ރައީސް މިފަދަ އިލްްތިމާސެއް ކުރެއްވިއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ދިރާސާ އަހަރު ފެށުނުއިރު ބައެއް ސުކޫލުތަކުގެ ޓީޗަރުންނަށް ވަނީ ފިޔަަވަޅު އަޅާފައެވެ.
ކޮންމެ ކަމެއްގައިވެސް ދަރިވަރުންނަށް އަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކެވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެންމެ ރިވެތި ނަމޫނާއެއް ފެންނަން އޮތީ އިސްލާމީ އަދަބު އަހުލާގުގެ ތެރެއިން ކަމަށާ ދުވަސްވީ މީހުންނަށާއި އަވަށްޓެރީންނަށް އޯގާތެރިވެ ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމުމުން އެމީހުންގެ ލޯތްބާއި އެހީތެރިކަން ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. ސްކޫލަކީ ދަރިވަރުންގެ ދެވަނަ އާއިލާކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.
"ސްކޫލްގެ ކޮންމެ ކުއްޖަކީ ވެސް ތިޔަ ކުދިންގެ އެއްބަނޑު އެއްބަފާ ކުދިން ކަމުގައި ދެކި އެ ކުދިންނާ މުއާމަލާތު ކުރަން ވާނީ އެކުވެރިކަމާއި ހިތްހެޔޮ ކަމާއެކު. މި ފެށޭ ދިރާސީ އަހަރު ތިޔަ ކުދިންގެ އަޒުމަކަށް ހަދަންވީ ކޮންމެ ދުވަހަކުވެސް ސްކޫލްގެ އެހެން ކޮންމެވެސް ކުއްޖަކަށް ކިތަންމެ ކުޑަ ކަމެއްގައިވިޔަސް އެހީތެރި ކަމެއް ފޯރުކޮށް ދިނުން. އޭރުން ސްކޫލަކީ ކޮންމެ ކުއްޖަކަށް ވެސް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ މާހައުލަކަށް ވެގެންދާނެ. އޭރުން ތިޔަ ކުދިން ކޮންމެ ދުވަހަކު ސްކޫލުން ނުކުމެގެން ދާނީ ސްކޫލަށް ވަންނައިރު ހުންނަ އުފާވެރި ކަމަށް ވުރެ މާބޮޑު ހިތްހަމަ ޖެހުމަކާ އެކު،" ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދަރިންނަށް މިފަދަ ކަންކަމަށް އިލްތިމާސް ކުރާއިރު އަމަލީ ގޮތުން ނަމޫނާ ދައްކަވަން ތިއްބެވީ އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އަދި ސްކޫލް މާހައުލުގައި އެ ކުދިންގެ ބެލެނިވެރިން ކަމަށްވާ މުދައްރިސުން ކަމަށެވެ. އެހެންކަމުން ކޮންމެ ކަމެއްގައިވެސް ދަރިވަރުންނަށް އަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކެވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި މުދައްރިސުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް މިފަދަ އިލްްތިމާސެއް ކުރެއްވިއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ދިރާސާ އަހަރު ފެށުނުއިރު ބައެއް ސުކޫލުތަކުގެ ޓީޗަރުންނަށް ވަނީ ފިޔަަވަޅު އަޅާފައެވެ. އެ ގޮތުން އިމާދުއްދީން ސުކޫލުގެ ޓީޗަރަކާއި ނޮޅިވަރަމްފަރު ސުކޫލުގެ ޓީޗަރަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެ ނޫންވެސް ބައެއް ސުކޫލުތަކުގެ ޓީޗަރުންނަށް މިފަދަ މައްސަލަތަކުގައި ފިޔަވަަޅު އަޅާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ޔަގީން ކޮށްދީފައެވެ.
ރައީސް ސޯލިހް ވިދާޅުވީ ދިރާސީ އަހަރެއް ފެށޭ ދުވަހަކީ ކުރިއެރުމާއި ތަރައްގީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ އަހަރެއްގެ ތެރޭގައި ބައްދަލު ކުރާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.
ދިރާސީ އައު އަހަރު މިއަދު ފެށުނުއިރު 271 ސްކޫލެއްގައި ކިޔަވައި ދޭނެ އެވެ. އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރަމުން ދެއެވެ. އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނެ އެވެ.