"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް ނާސިރާއި ރައީސް މައުމޫންވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައި ދަންނަވަން،"
ވެރިކަން ލިބިވަޑައިގެންފިނަމަ ހާރިޖީ ސިޔާސަތަކަށް ހައްދަވާނީ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން ގެންގުޅުއްވި ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމް ވަނީ ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ. އެމަނިކުފާނުގެ ޝަރުތު ފުރިހަމަ ކަމަށް ނިންމާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް އެރުވުމަށް ޕާޓީގެ ކައުންސިލުންވެސް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާނެ ކަން ގާސިމް އިއުލާނު ކުރެއްވި ނަމަވެސް ރަސްމީކޮށް ކެމްޕެއިން ފަށާނެ ތާރީހެއް އަދި ނެތެވެ. މިވަގުތު ހިނގަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކެވެ.
ނަމަވެސް ގާސިމް މިރޭ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު ގެންގުޅުއްވާނެ ގޮތް ހިއްސާ ކުރައްވާފައެވެ. ޓްވީޓެއް ކުރައްވާ ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހިރާއްްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްވެސް ގެންގުޅުއްވި ސިޔާސަތު ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް ނާސިރާއި ރައީސް މައުމޫންވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައި ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.
ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި އެންމެ ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވީ މައުމޫނެވެ. މައުމޫންގެ 30 އަހަރު ގެންގުޅުއްވީ ވަކި ފަރާތަކަށް ނުޖެހޭ ހުރިހާ ގައުމުތަކާވެސް ހަމަހަމަ ގުޅުމެކެވެ. އިސްލާމީ ގައުމުތަކާއި ހާއްސަ ގުޅުމެއް ބޭއްވެވި އެވެ. އަދި އަވައްޓެރި ގައުމުތަކާއިވެސް ވަކި ހާއްސަ ގުޅުމެއް ބޭއްވެވިއެވެ. މައުމޫންގެ ސަރުކާރުގައި ގުޅުން ގާއިމު ނުކުރެއްވީ ޔަހޫދީ ޓެރަރިސްޓް ދައުލަތެއް ކަމަށްވާ އިޒްރާއީލްއާ އެވެ. ނަމަަވެސް ނާސިރުގެ ވެރިކަމުގައި އިޒްރާއީލްއާ ގުޅުން ބޭއްވެވިއެވެ.
އެހެން ކަމުން ވެރިކަން ލިބިވަޑައިގެންފިނަމަ ހާރިޖީ ސިޔާސަތަކަށް ހައްދަވާނީ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން ގެންގުޅުއްވި ސިޔާސަތު ކަމަށް ގާސިމް ވިދާޅުވި ވިދާޅުވުން ސާފުކޮށް ދެއްވުމަށް ބައެއް މީހުން އެދިފައިވެެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު ބިނާ ކުރެއްވީ ދިވެހީންނަށް އެންމެ އެހީތެރިވާ ގައުމުތަކަށް އިސްކަން ދެއްވައިގެންނެވެ. އެގޮތުން ޗައިނާއާ ވަރަށް ހާއްސަ ގުޅުމެއް ބޭއްވެވިއެވެ.
އެކަމާއި ގުޅިގެން ދިވެހީންގެ ޒަމާންވީ އެކުވެރި އިންޑިއާގެ ގުޅުން ހީނަރުވި އެވެ. އެކަމަށް ޔާމީން މާބޮޑު ސަމާލު ކަމެއް ނުދެއްވަވައެވެ. ބޭބޭފުޅު މައުމޫނެކޭ އެއް ފަދައިން ރައީސް ޔާމީންވެސް އިސްލާމީ ގައުމުތަކާއި ހާއްސަ ގުޅުންތަކެެއް ބޭއްވެވި އެވެ. ނަމަވެސް ހަމަހަމަ ގުޅުމެއް ބޭއްވެވޭ ގޮތެއް ނުވި އެވެ.
އެ ގުޅުމުގައި އިސްކުރެެއްވީ ސައުދިއަރަބިއްޔާ އެވެ. އެ ގަައުމުގެ ނުފޫޒުގައި ގަތަރާއި އިރާނާ ގުޅުންވެސް ކަނޑާލެއްވިއެވެެ.
އެކަން އެހެން ހިނގާ ދިއުމުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ "ބޮއްސުން" ލާފައި އޮތް ހާރިޖީ ސިޔާސަތު ބަދަލު ކުރައްވާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް ޗައިނާއާ އޮތް ގުޅުން ހީނަރުވީ އެވެ. އިންޑިއާގެ ނުފޫޒު ވަރަށް ބޮޑުވި އެވެ. ރާއްޖެ-އިންޑިއާ ގުޅުން މިހާރު އޮތީ ސުވާލު އުފެދޭ ހިސާބުގައެވެ.
އަނެއް ކޮޅުން ސައުދީގެ ނުފޫޒުގައި ގުޅުން ކަނޑާލި އިރާނާއި ގަތަރާއެކު އަލުން ގުޅުން ބަދަހި ކުރެވުނީވެސް ސައުދީގެ ރުހުން ލިބި އެ ގައުމު އިސްވެ އެ ދެ ގައުމާއެކު ގުޅުން ބަދަހި ކުރުމުންނެވެ. އެހެން ކަމުން ސައުދީގެ ނުފޫޒުވެސް ކުރިއެކޭ އެއްގޮތަށް އެބަ އޮތެވެ.
ހާރިޖީ ސިޔާސަތުގައި ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބަކީ އދ ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖެ ތަމްސީލުވުމެވެ. މީގެ އިތުރުން އެހެން ގައުމުތަކާއި ގުޅުން ބަދަހިކޮށް ދިވެހީންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔައެވެ.
މާލިއްޔާގައި ބޭނުން ކުރައްވާނީ ސަމްސުއްދީނުގެ ރަސްކަމުގައި އަބްދުލްހަމީދު ގެންގުޅުއްވި ސިޔާސަތެވެ. ބަޑޭރިގެއަށް ވާރު އެއްކުރައްވާފައި ވިލާ ކުންފުންޏަށް ޖަމާކޮއްލާނީއެވެ. މިހާރު ހުރި ހުރިހާ ފައިދާވާ ކުންފުނިތައް ވެސް ވިލާގެ ދަށަށް ލާނީއެވެ. އެހެނިހެން ސިޔާސަތުތަކުގައިވެސް މުސްކުޅި ގޮތުގައި ހިފަހައްޓައިގެން ހުންނާނީއެވެ.