އެސްޓީއޯއިން ސިއްހީ ދާއިރާ އަށް ބޭނުންވާ 96 އެމްބިއުލާންސްއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީފަ އެވެ.
އެމްބިއުލާންސުގެ ވިއުގަ ވަރުގަދަ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ކާމިޔާބު ކުރުމަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ހޯދަން ސަރުކާރުން މިވަނީ އެސްޓީއޯއާ ހަވާލުކޮށްފަ އެވެ.
އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮއްޓޭ) އެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އެވެ.
އެމްބިއުލާންސް ފޯރުކޮށްދޭން އެސްޓީއޯއަށް ދިން އަގެއް ހެލްތް މިނިސްޓްރީންވެސް އަދި އެ ކުންފުނިން ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެއްވެރެޖުކޮށް ސަޕްލަޔަރުން އެމްބިއުލާންސެއް ފޯރުކޮށްދޭ އަގު އުޅެނީ ފަސް ލައްކަ ރުފިޔާއާ މިލިއަނަކާ ދެމެދުގަ އެވެ.
ސަރުކާރުން ވަނީ 60 ރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ހިދުމަތަކީ ޑިމާންޑް ބޮޑު މުހިންމު ހިދުމަތަކަށް ވުމުން އެމްބިއުލާންސްއަށް ވަކި ވުޒާރާއެއް އުފައްދަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރު މަޖިލީހުގައި މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ.