ސަރުކާރުން ބުނަނީ މިހާރު އޮތް މައްސަލައަށް ހައްލު ލިބޭ ގޮތަށް މިދިޔަ މަހު ރައްޔިތުން މަޖިލީހަށް އިސްލާހެއް ވައްދާފައި ވާނެ ކަމަށެވެ. އަދު އެ އިސްލާހު ފާސްވުމުން ދިމާވެފައިވާ ކޮތަޅު ތަކުލީފަށް ހައްލު ލިބިގެން ދާނެ އެވެ.
ކޮތަޅުން ދެ ރުފިޔާގެ ޓެކުސް ނަގަން މިއަދު ފެށުމާއެކު ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެންމެ ބޮޑު މައްސަލައެއް ދިމާވީ ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑިއެއް ގަތަސް ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ދައްކަން ޖެހުމެވެ. މި މައްސަލަ ހޫނުވުމާއެކު ސަރުކާރުން މިވަނީ މި މައްސަލަ ނުކުތް ސަބަބު ކިޔައިދީފަ އެވެ. ސަރުކާރުގެ ވާހަކައަކީ މި މައްސަލަ ގޯސްވީ ރައްޔިތުންގެ މަޖިލީހުން މި ޓެކްސް ނެގުމުގެ އިސްލާހު ގެނައި ބިލަށް ފޮނުވި އިސްލާހެއް އުނި ކުރުންނެވެ.
މިނިސްޓްރީ އޮފް އެންވަޔަރުމަންޓް ކްލައިނެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮތަޅު ޓެކުހުގެ ތަކުލީފަކަށް ވެގެން ގޮސްފައިވަނީ އާއްމު ގޮތެއްގައި ކޮތަޅު ބޮނޑިއެއް ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮތަޅުން ދެ ރުފިޔާގެ ޓެކުހެއް ދައްކަން ޖެހި ކޮތަޅު ބޮނޑިއެއް 200ރ. އަށް އަގު އެރުމެވެ.
"ކުނި މެނޭޖު ކުރުމުގެ ގާނޫނު ސަރުކާރުން މަޖިލީހަށް ފޮނުވިއިރު ޕްލާސްޓިކް ކޮތަޅުން ފީނެގުން އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑި ވާނީ ހިމަނާފަ އެވެ. ނަމަވެސް ކުނި މެނޭޖް ކުރުމުގެ ބިލް ފާސް ވެގެން އައިއިރު އެ މާއްދާ ވަނީ އުނި ކޮށްފަ އެވެ. އެ މާއްދާ އުނި ކޮށްފައިވީ ނަމަވެސް މި ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދޭން މުހިންމު ބިލަކަށް ވާތީ ސަރުކާރުން ނިންމީ ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރިހާ މައްސަލަތަކަށް އިސްލާހުތައް ވަކިން ހުށަހެޅުމަށެވެ،" ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މިހާރުގެ މައްސަލައަށް ހައްލު ލިބޭ ގޮތަށް މިދިޔަ މަހު ރައްޔިތުން މަޖިލީހަށް އިސްލާހެއް ވައްދާފައި ވާނެ ކަމަށެވެ. އެ އިސްލާހު ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލަ އަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
ތިމާވެށީގެ މިނިސްޓްރީން ވަނީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމީ އާއްމު ދިރިއުޅުމުގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރުމަށެވެ. އަދި މިކަމުގައި އާއްމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި އެދިފައިވެ އެވެ.