ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދަން ގިރާވަރު ފަޅުގައި "ރެސިޑެންޝަލް ސިޓީއެއް" އެއް ހަދަން ވަނީ ރައީސްގެ ގަރާރަކުން އަންގާފަ އެވެ.
މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި ދިިރި އުޅޭ މީހުނަށް ހަދާ އާ ސިޓީ ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން ވިއްކާލި ނ. އަތޮޅުގެ ދެ ފަޅު ބައްލަވައިގަތީ އިނގިރޭސި ފުޓްބޯޅަ ކްލަބު ޗެލްސީގެ ކުރީގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް ކަން "މި" ނޫހަށް ކަށަވަރު ވެފައި ވެއެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހިންގާ ތަރައްގީ ކުރަން ނިންމާފައިވާ ގިރާވަރު ފަޅު ރެސިޑެންޝަލް ސިޓީ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން ވިއްކާލާފައި ވަނީ ނުވަތަ ސަރުކާރުން ކިޔާ ގޮތުންނަމަ ކުއްޔަށް ދީފައި ވަނީ ނ. ދިގުފަރު ފަޅާއި އެ ފަޅާއި ކައިރީގައި އޮންނަ ފެކެނަންފަރެވެ.
މި ދެ ފަޅު ގަންނަން "ފޭސް" އެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ޔަންކީ ރޮބަޓް ގައިނާޑާ ނަމަކަށް ކިޔާ ސުވިޒަލޭންޑުގެ ރައްޔިތެކެވެ. ނަމަވެސް "މި" ނޫހަށް އެނގިފައިވާ ގޮތުގައި މި ފަޅު ބައްލަވައިގަތް ހަގީގީ އޯނަރަކީ ރަޝިއާގެ ބިލިއަނަރު، ޗެލްސީގެ ކުރީގެ އޯނަރު ރޯމަން އަބްރޮމޮވިޗް އެވެ.
މި ދެ ފަޅު ވިއްކާލާފައި ވަނީ 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ފަޅު ގަންނަން ހަރަދު ކުރި 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އާއި ފަޅުގެ ލީސް އެކްސްޓެންޝަން ފީގެ ގޮތުގައި ދެއްކި ފަސް މިލިއަން ޑޮލަރެވެ. ފަޅުގެ މުއާމަލުގެ ކަރުދާހު މަސައްކަތްތައް އެއްކޮށް ނިމުމާއެކު ފައިސާ ދައްކަން ޖެހޭ ދެ މަސް ހަމަވުމުގެ މާ ކުރީގައި އެ ފައިސާ ވަނީ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި މި ދެ ފަޅު ގަތް ކަމަށް ލިޔެކިއުންތަކުން ފެންނަ ރޮބަޓް ގައިނާޑާއަކީ ރާއްޖޭގައި މީގެ ކުރިން އެއްވެސް ވަރެއްގެ އިންވެސްޓްމަންޓެއް ކޮށްފައިވާ މީހެއް ނޫނެވެ. އޭނާއަކީ މިފަދަ މުއާމަލާތެއް ކުރުމުގެ މާލީ ގާބިލުކަން ހުރި މީހެއް ވެސް ނޫނެވެ. އެކަން "މި" ނޫހަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފަ އެވެ.
މި ފަޅުގެ މުއާމަލާތް ދިވެހި ސަރުކާރާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ރާއްޖޭން ބޭރުގެ ލޯޔަރުންތަކެވެ. މި ޓީމުގައި ދިވެހިންގެ ބައެއް ފަރާތްތައް ވެސް ހިމެނޭކަން "މި" ނޫހަށް އެނގިފައިވެ އެވެ. ވަރަށް ބޮޑު މި މުއާމަލާތުގައި މެދުވެރިއެއްގެ ގޮތުގައި ކަރުދާހުން ފެންނަ ރޮބަޓް ގައިނާޑާ ވަނީ މި ފަޅުގެ ގަތުމުގެ މުއާމަލާތް ކުރުމަށް އެތައް ފަހަރެއްގެ މަތިން ރައީސް އޮފީހާއި އިކޮނޮމިކް މިނިސްޓްރީގެ އެކި ބައްދަލުވުން ތަކުގައި ބައިވެރިވެފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލުންގެ ފަރާތުން "މި" ނޫހަށް އެނގިފައިވާ ގޮތުގައި ވެސް މި ފަޅުތައް ބައްލަވައިގަތީ ރޯމަން އަބްރޮމޮވިޗެވެ. އޭނާއަކީ ރަޝިއާއިން މިދިއަ އަހަރު ޔޫކްރޭނަށް އަރައިގަނެ ހަމަލާ ދިނުމާ ގުޅިގެން ހުޅަނގުގެ "ކަޅު ލިސްޓު" ގައި ހިމަނައި ދަތި ކުރުމުގެ ފިޔަވަޅުތައް އެޅި އަދި އޭގެ ސަބަބުން ޗެލްސީ ވިއްކާލަން މަޖުބޫރުވި ރަޝިއާގެ އެންމެ އިސް ބިލިއަނަރެވެ.
އޭނާގެ ޔޮޓްތަކުގެ އެއް ސުޕަ ޔޮޓް އަބަދު ވެސް ރާއްޖެ ސަރަހައްދުގައި އޮވެ އެވެ. އެ ޔޮޓުގައި އޭނާ ޗުއްޓީ ހޭދަ ކުރައްވަން ރާއްޖެ ވަޑައިގަތުން އާއްމު ކަމަކަށް ހައްދަވާފައިވެ އެވެ.
ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދަން ގިރާވަރު ފަޅުގައި "ރެސިޑެންޝަލް ސިޓީއެއް" އެއް ހަދަން ވަނީ ރައީސްގެ ގަރާރަކުން އަންގާފަ އެވެ.
އެ އެންގުން ތަންފީޒު ކުރަން ހަވާލުވެފައި ވަނީ ސަރުކާރު ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ.
ގިރާވަރު ފަޅު، "ރެސިޑެންޝަލް ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ސޯލިހު ނެރުވާފައިވާ ގަރާރުގައި، އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ދައުލަތުގެ މަންފާއަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުން ހިމަނާފައިވެ އެވެ.
މި މަޝްރޫއު އަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ ކަމަށް ވެސް ކަނޑައަޅުއްވާފައި ވެއެވެ.