުން ގުނެ އެވެ. އެހެންވީމަ މުސްލިމުންގެ ގޮތުގައި ތިބެ ސައްތައިން ސައްތަ މުސްލިމުން ރައްޔިތުންގެ މައްޗަށް އިސްކޮށްފައިވާ ވެރީން މަރުގެ ހުކުމާއި ދެކޮޅު އެ ހައްދަވަނީ ބާތިލް އަދި އަސާސެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާ ކޮށެވެ.

ދެރައީ ގަތުލެއް އައުމުން ގާތިލަށް ހައްގު އަދަބު ދޭން ގޮވުން ސިޔާސީ ވެރީން ހުއްޓާ ނުލާތީ އެވެ. އަދި އެ ލީޑަރުންގެ ދެކޮޅު ނުޖެހޭ ވާހަކަތަކަށް ރައްޔިތުން ހެއްލި އުންމީދެއްގައި ތިބޭތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.