މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުރުދީ އަންހެނެއް ކަމަށްވާ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވި ފަހުން އީރާނުގައި ބުރުގައާ ދެކޮޅު ހަދާ އަންހެނުންގެ އަދަދު އިތުރު ވެފައި ވެއެވެ.
އަންހެނުން ބުރުގާ ބާލަން ހިތްވަރުދޭ މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެ ކަމަށާއި އެ ކުށް ސާބިތުވާ މީހުނަށް އިސްތިއުނާފު ކުރުމުގެ ހައްގު ނުދޭނެ ކަމަށް އީރާނުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ވިދާޅު ވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އީރާނުގައި އޮތް ހެދުން އެޅުމުގެ އުސޫލަށް ފުރައްސާރަކޮށް، މޯލްތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މަގުތަކާއި އެހެނިހެން އާންމު ތަންތަނުގައި ބުރުގާ އާ ނުލާ އުޅޭ އަންހެނުންގެ އަދަދު އިތުރު ވަމުންދާ ދަނޑިވަޅެއްގަ އެވެ.
އީރާނުގައި މަޝްހޫރު ބައެއް އަންހެންނާއި އެކްޓިވިސްޓުން ވެސް ވަނީ ފާއިތުވި މަސްތަކުގައި ސޯޝަލް މީޑިއާގައި މޫނު ބުރުގާ ނުލައި ފޮޓޯ ނެގުން އާންމު ކަމަކަށް ހަދައި އެކަމަށް ހިތްވަރު ދީފައި ވެއެވެ.
އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އީރާނުގެ ފުލުހުން މިދިއަ ހޮނިހިރު ދުވަހު އާންމު ތަންތަނުގައި ކެމެރާ ހަރު ކޮށްފައި ވަނީ އެފަދަ އަންހެނުން ދެނެގަނެ އަދަބުތައް ދިނުމަށެވެ.
"ބުރުގާ ނެގުން ޕްރޮމޯޓް ކުރުމަކީ ޖަރީމާއެއް. އެކަން ކްރިމިނަލް ކޯޓުގައި ބަލާނެ،" ޑެޕިއުޓީ އެޓާނީ ޖެނެރަލް އަލީ ޖަމާދީއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ. "ބުރުގާ ދޫކޮށްލަން އެހެން މީހުންނަށް ހިތްވަރު ދިނުމުގެ ކުށުގެ އަދަބު އަމިއްލައަށް ބުރުގާ ދޫކޮށްލުމުގެ ކުށަށް ވުރެ މާ ބޮޑު،"
މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުރުދީ އަންހެނެއް ކަމަށްވާ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވި ފަހުން އީރާނުގައި ބުރުގައާ ދެކޮޅު ހަދާ އަންހެނުންގެ އަދަދު އިތުރު ވެފައި ވެއެވެ.
މަހްސާ އަމީނީ ބަންދު ކޮށްފައި އޮތީ ހިޖާބު އުސޫލާ ހިލާފުވި ކަމަށް ބުނެ އެވެ. އެނާ މަރުވުމާ ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާތައް ސަލާމަތީ ބާރުތަކުން ވަރަށް ވަރުގަދައަށް ކުރިމަތިލާ ރޫޅާލާފައި ވެއެވެ