ރަމަޟާންމަހުގެ ރޯދައިގެ އަޅުކަން ނިމުމާ ވިދިގެން އަންނަ މިޢީދަށް ފިޠުރު ޢީދޭ ނަންދެވިފައިވަނީ ރޯދައިގެ އަޅުކަން ނިމިގެން އަންނަ ޢީދެއްކަމުގައި ވާތީއެވެ.
އިސްލާމް ދީނުގައި މުސްލިމުންނަށްޓަކައި ލައްވާފައިވަނީ ދެ ޢީދެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ. ފިޠުރު ޢީދު ދުވަހަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަހެވެ.
ރަމަޟާންމަހުގެ ރޯދައިގެ އަޅުކަން ނިމުމާ ވިދިގެން އަންނަ މިޢީދަށް ފިޠުރު ޢީދޭ ނަންދެވިފައިވަނީ ރޯދައިގެ އަޅުކަން ނިމިގެން އަންނަ ޢީދެއްކަމުގައި ވާތީއެވެ. ދެ ޢީދު ދެ ދުވަހާ ގުޅިފައިވާ ސުންނަތްތަކެއްވެއެވެ. މި ލިޔުމުގައި މި ބަލާލަނީ ޢީދުގެ ސުންނަތްތަކުގެ މައްޗަށެވެ.
ޢީދުގެ ތަހުނިޔާ ކިޔުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ކުރައްވާފައިވާ ކަމެކެވެ. އެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކާ ބައްދަލު ވުމުން މިފަދައިން ވިދާޅުވެއެވެ. "تَقَبَّلَ اللهُ مِنَّا وَمِنْكَ" މާނައީ: "ތިމަންމެނާ އަދި ތިބާގެ ފަރާތުން (ހެޔޮ ޢަމަލުތައް) މާތް ﷲ ޤަބޫލު ކުރައްވާނދޭވެ!" ވިމާ ޢީދު ދުވަހުގެ އުފާ ފާޅުކުރުމުގެ ތެރެއިން ހިމެނޭ އެއްކަމަކީ ތަހުނިޔާ ކިޔުމާއި ހެޔޮ ދުޢާކުރުމެވެ.
ޢީދު ނަމާދަށް ދިޔުމުގެ ކުރިން ފެންވަރައި ރީތިވެ، ރީތި ހެދުމެއްލުން ސުންނަތްވެގެންވެއެވެ. ނާފިޢު رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ.
ޢިބްނު ޢުމަރު رضي الله عنهما ފިޠުރު ޢީދު ދުވަހު ޢީދު ނަމާދަށް ވަޑައިގަތުމުގެ ކުރީގައި ނާނޭފުޅުފިއްލަވައެވެ. (އެބަހީ: ހިނައިވަޑައިގަނެއެވެ.)" އަދި އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނު މަޝްހޫރު ސީރަތު ފޮތް "ޒާދުލް މަޢާދު" ގައި ވިދާޅުވެފައިވެއެވެ. "އިބްނު ޢުމަރު رضي الله عنهما އަކީ ސުންނަތަށް ތަބާވުމަށް ގަދައަޅާ މަސައްކަތްކުރައްވާ ބޭކަލެކެވެ.
އެކަލޭގެފާނު ފިޠުރު ޢީދު ދުވަހު ޢީދު ނަމާދަށް ވަޑައިގަތުމުގެ ކުރީގާ ނާނޭފުޅުފިއްލަވައެވެ." އަދި ހަމައެފަދައިން، އެކަލޭގެފާނު ޢީދު ނަމާދަށް ވަޑައިގަންނަވާއިރު، އަތްޕުޅުގައި އޮންނަ އެންމެ ރީތި ހެދުން ތުރުކުރައްވާކަމުގައިވެސް ރިވާވެގެންވެއެވެ.
މާތް ﷲ ރުއްސުންލެވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވާ މިދެ އަޘަރުންވެސް ދަލީލުކުރަނީ ޢީދު ދުވަހު ފެންވަރައި ރީތި ހެދުންލާ ހެދުމަކީ މުސްތަޙައްބު ކަމެއް ކަމުގައެވެ.
އަނަސް رضي الله عنه ވިދާޅުވެފައިވެއެވެ. "كَان رَسُول اللهِ لاَ يَغْدُو يَوم الفِطْرِ حَتّى يَأْكُل تَمْرَاتٍ ، ويَأْكُلْهُنّ وِتْراً" މާނައީ: "ރަސޫލުއް ﷲ صلى الله عليه وسلم ފިޠުރު ޢީދު ދުވަހުގައި ޢީދު ނަމާދަށް ވަޑައިގަތުމުގެ ކުރީގައި ކަދު ފަރިއްކުޅުވައެވެ. އެކަލޭގެފާނު ކަދުރު ފަރިއްކުޅުއްވަނީ އޮނަހިރި ޢަދަދަކުންނެވެ." އެބަހީ: ތިން އޮށް ކަދުރު ނުވަތަ ފަސްއޮށް ކަދުރު މިފަދައިން އޮނަހިރި ޢަދަދަކަށް ކަދުރު ފަރިއްކުޅުވުމަށްފަހުގައި މެނުވީ ޢީދު ނަމާދަށް އެކަލޭގެފާނު ވަޑައިނުގަންނަވައެވެ. މިކަމުގެ ޙިކުމަތަކީ، އެދުވަހު ރޯދަ ނުހިއްޕަވާކަން ހާމަކޮށްދެއްވުން ކަމުގައިވެސް ދަންނަބޭކަލުން ވިދާޅުވެއެވެ.
ޝައްވާލުމަހުގެ ހަނދު ފެނުނީއްސުރެ، ނުވަތަ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ ޢީދު ނަމާދު ނިމެންދެން ތަކްބީރު ކިޔުން ސުންނަތްވެގެން ވެއެވެ. އަދި ވަކީން ޚާއްޞަކޮށް ޢީދު ނަމާދަށް ދާ މަގުމަތީގައި ފިރިހެނުން އަޑުހަރުކޮށް ތަކްބީރު ކިޔުން ސުންނަތް ވެގެންވެއެވެ. އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. أَنّ رَسُولُ اللهِ كَان يُكَبّرُ يَوم الفِطْرِ مِن حَيْثُ يَخْرُجُ مِن بَيْتِه حَتّى يَأتِي المُصَّلَى" މާނައީ: "ޢީދު ނަމާދަށް މާތް ނަބިއްޔާ صلى الله عليه وسلم ނިކުމެވަޑިއިގެންނެވީއްސުރެ ނަމާދު ކުރާ މުޞައްލަ އާއި ހަމައަށް ވަޑައިގެންނެވެންދެން ތަކްބީރު ވިދާޅުވެއެވެ."
މިޒަމާނުގައި ވަޅުޖެހިފައިވާ މި ސުންނަތް ދިރުވުމަކީ ކޮންމެހެން ކުރުން މުހިންމުކަމެކެވެ.
ޢީދު ނަމާދަށް ދިޔުމުގައި ހިނގާފައި ދިޔުމާއި، މިސްކިތަށް ދާ މަގާއި އެނބުރި އަންނަ މަގު ތަފާތު ކުރުން ސުންނަތްވެގެންވެއެވެ.
ޢީދު ނަމާދަށް ހިނގާފައި ދިޔުން ސުންނަތްވެގެންވެއެވެ. ޢަލީ رضي الله عنه ވިދާޅުވެފައިވެއެވެ. "مِن السُّنةِ أَنْ يَخْرُج إِلى العِيدِ مَاشِياً" (أخرجه الترمذي) "ހިނގާފައި ޢީދު ނަމާދު ކުރާ މުޞައްލަ އަށް ދިޔުން ސުންނަތްވެގެންވެއެވެ."
ހަމައެފަދައިން ޢީދު ނަމާދަށް ދިޔަ މަގު ނޫން އެހެން މަގަކުން އެނބުރިއައުންވެސް ސުންނަތްވެގެންވެއެވެ. ޖާބިރު رضي الله عنه ވިދާޅުވެފައިވެއެވެ. "ކީރިތި ރަސޫލާ صلى الله عليه وسلم ޢީދު ދުވަހުގައި އެކަލޭގެފާނު ނަމާދަށް ވަޑައިގަންނަވާ މަގާއި، އެނބުރި ވަޑައިގަންނަވާ މަގު ތަފާތު ކުރައްވައެވެ." މިކަމުގެ ޙިކުމަތަކީ ގިނަ ބަޔަކާ ބައްދަލުވެ ސަލާން ގަލާން ކުރެއްވުންކަމުގައިވެސް ދަންނަބޭކަލުން ވިދާޅުވެއެވެ.
ޢީދު ނަމާދު ކުރުން ސުންނަތްވެގެންވަނީ ހުސް މައިދާނަކަށް ނުކުމެ އެތާނގައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޢީދު ނަމާދު ކުރައްވާފައިވަނީ މުޞައްލައިގައެވެ. މުޞައްލައަކީ މިސްކިތް ފިޔަވައި ނަމާދު ކުރާތަންތަނަށް ޢަރަބި ބަހުގައި ކިޔާ ނަމެކެވެ. އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހިވަސައްލަމް ފިޠުރު ޢީދުގަޔާއި އަޟްޙާ ޢީދުގައި މުޞައްލަ އަށް ނިކުމެވަޑައިގަންނަވައެވެ. އަދި އެންމެ ފުރަތަމަ އެކަލޭގެފާނު ކުރައްވާކަމަކީ ޢީދު ނަމާދު ކުރެއްވުމެވެ."
އަލްޙާފިޠު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. "އެކަލޭގެފާނު ޢީދު ނަމާދު ކުރެއްވުމަށް ނުކުމެވަޑައިގެންނެވި ތަނަކީ އެންމެން ދަންނަ ތަނެކެވެ. އެ ހިސާބަކީ މަސްޖިދުއް ނަބަވީގެ ދޮރުކޮޅާއި އެ ހުސްބިމާ ދެމެދުގާ ގާތް ގަނޑަކަށް އެއްހާސް ޒިރާޢުގެ ދުރުމިންހުންނަ މައިދާނެކެވެ."
އުއްމު ޢަޠިއްޔާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "أُمِرْنا أَنْ نَخْرُجَ، فنُخْرِجُ الحُيَّض وَالعَواتِقُ وَذَوَاتُ الخُدُورِ. فَأمَّا الحُيَّض فَيَشْهَدْنَ جَمَاعَة المُسْلِمِين وَدَعْوَتَهُم، وَيَعْتَزِلْنَ مُصَلاَهُم " (أخرجه البخاري ومسلم) މާނައީ: "ތިމަންމެނަށް ޢީދު ނަމާދަށް ދިޔުމަށް މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހިވަސައްލަމް އަމުރު ކުރައްވައެވެ. އަދި ތިމަންމެންގެ ތެރެއިން ޙައިޟުވެރީންނާއި، ޒުވާން އަންހެންކުދީންވެސް ޢީދަށް ދިޔުމަށް އަމުރު ކުރައްވައެވެ. އޭގެތެރެއިން ޙައިޟުވެރީން ނަމާދުކުރާ ތަނާ ދުރުގައި ތިބެ، އެ މުޞައްލައިގައި ކުރެވޭ ދުޢާތަކާއި ހެޔޮ ބަސްތައް އަޑުއެހުމަށް އެއްކައިރީގައި ތިބެއެވެ."
ޢީދަކީ މުސްލިމުން އުފާފާޅުކޮށް ތަހުނިޔާ ބަދަލު ކުރުމުގެ ދުވަހަށްވީހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީކުރައްވާފައިވާ އެއްވެސް ޢަމަލަކަށް އަރައި ނުގަތުމަށާއި، ޝަރުޢީގޮތުން ޙަރާމްކަމެއް އުފާ ފާޅުކުރުމުގެ ތެރޭގައިވެސް ނުކުރުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.