ހަރަދު ބޮޑީ މަރުކަޒު ؛ ކަރަންޓު ބިލު ބޮޑީ ސަލްމާން

މި ދެ މިސްކިތަކީ ރާއްޖޭގައި މިހާރު ހުރި ހަމައެކަނި ދެ އިސްލާމިކް ސެންޓަރެވެ. ދެ މިސްކިތުގައި ވެސް ހާއްސަ ގިނަ ސިފަތަކެއް ހިމަނާފައި ވެ އެވެ. އިސްލާމީ މަރުކަޒާ ހިލާފަށް ސަލްމާން މިސްކިތަކީ ޒަމާނީ ކުލަވަރު ފެނިގެންދާ ޒަމާނީ މިސްކިތެވެ.

ރާއްޖޭގައި ހުރި އެންމެ ރީތި ދެ ބިނާ ކަމަށްވާ ސަލްމާން މިސްކިތާއި މަރުކަޒު

ރާއްޖޭގައި ހުރި އެންމެ ޔުނީކް ދެ އިމާރާތް މިހުރީ މާލޭގެ މެދުތެރެ އާއި އިރުމަތި ފަރާތުގަ އެވެ. އެއީ ރާއްޖޭގެ އިސްލާމީ ވަންތަކަން ދައްކުވައިދޭ އެންމެ ހައިބަތު ބޮޑު އެއް ބިނާ ކަމަށްވާ 1984 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބިނާ ކުރި ދިވެހި ގައުމީ ބަތޮލުގެ ނަމުން ނަން ދީފައިވާ މަސްޖިލުދުއް ސުލްތާން މުހައްމަދު ތަކުރުފާނުން އައުޒަމް ނުވަތަ އާއްމު ނަމުންނަމަ އިސްލާމީ މަރުކަރެވެ. 

އަނެއް ބިނާއަކީ ރައީސް މައުމޫންގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި ރީތި މިސްކިތެވެ. ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީރު ނުވަތަ ސަލްމާން ރަސްގެފާނުގެ ދީލަތި އެހީގައި އިމާރާތް ކުރި މި މިސްކިތް އަދި ނުހުޅުވަ އެވެ. ބޭނުން ކުރަން ފެށީ މިދިޔަ އަހަރު އެވެ. ނިމުނުތާ ތިން އަހަރުފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގައި މި މިސްކިތް ބޭނުން ކުރަން "ވަގުތީ ގޮތުން" ނެވެ. މި މިސްކިތް ހުޅުވަން ސައުދީން ޓީމެއް އަންނަ ކަމަށް އަޑު އެރުވިޔަސް މިސްކިތުގައި ނަމާދު ކުރަން ފެށީ ރަސްމީ ހުޅުވުވުމެއް ނެތި އެވެ. 

މި ދެ މިސްކިތަކީ ރާއްޖޭގައި މިހާރު ހުރި ހަމައެކަނި ދެ އިސްލާމިކް ސެންޓަރެވެ. ދެ މިސްކިތުގައި ވެސް ހާއްސަ ގިނަ ސިފަތަކެއް ހިމަނާފައި ވެ އެވެ. އިސްލާމީ މަރުކަޒާ ހިލާފަށް ސަލްމާން މިސްކިތަކީ ޒަމާނީ ކުލަވަރު ފެނިގެންދާ ޒަމާނީ މިސްކިތެވެ. މި ދެ މިސްކިތް ވެސް އެހައިމެ ފުރިހަމަ އެވެ. މި ދެ މިސްކިތްވެފައި ވަނީ ސަރުކާރުން އެތަން ބެލެހެއްޓުނަށް އެފަދަ ބިނާއަކަށް އެންމެ ބޮޑު ހަރަދު ކޮންމެ އަހަރަކުވެސް ކުރަން ޖެހޭ ދެ ތަނަށެވެ. އެހެންވެ ކަރަންޓަށް ކުރާނެ ހިނގާނެ ހަރަދެއް ވެސް އޮންނާނެ އެވެ. ފެނަށް ހޭދަވާ ހަރަދަކާއި މިންވަރެއް ވެސް ވާނެ އެވެ. 

ސަލްމާން މިސްކިތް - މަރުކަޒު އަޅާ ކިޔާނަމަ ބަލަހައްޓަން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ކޮން ކަމަކަށް ހެއްޔެވެ؟ 

އިސްލާމިކް މިނިސްޓްރީން "މި" ނޫހަށް ދީފައިވާ ދެ މިސްކިތުގެ ހަރަދުގެ މައުލޫމާތު ތަކަށް ބަލާއިރު މި ބޮޑު ދެ ބިނާ ބަލަހައްޓަން ހިނގާ ހަރަދުން ޝައުގުވެރި ވާހަކަ ތަކެއް ކިޔައިދެ އެވެ. ހިސާބު ނަމްބަރުން ހިމެނޭ މި ވާހަކަތަކަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް މީހަކު ހީވެސް ނުކޮށް ހުރި ވާހަކަ ތަކަށް ވުން ކައިރި އެވެ.

ބޮޑު ދެ މިސްކިތުގެ ސިފަތަކާއި ފުލް ސްޓޯރީ

ސަލްމާން މިސްކިތް - 10،000 މީހުންގެ މިސްކިތެއް

  •  މިސްކިތް ސައުދީގެ ރަސްގެފާނުގެ ހަދިޔާއެއް
  •  ރާއްޖޭގައި ހެދި ދެވަނަ އިސްލާމީ މަރުކަޒު
  •  މިސްކިތުގައި 300 މީހުންގެ އޮޑިޓޯރިއަމްއެއް
  •  ގުރުއާނާ ބެހޭ މަރުކަޒު ހުންނަނީ މި މިސްކިތުގައި
  •  މުޅި މިސްކިތް އެއްކޮށް އޭސީކޮށްފައި
  •  މިސްކިތު ތެރޭގައި ޖާގަ 6،000
  •  ގޯތިތެރެއާއެއްކޮށް ޖުމުލަ ޖާގަ 10،000
  •  މިސްކިތް ބިނާ ކުރީ 24.95 މިލިއަން ޑޮލަރުން
ސަލްމާން މިސްކިތާއި މަރުކަޒަށް ކުރާ ހަރަދުތައް

ސަލްމާން މިސްކިތަކީ ޒަމާނީ ސައުންޑް ސިސްޓަމްއަކާއެކު 300 މީހުންގެ ފުރިހަމަ ޖަލްސާ މާލަމެއް ވެސް ހުރި ބިނާ އެވެ. ނަމަވެސް މި ސަރުކާރުން ސަލްމާން މިސްކިތަށް މާބޮޑު އަޅާލުމެއް ބަހައްޓާތަނެއް ނުފެނެ އެވެ. މިތަނުގެ ވަސީލްތަކުގެ ބޭނުން ވެސް އެކަށީގެންވާ ގޮތެއްގައި ކުރަމަކުން ވެސް ނުދެ އެވެ. މާބޮޑު އަޅާލުމެއް ވެސް ނޯވެ އެވެ. ކުޑަ މިސާލަކީ މިތަނުގެ އެއާ ކޮންޑިޝަން ސިސްޓަމް ސާވިސް ނުކޮށް ގިނަ ދުވަސް ވެގެން ދާދި ފަހުން ވަނީ ބޮޑު މަރާމާތެއް ވެސް ކުރަން ޖެހިފަ އެވެ. މޫދު ކައިރީގައި ހުރި މި މިސްކިތުގެ އެއާކޮންޑިޝަން ސިސްޓަމްގެ ހަލާކުވުމުން ކަމަށް ސަރުކާރުން ބުނެފައި ވަނީ ހަލާކުވީ ލޮނުގެ އަސަރު ކޮށްގެންނެވެ. އަދި މިސްކިތުގެ ސައުޑް ސިސްޓަމްގެ އަޑުވެސް ނުކެނޑޭ ދުވަހެއް ނުދެ އެވެ. ބޭރަށްވެސް އަޑުއި ވެނީ އާދައިގެ ކުޑަ މިސްކިތަކުން އިވޭހާ މަޑުކޮށެވެ. މި މައްސަލަ ވެސް ސަރުކާރުން އަޅުވަނީ މޫދުން ބުރުއްސާ ލޮނާ އެވެ. 

އިސްލާމީ މަރުކަޒު - 4،500 މީހުންގެ ޖާގަ

  •  އިސްލާމީ ގިނަ ގައުމުތަކެއްގެ އެހީގެ ރަމްޒެއް
  •  އެންމެ ބޮޑު އެހީ ބުރުނާއީ ސައުދީގެ ރަސްގެފާނު
  •  މަސައްކަތް ފެށީ 11 ނޮވެމްބަރު 1982
  •  އިސްލާމީ ބިނާ ހުޅުވީ 11 ނޮވެމްބަރު 1984
  •  ރާއްޖޭގައި އޭރު ހެދި އެންމެ ފުރިހަމަ އުސް ބިނާ
  •  އިސްލާމިކް މިނިސްޓްރީ ހުންނަ އިމާރާތް

މަރުކަޒުގެ ހަރަދު 37 ޕަސެންޓް ބޮޑު

މިދިޔަ އަހަރު ދެ މިސްކިތް ބަހަލައްޓަން ޖުމުލަ 11 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އިސްލާމީ މަރުކަޒަށް މިދިޔަ އަހަރު ޖުމްލަ 7.1 މިލިއަން ރުފިޔާ ވަނީ ހަަރަދުވެފަ އެވެ. އަދި ސަލްމާން މިސްކިތަށް 4.8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ދެ މިސްކިތް އަޅާ ކިޔާނަމަ ޖުމުލަ ހަރަދު ބޮޑީ މަރުކަޒުގެ އެވެ. އެ މިސްކިތުގެ ޖުމްލަ ހަރަދު 37 ޕަސެންޓް ސަލްމާން މިސްކިތަށްވުރެ ބޮޑެވެ. މިހެންވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އިސްލާމީ މަރުކަޒުގައި ސަރުކާރުގެ މިނިސްޓްރީއެއް ހިންގަމުން ދިއުމުން ކަމަށްވުން ގާތެވެ. 

ޖުމުލަ ހަރަދު ބޮޑު މަރުކަޒުގައި ބޮޑު ނަމަވެސް ވަކިވަކި ބައިތަކަށް ބަލާނަމަ ހަރަދު ބޮޑީ ސަލްމާން މިސްކިތުގެ އެވެ. އެންމެ ޒަމާނީ ކޮންޕިއުޓިރައިޒް އޭސީ ސިސްޓަމެއް ގާއިމް ކޮށްފައިވާ ސަލްމާން މިސްކިތުގެ ކަރަންޓު ބިލް މަރުކަޒަށްވުރެ އެތައް ގުނައެއް ބޮޑުކަން ފާހަގަ ކުރެ އެވެ. 

  •  ސަލްމާން ކަރަންޓު ބިލް: 3.5 މިލިއަން
  •  މަރުކަޒު ކަރަންޓު ބިލް: 1.4 މިލިއަން

ކަރަންޓަށް ސަލްމާން މިސްކިތަށް ބޮޑު އަދަދެއް ހަރަދުވި ނަމަވެސް ފެން ބިލަށް ކުރާ ހަރަދު މަރުކަޒުގައި 200 ޕަސެންޓް ސަލްމާން މިސްކިތަށްވުރެ ބޮޑެވެ. މިދިޔަ އަހަރު އިސްލާމީ މަރުކަޒުން ފެން ބިލަށް ހަތަރު މިލިއަން ހަރަދު ކޮށްފައިވާއިރު ސަލްމާން މިސްކިތުގެ ފެން ބިލްގެ ނަމްބަރަކީ 284،319 ރުފިޔާ އެވެ. 

ދެ މިސްކިތުގެ އެހެނިހެން ހަރަދުތައް

ސަލްމާން މިސްކިތް

  • 1.އޮފީސް ހިންގުމަށް ތަކެތި ހޯދަން -- 40،260.92ރ.
  • 2.އޮފީސް ހިންގުމުގެ ހިދުމަތް -- 44،200ރ.
  • 3.މަރާމާތު ކުރުމަށް -- 916،677ރ.
  • 4.ހަރު މުދާ ހޯދުމަށް 53،244 ރ.

އިސްލާމީ މަރުކަޒު

  • 1.އޮފީސް ހިންގުމަށް ތަކެތި ހޯދަން -- 786،650ރ.
  • 2.އޮފީސް ހިންގުމުގެ ހިދުމަތް -- 196،426
  • 3.މަރާމާތު ކުރުމަށް -- 526،683ރ.
  • 4.ހަރު މުދާ ހޯދުމަށް -- 128،343ރ.

ދެ މިސްކިތުގަ ޖުމުލަ 53 މުވައްޒަފުން

ދެ މިސްކިތް ބަލަހައްޓަން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެ އެވެ. ކޮންމެ މިސްކިތެއްގައި ވެސް ބަންގި ގޮވާ ނަމާދު ކުރަން ދެ އިމާމުން ތިއްބަވަ އެވެ. އަދި މަރުކަޒާއި ސަލްމާން ބަލަހައްޓަން ޖުމުލަ 53 މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އިސްލާމީ މަރުކަޒުގައި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ނުވަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެ އިތުރުން މަސައްކަތު މީހުންގެ ގޮތުގައި 31 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި ސަލްމާން މިސްކިތުގައި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަތަރު މީހުން ތިއްބަވާއިރު މަސައްކަތު މީހުންގެ ގޮތުގައި 9 މުވައްޒަފުން ތިބެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.