މިކަމުގެ ހަގީގަތް ބަލައި، ޖިނާއީ އަމަލެއް އެކުލެވޭނަމަ އަވަސް ފިޔަވަޅެއް އެޅުމަށް އިމްތިޔާޒް އެދިވަޑައިގެންފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަނެއްކާވެސް ހަމަލާއެއް ދޭން އުޅޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެކަން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އިމްތިޔާސްގެ ފަރާތްޕުޅުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އެފަދަ ރޭވުމެއް ރާވަމުންދާ ކަމަށް ޝައްކު ކުރެވެނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ މައްޗަށް ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް މީގެ ކުރިން ހަމަލާއެއް ދިނީ އެފަދަ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ކަމަށެވެ. އެފަދަ ހަމަލާއެއް ދިނުމުން ސެކިއުރިޓީ ވަރުގަދަ ކުރި ނަމަވެސް، ސެކިއިރިޓީ ދަށްކުރުމަށް ބާރުއަޅައި މި ދެ މެމްބަރުން އެކި ފޯރަމް ތަކުގައި ވާހަކަފުޅު ދައްކަވަމުން އަންނަ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
ސަރުކާރާ ގާތްގުޅުމެއް އޮންނަ ނުފޫޒުގަދަ މި ދެ މެމްބަރުން މަތީ ދަރަޖައަކަށް ރައީސް ނަޝީދާމެދު ރުޅިވެރިކަން އޮންނަ ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ. ހަށިކޮޅަށް ނުރައްކާ އޮތް ބޭފުޅެއްގެ ސެކިއުރިޓީ ދަށްކުރަން ތަކުރާރުކޮށް ވާހަކަފުޅުދައްކަވަނީ ސެކިއުރިޓީ ދަށްކޮށް، އެމަނިކުފާނުގެ ފުރާނައަށް ނުރައްކަލަކަށް ހުށަހެޅުމުގެ މަގުފަހި ކުރުމުގެ ގޮތުން ކަމަށް އިމްތިޔާޒް ތުހުމަތު ކުރައްވާފައިވެ އެވެ.
"މިއީ ރައީސް ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބައި ނިޔަތެއްގައި ހީލަތްތެރިކަމާއެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރަރިޒަމުގެ ކުށެއްގެ އަމަލު ހިންގުމަށް ތައްޔާރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް،" އިމްތިޔާޒް ފުލުހުންނަށް ހުށަހެޅި ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.
މިކަމުގެ ހަގީގަތް ބަލައި، ޖިނާއީ އަމަލެއް އެކުލެވޭނަމަ އަވަސް ފިޔަވަޅެއް އެޅުމަށް އިމްތިޔާޒް އެދިވަޑައިގެންފައިވެ އެވެ.
މޭ 6، 2021 ގައި ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި އަދިވެސް އެމަނިކުފާނަށް އިންސާފުލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.
ނަޝީދަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަމުން ދާތީ އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުން ދަނީ އެކަމަށް ފާޑުވިދާޅުވެ އެހަރަދު ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގައި ގޮވައިލަމުންނެވެ. އެގޮތުން ހަމަލާއަށްފަހު ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތުމުން އެތަނުގައި ގަނޑުވަރެއް ބިނާކޮށްދީފައިވާ ކަމަށާއި، ސެކިއުރިޓީއަށް ބޮޑު ހޭދައެއް ކުރައްވާ ކަމަށް އަނދުން ހުސެއިން ވަނީ ވިދާޅުވެފަ އެވެ.
އެއީ ހަމަލާއެއް ދިނުމަށް ހިތްވަރު ދިނުމުގެ ގޮތުން ދައްކާ ވާހަކައެއް ކަމަށް އިމްތިޔާޒް އިއްޔެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.